07 އެޕްރީލް 2024 - 17:03

ފަލަސްތީނުގެ ޣައްޒާއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ފެށިތާ މިއަަދަށް ހަ މަސް ވީ އެވެ. އަނިޔާވެރިކަން ބޮޑު މި ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް ގިނަ އެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގެ ބަދަލު ހިފަން ކަމަށް ބުނެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 33،175 މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ ދެކުނަށް ހަމާސްއިން ދިން ކުއްލި ހަމަލާގައި އިޒްރޭލު މީހުންނާއި ބިދޭސީން ހިމެނޭ ގޮތަށް 1،170 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް އިޒްރޭލުގެ މައުލޫމާތުން ދައްކަ އެވެ.
ހަމަލާތަކުގައި މިހާ ހިސާބަށް އައިސްފައި ވާއިރު ހަމާސްގެ ހަނގުރާމަވެރިންގެ ތެރެއިން މަރުވި އަދަދު ބުނަން އެ ޖަމާއަތުން ވަނީ އިންކާރުކޮށްފަ އެވެ. އެކަމަކު އިޒްރޭލުން ބުނަނީ ހަމާސްގެ 12،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށެވެ.
އެއްވެސް ހަނގުރާމައެއްގައި، ގެއްލުންތައް ކަށަވަރުކަމާ އެކު ނުބުނެ އެވެ. އެއީ އެ އަދަދުތައް މިނިވަންކަމާ އެކު ކަށަވަރުކޮށްނުދެވޭތީ އެވެ.
ހަމާސް އިން އޮކްޓޫބަރު 7 ގައި ދިން ހަމަލާގައި އިޒްރޭލުގެ 1،170 މީހުން މަރުވި ކަމަށް އޭއެފްޕީގެ ހިސާބުތަކަށް ބެލުމުން އެނގެ އެވެ.
ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 600 މީހަކު މަރުވެފައިވާ ކަމަށާއި އޭގެތެރެއިން 260 މީހުންނަކީ ޣައްޒާގެ އެތެރޭގައި މަރުވި މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި، އިޒްރޭލު ސިފައިންނާއި އާންމުން ހިމެނޭހެން އިޒްރޭލުގެ 17 މީހަކު މިދިޔަ ހަ މަސް ތެރޭ ވަނީ އެކި ކުރިމަތިލުންތަކުގައި މަރުވެފަ އެވެ.
ލުބުނާނުން ހިޒްބުﷲގެ ރޮކެޓާއި މިސައިލް ހަމަލާތަކުގައި އާންމުންގެ އަށް މީހަކާއި އިޒްރޭލު ސިފައިންގެ 10 މީހަކު އިޒްރޭލުގެ އުތުރުގައި މަރުވެފައިވެ އެވެ. އަދި ދިހަހާސް މީހުން ވަނީ އެ ސަަހައްދުން ގެދޮރު ގެއްލިފަ އެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ރަހީނުކުރި ގާތްގަނޑަކަށް 250 މީހުންގެ ތެރެއިން 129 މީހުން އަދިވެސް ތިބި ކަމަށް ބެލެވެނީ ޣައްޒާގަ އެވެ. އޭގެ ތެރެއިން 34 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލު ސިފައިން ބުނެ އެވެ.
ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން 12 މީހެއްގެ ހަށިގަނޑު އިޒްރޭލަށް އަނބުރާ ގެންގޮސްފައިވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއިން އިޒްރޭލަށް 9،100 ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ.
އިޒްރޭލުން ވަނީ ސިފައިންގެ 300،000 ރިޒާވިސްޓުންނަށް މަސައްކަތަށް ނުކުތުމަށް އެދިފަ އެވެ. މީގެ ތެރެއިން 17 ޕަސެންޓަކީ އަންހެނުންނެވެ.
އިޒްރޭލުން ހަ މަސް ވަންދެން ދިން ހަމަލާތަކުގައި 33،175 މީހުން ފަލަސްތީނުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހަމާސްގެ 12،000 ހަނގުރާމަވެރިއަކު ވާނީ "ނައްތާލައިފަ" އެވެ. އޭގެ ތެރޭގައި ފަސް ބްރިގޭޑް ކޮމާންޑަރުންނާއި 20 ބެޓޭލިއަން ކޮމާންޑަރުން ހިމެނޭ ކަކަށް ވެސް ބުންޏެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ އިތުރު 459 މީހުން މަރުވެފައިވާ ކަމަށް ރާމަﷲ ގައި ހުންނަ ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުން ބުނީ އަސްކަރިއްޔާއިން =ހުޅަނގު އައްސޭރީގައި ހިންގާ އޮޕަރޭޝަންތަކުގައި "420 ޓެރަރިސްޓުން ނައްތާލާފައިވާ" ކަމަށެވެ.
ހަމަލާތައް ފެށުނު ފަހުން ޣައްޒާގެ 32،000 އަމާޒަކަށް ވައިގެ މަގުން ހަމަލާދީފައިވާ ވާނެ ކަމަށް އިޒްރޭލުން ބުންޏެވެ.
އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ލުބުނާން ސަރަހައްދުން ވެސް 359 މީހުން މަރާލާފައިވާ ކަމަށާި ގިނައީ ހިޒްބުﷲގެ ހަނގުރާމަވެރިން ކަމަށްވާއިރު، އާންމުންގެ 70 މީހުން ވެސް މަރުވެފައިވާ ކަމަށް އޭއެފްޕީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ބޯޑަރު ހުރަސްކޮށް ލުބްބާންގެ ދެކުނަށް ދޭ ހަމަލާތަކުގައި ހިޒްބުﷲ އާއި ހަމާސް އާއި ހަގުރާވެރި ޖަމާއަތްތަކުގެ 359 މީހަކު ވަނީ މަރުވެފަ އެވެ.
ހަމާސް އާއި ހިޒްބުالله އާއި ގުޅިފައިވާ އަމާލް ހަރަކާތް ހިމެނޭ ގޮތަށް ލުބުނާނުގެ އެހެން ޖަމާއަތްތަކުގެ ހަނގުރާމަވެރިން ވެސް ޖުމްލަ އަދަދުގައި ހިމެނެ އެވެ.
އޭއެފްޕީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސީރިއާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުاللهގެ 23 ހަނގުރާމަވެރިން މަރުވެފައިވާއިރު، މިދިޔަ ހަފްތާގައި ދިމިޝްގުއަށް ދިން ހަމަލާއެއްގައި އީރާނުގެ އިންގިލާބީ ގާޑުންގެ ހަތް ސިފައިން ވަނީ މަރުވެފަ އެވެ.
އިސްރާއީލުން ބުނާ ގޮތުގައި ލުބުނާނުގައި ވައިގެ މަގުން 1،400 އަމާޒު އަދި އާޓިލަރީ އާއި ރޮކެޓް އަދި ޓެންކްތަކުން 3،300 އަމާޒު ވަނީ ހަމަލާދީފަ އެވެ.
އެގައުމުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުން ބޯޑަރު މަތިން 3،100 ރޮކެޓް އަދި ސީރިއާ އިން 35 ރޮކެޓް ޖަހާފައިވާ ކަމަށެވެ.