ގޯތި ލިބުނު މީހުންނަށް ޔަގީންކަން ދޭން ޕޯޓަލް އިން ލިއުން ދީފި
ގޯތި ލިބުނު މީހުންނަށް ޔަގީންކަން ދޭން ޕޯޓަލް އިން ލިއުން ދީފި

ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ބިން ލިބުނު މީހުންނަށް، އެ ތަން ލިބޭނެ ކަމުގެ ޔަގީންކަން ދީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ލިޔުން ދެއްވައިފި އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން "އެކްސް"ގައި މިއަދު ކުރި ޕޯސްޓުގައި ބުނީ ގޯތި ލިބިފައިވާ މީހުންނަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމަށް، މިނިސްޓަރު ހައިދަރުގެ ނަމުގައި ދިން ލިޔުން، ހިޔާވެހި ޕޯޓަލް އިން ފެންނާނެ ކަމަށެވެ.

ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާވެސް މި ދިނީ، ގިރާވަރުފަޅުން ދޫކުރި 1،300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވަނިކޮށެވެ.

މިނިސްޓްރީން ކުރިން ބުނީ ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށެވެ. އެހެންވެ، އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމީ ކަމަށް ބުންޏެވެ.

ގުޅީފަޅަށް ގޯތި ބަދަލުކުރަން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅީފަޅަށް ބަދަލުވާން ހުށަހަޅާނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށާއި އެ ތާރީހު މިނިސްޓްރީން އަންގާނެ ކަމަށް ބުންޏެވެ.

ކުރީގެ ސަރުކާރުގެ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރި އެވެ. އެ ވެރިކަން ނިމުނުއިރު، ގޯތި ލިބުނު މީހުންނަށް ލިޔުން ދީ، ބައެއް މީހުންނަށް ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކުރި އެވެ.