19 ފެބުރުއަރީ 2017 - 13:01

ރޯމް (ފެބްރުއަރީ 19) - ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮލޯ ޑީބަލާގެ އަގު 150 މިލިއަން ޕައުންޑަށް އަރާނެ ކަމަށް އޭނާ ކުރިން ކުޅުނު ކްލަބް ޕަލާމޯގެ ރައީސް މައުރީޒިއޯ ޒަމްޕަރީނީ ވިދާޅުވެއްޖެ އެވެ.
ޕަލާމޯ ދޫކޮށް 2015 ވަނަ އަހަރު ޑީބަލާ ޔުވެންޓަސް އަށް ސޮއިކުރީ 32 މިިލިއަން ޕައުންޑަށެވެ. އުމުރުން 23 އަހަރުގެ ޑީބަލާ އަކީ ޔޫރަޕްގައި މި ވަގުތު އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭނާ ހޯދުމަށް ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް ހިމެނެ އެވެ.
ޒަމްޕަރީނީ ވިދާޅުވީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ފެންވަރާ ގާތަށް ވެސް ކުޅެވޭނެ ކުޅުންތެރިޔަކަށް މި ވަގުތު ހުރީ ޑީބަލާ ކަމަށެވެ.
"ފުޓްބޯޅައިގެ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މެސީ ފެންވަރުގެ ކުޅުންތެރިޔަކު ދެން ނާންނާނެ ކަމަށް ބުނަމުން. އަހަރެން ބުނާނީ މެސީގެ ފެންވަރާ ގާތަށް އާދެވޭ ކުޅުންތެރިޔަކަށް ހުރީ ޑީބަލާ ކަމަށް،" ޒަމްޕަރީނީ ވިދާޅުވި އެވެ. "މި ވަގުތުގެ ޓްރާންސްފާ މާކެޓްގެ އަގުތަކަށް ބަލާއިރު ޑީބަލާގެ އަގު ހުންނާނީ 150 މިލިއަން ޕައުންޑުގައި."
މިދިޔަ ހުކުރު ދުވަހުގެ ރޭ ޕަލާމޯ އަތުން ޔުވެންޓަސް މޮޅުވީ 4-1 އިންނެވެ. މި މެޗުން މޮޅުވެ ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެހެން ނަމަވެސް މިރޭ ރޯމާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ޔުވެންޓަސްގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ.
ޑީބަލާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ޕަލާމޯ ކޮޅަށް ދެ ލަނޑު ޖަހައި އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ޑީބަލާ އަކީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ކުޅުންތެރިއެއް ކަމަށެވެ.
ޔުވެންޓަސް އިން އަންނަނީ ޑީބަލާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.