އިޒްރޭލު ސިފައިން ޣައްޒާގެ ދެކުނުން ފައިބައިފި
އިޒްރޭލު ސިފައިން ޣައްޒާގެ ދެކުނުން ފައިބައިފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ ހަ މަސް ފަހުން އިއްޔެ ޣައްޒާގެ ދެކުނު ސަރަހައްދުން ފައިބައިފި އެވެ.

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށައި ޣައްޒާއަށް އެއްގަމުން މަގުން އަރައި މުޅި ޣައްޒާ އޮތީ ހިސާރުކޮށްފަ އެވެ.

ޣައްޒާގެ އެހެން ހިސާބުތަކުގައި އަދިވެސް އިޒްރޭލު ސިފައިން ތިއްބަސް، ދެކުނު ސަރަހައްދުން ސިފައިން ފޭބުމުން، ހަމަލާތަކާ ހެދި އެ ސަރަހައްދު ދޫކޮށް ޣައްޒާގެ އެންމެ ދެކުނުން ރަފަހް ސަރަހައްދުގެ ވަގުތީ ހިޔާތަކުން ހިމާޔަތް ހޯދަމުން ދިޔަ ބައެއް މީހުން ވަނީ އެ މީހުންގެ ގެދޮރު ހުރި ހިސާބުތައް ބަލަން ގޮސްފަ އެވެ.

ޣައްޒާގެ ބައެއް ހިސާބުތަކުން އިޒްރޭލު ސިފައިން ފޭބި ނަމަވެސް އިޒްރޭލުގެ ސެކިއުރިޓީ ތަޖުރިބާކާރަކު އޭއެފްޕީ އަށް ބުނީ މިއީ ހަނގުރާމަ ނިންމާލަނީ ކަމަށް ބެލެވޭ ނިޝާނެއް ނޫން ކަމަށެވެ.

އިޒްރޭލު ސިފައިން ބުނީ ދެކުނު ސަރަހައްދުން ސިފައިން ފޭބި ނަމަވެސް އެކި ހިސާބުތަކުގައި އަދިވެސް "އެކަށީގެންވާ ވަރަށް" ސިފައިން ތިބޭނެ ކަމަށެވެ. އަދި ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ އިޒްރޭލު މިހާރު އޮތީ "ހަނގުރާމަ ކާމިޔާބުކުރުމާ އެންމެ ފިޔަވަޅެއް ގާތުގައި" ކަމަށް ބުނެފަ އެވެ.

ޣައްޒާގެ ދެކުނު ދޫކޮށް ދިއުމަށް ފަހު އެނބުރި އައި މުހައްމަދު ޔޫނިސް، 51، ބުނީ އޭނާ އަށް ބޮޑެތި ގެއްލުންތައް ނޫން އެހެން ކަމެއް ޣައްޒާއިން ފެންނަން ނެތް ކަމަށެވެ.

"ބޮން އެޅުމާއި މެރުމާއި ގެއްލުން ދީގެން ވެސް ނުފުދެނީތަ؟،" އޭނާ ސުވާލުކުރި އެވެ. "ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުންގެ ހަށިތައް އެބަހުރި. ނުބައި ވަސް ގަދަޔަށް އެބަހުރި."

ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ބެލުމުގެ މަޝްވަރާތައް އަނެއްކާވެސް ފަށައި ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާއިރު ނަތަންޔާހޫ އަނެއްކާވެސް ވަނީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން ދޫކޮށްލުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމުގެ އިންޒާރު ދީފަ އެވެ. ހަމާސް އިން އިޒްރޭލުގެ 250 މީހަކު ރަހީނުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައި ވާއިރު މީގެ ކުރިން ހަމަލާތައް މެދުކަނޑާލި އެއްބަސްވުމުގެ ދަށުން ބައެއް މީހުން ވަނީ މިނިވަން ވެސް ކޮށްފަ އެވެ.

ބާކީ ތިބި 100 އަށް ވުރެ ގިނަ މީހުން ސަލާމަތް ނުކުރެވި ނަތަންޔާހޫ އަށް ވަނީ ގައުމުގެ އެތެރެއިން ވެސް އެ އާއިލާތަކުގެ ޕްރެޝަރު ބޮޑުވެފަ އެވެ. -- އޭއެފްޕީ