މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ ކައުންސިލަށް ޑރ. ޝަހީމް
މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ ކައުންސިލަށް ޑރ. ޝަހީމް

މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެމްބަރަކަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވައިފި އެވެ.

އެ ޖަމިއްޔާގެ އެންމެ މަތީ މަޖިލީހަށް ޝަހީމް އައްޔަން ކުރެއްވީ، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމުލްއީސާ އެވެ.

މުސްލިމް ވޯލްޑް ލީގަކީ ނުވަތަ ރާބިތަތުލްއާލަމީލް އިސްލާމީ އަދި ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ބޭފުޅުން ހިމެނޭ ގޮތަށް މީގެ 62 އަހަރު ކުރިން 1962 ވަނަ އަހަރު އުފެއްދި، އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

އެ ތަނުގެ މައި އޮފީސް ހުންނަނީ މައްކާގަ އެވެ.

އިސްލާމީ ދައުވަތާއި ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ އިތުރުން އެ ޖަމިއްޔާގެ ދަށުގައި އެތައް ޔުނިވާސިޓީ/ކޮލެޖަކާއި ގުރުއާން ސެންޓަރުތައް ހިންގަ އެވެ.

ސައުދީގެ ވެރިރަށް، ރިޔާޒުގައި މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރާބިތާގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވަމަށް ޝަހީމަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.

މުސްލިމް ވޯލްޑް ލީގު ބެހިގެންވަނީ މައިގަނޑު ހަތަރު ކައުންސިލަކަށެވެ. އެއީ އެންމެ މަތީ މަޖިލީހާއި މިސްކިތްތަކާ ގުޅޭ ކައުންސިލާއި އިސްލާމީ ފިގުހު ކައުންސިލް އަދި ދީނީ އިލްމުވެރިންގެ އޯގަނައިޒޭޝަނެވެ.