07 މެއި 2017 - 11:52

މެންޗެސްޓާ (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ މޮޅު ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށާއި އެ ޓީމުގެ މައްސަލަ އަކީ ލަނޑު ނުޖެހުން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީ ވަނީ ރޭ އަމިއްލަ ދަނޑުގައި 5-0 އިން ކްރިސްޓަލް ޕެލަަސްގެ މައްޗަށް ހޯދި މޮޅާ އެކު ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި ސިޓީ އޮތީ ހަތަރު ވަނައިގައި އޮތް ލިވަޕޫލާ އެއްވަރަށް 35 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ.
ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ހުސްއަތާ މި ސީޒަނުގައި ނިންމާލަން ޖެހިފައިވާއިރު، އޭނާ ރޭގެ މެޗަށް ފަހު ބުނީ ސިޓީ އަށް ލިބުނު ފުރުސަތުތަކުގެ ދެބައި ކުޅެ އެއްބައި ގޯލަށް ހަދާލެވުނު ނަމަވެސް ސިޓީ އަށް ލީގަށް ވާދަކުރެވޭނެ ކަމަށެވެ.
"އަހަރެމެންނަށް ފެނުނީ އެންމެ ވަރުގަދަ ޓީމަކަށް ސިޓީ. މައްސަލަ އަކަށް ދިމާވީ ލަނޑު ނުޖެހުނީމަ. މުހިއްމު މެޗުތަކުގައި ފެނުނު އަހަރެމެން ކުޅުނު މޮޅު ކުޅުން. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ސިޓީން މޮޅަށް ކުޅުނީ އެކަމަކު މެޗު އެނބުރުނީ އަަހަރެމެންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭތީ،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ލަނޑު ނުޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ސިޓީން އަންނަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް ގެންނަން މަސައްކަތް ކުރަމުންނެވެ.
މި މޮޅާ އެކު ސިޓީ އަށް ގަދަ ހަތަރެއްގެ އުއްމީދު ބޮޑުވެފައިވާއިރު، ގާޑިއޯލާ ބުނީ ޗެލްސީ އާއި ޓޮޓެންހަމް ނޫން އެއްވެސް ޓީމަަކަށް އަދި ގަދަ ހަތަރެއް ޔަގީންވެފައި ނެތުމަކީ ދެން އޮތް ޓީމުތަކުން އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރާނެ ކަމެއް ކަމަށެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ލެސްޓާ ސިޓީ ވަނީ 3-0 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. ސްވަންސީ ސިޓީ ވަނީ 1-0 އެވަޓަންގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ރެލިގޭޓްވެފައިވާ ސަންޑަލެންޑް ވަނީ 2-0 އިން ރަށުން ބޭރުގައި ހަލް ސިޓީ ބަލިކޮށްފަ އެވެ.