ފަލަސްތީނު މީހަކު އިޒްރޭލު ޖަލުގައި 38 އަހަރަށް ފަހު މަރު
ފަލަސްތީނު މީހަކު އިޒްރޭލު ޖަލުގައި 38 އަހަރަށް ފަހު މަރު

އިޒްރޭލު ސިފައިންގެ މީހަކު މަރާލި ޖަމާއަތަކާ ގުޅުން އޮތް ކަމަށް ބުނެ އިޒްރޭލުން ހައްޔަރުކޮށް ޖަލަށްލި ފަލަސްތީނު މީހަކު ޖަލުގައި އޮންނަތާ 38 އަހަރު ފަހުން ކެންސަރު ބަލީގައި އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

އުމުރުން 62 އަހަރުގެ ވަލީދު ދައްގާ މަރުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޯންމެރޯ ކެންސަރު ޖެހިފައިވާކަން އެނގި ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލްގަ އެވެ. އަދި މީގެ ކުރިން ވެސް އޭނާއަށް ވަނީ ލޫކީމިއާ ޖެހިފަ އެވެ.

އިޒްރޭލު ރަށްވެހިކަން އޮންނަ ދައްގާ 1986 ވަނަ އަހަރުގެ މާޗް މަހު ހައްޔަރުކޮށް ޖަލަށްލީ 1984 ވަނަ އަހަރު އިޒްރޭލު ސިފައިންގެ މީހަކު ރަހީނުކޮށް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީންގެ ހަތިޔާރު އެޅި ގޮފީގެ މެންބަރެއް ކަމަށް ބުނެ އެވެ.

އޭނާގެ އުމުރު ދުވަހުގެ ހުކުމް 37 އަހަރަށް ކުޑަކުރި ނަމަވެސް 2018 ވަނަ އަހަރު އިތުރު ދެ އަހަރު އިތުރުކުރީ މޯބައިލް ފޯނު ޖަލަށް އެތެރެކުރަން އުޅުނު މައްސަލައެއްގަ އެވެ. އޭނާ މިނިވަންވާން އޮތީ 2025 ވަނަ އަހަރުގެ މާޗް މަހު އެވެ.

އިޒްރޭލު ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ޖަމިއްޔާއެއް ކަމަށްވާ ފަލަސްތީނުގެ ޕްރިޒަނާސް ކްލަބުން ބުނި ގޮތުގައި ދައްގާގެ މެޑިކަލް ޕެރޯލަށް އެދުނަސް ބަލައިނުގަނެ ބާތިލްކުރީ އެވެ.

އޭނާ ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ތަކުރާރުކޮށް ގޮވާލާފައިވެ އެވެ. އެ ޖަމިއްޔާއިން ބުނީ ހަމާސް އިން އޮކްޓޯބަރު، 7 2023 އިން ފެށިގެން ދައްގާއަށް އަނިޔާކޮށް އާއިލީ ބައްދަލުވުންތައް ވެސް މަނާކޮށްފައިވާ ކަމަށެވެ.

އިޒްރޭލު ޖަލުގައި މިހާރު އޮތް ފަލަސްތީނުގެ އެންމެ މަޝްހޫރު މީހަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އިޒްރޭލާ ދެކޮޅު ހަމަލާތަކުގައި އިސް ދައުރެއް އަދާކުރި ކަމަސް ބުނާ ފަތަހް ޖަމާއަތުގެ ކުރީގެ ލީޑަރެއް ކަމަށްވާ މަރްވާން ބާޣޫތީ އެވެ. އޭނާ އަށް އިއްވާފައިވަނި 20 އަހަރުގެ ހުކުމެކެވެ. -- އޭއެފްޕީ