ނިއު ޔޯކުގައި ބޮން ގޮއްވުމުގެ ފަހަތުގައިވާ މީހާ އެމެރިކާގެ ޖަލުގައި މަރުވެއްޖެ
ނިއު ޔޯކުގައި ބޮން ގޮއްވުމުގެ ފަހަތުގައިވާ މީހާ އެމެރިކާގެ ޖަލުގައި މަރުވެއްޖެ

ނިއު ޔޯކް (ފެބްރުއަރީ 19) - ނިއު ޔޯކުގައި 1990 ގެ އަހަރުތަކުގެ ކުރީކޮޅު ބޮމުގެ ހަމަލާތަކެއް ދިނުމުގެ ފަހަތުގައިވާ ޝެއިޚް އުމަރު އަބްދުއްރަހުމާން އެމެރިކާގައި ޖަލެއްގައި ހުއްޓާ މަރުވެއްޖެ އެވެ.

ނިއު ޔޯކުގެ މިސްކިތްތަކުގައި ވެސް ދީނީ ތަގްރީރު ދިން މިސްރަށް އުފަން ލޯފަން، 78 އަހަރުގެ ޝެއިޚުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 1996 ވަނަ އަހަރު އެވެ. ނިއު ޔޯކުގެ އެކި ހިސާބުތަކުގައި ބޮން ގޮއްވުމުގެ ހަރަކާތްތަކެއް އޭނާ ރޭވީ އެމެރިކާ އިން އިޒްރޭލަށާއި މިސްރަށް އެހީވުން ހުއްޓުވުމުގެ ގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ. ވޯލްޑް ޓްރޭޑް ސެންޓަރުގައި 1993 ވަނަ އަހަރު ބޮން ގޮއްވި ކަމަށް ވެސް ޝެއިޚް އުމަރުގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. އެ ހަމަލާގައި ވަނީ ހަ މީހުން މަރުވެފަ އެވެ. ނަމަވެސް އެ މައްސަލަ އިން އޭނާ ވަނީ ސަލާމަތްވެފަ އެވެ.

ޝެއިޚް އުމަރު މަރުވިކަން އިއުލާން ކުރީ މިސްރުގައި ތިބި އޭނާގެ އާއިލާގެ މީހުންނެވެ. މިސްރުގައި ދިން ވަރަށް ގިނަ ހަމަލާތަކުގައި ވެސް ވަނީ ޝެއިޚް އުމަރުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާއާ އަލްގައިދާއާ ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.