އިންތިހާބަށް މި އޮތް ކުޑަ ދުވަސްކޮޅު ކެމްޕެއިން ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި
އިންތިހާބަށް މި އޮތް ކުޑަ ދުވަސްކޮޅު ކެމްޕެއިން ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި

މަޖިލިސް އިންތިހާބަށް ބާކީ މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޕީއެންސީގެ ކެންޑިޑޭޓުން ވަރުގަދަ މަސައްކަތްކޮށް ކެމްޕެއިން އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

އިންތިހާބަށް މި އޮތް ކުޑަ ދުވަސްކޮޅު ކެމްޕެއިން ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި
އިންތިހާބަށް މި އޮތް ކުޑަ ދުވަސްކޮޅު ކެމްޕެއިން ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި

ފޮނަދޫ ދާއިރާގެ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ އަދި ފެލިދޫ ދާއިރާއަށް ވާދަކުރައްވާ އާދަމް ޒާހިރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައީސް ވިދާޅުވީ ގައުމުގެ މިސްރާބު ގެއްލިފައިވަނިކޮށް، މި ގައުމު އަނބުރާ ރަނގަޅުކުރުމުގެ ފުރަތަމަ މަރުހަލާ ނިމިއްޖެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގައުމީ ރޫހުގައި ކުރި މަސައްކަތުގެ ނަތީޖާގެ ވަރަށް ރަނގަޅު ކަމަށާއި އެކަން ފުރިހަމަކުރުމުގެ ދެ ވަނަ މަރުހަލާއަކީ، ރައީސް ވިދާޅުވި ގޮތުގައި މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބެވެ.

މި ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ވިސްނުމުގައި ތިބި މެމްބަރުން ހޮވައިގެން ކަމަށާއި އެގޮތުގައި މަސައްކަތްކޮށް ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ކަންކަމުގައި އެއްބާރުލުން ނުދޭނެ މެމްބަރުން ހޮވައިގެން ރައްޔިތުންގެ އުއްމީދުތައް ހާސިލްނުވެ، ބުރެކި ޖެހި، މަޑުޖެހޭ ގޮތް ވާން ފުރުސަތު ދެއްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވެ، ވަރުގަދަ މަސައްކަތްތަކެއް ބާކީ މި އޮތް ދެ ހަފުތާއެއްހާ ދުވަހު ކޮށްދެއްވަންވީ. ކުރައްވަވާ، މި އިންތިހާބު ކާމިޔާބުކުރުމުގައި ފޮނި މީރު ނަތީޖާ، ފޮނި މީރުކަން ހޯދުމަކީ އަޅުގަނޑުމެން އެންމެން އުފަލަކަށް ހައްދަވަންވީ." ރައީސް ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރައާއި ކުޑަކުދިންނަށް ބުލީކުރުން ފަދަ ކަންކަން ގިނަވެފައިވާ ކަމަށާއި އެކަން ރަނގަޅުކުރުމަށް މެނިފެސްޓޯގައި ހިމަނާފައި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، މުޖުތަމައު އެކުއެކީގައި އެއް ރޫހެއްގައި މަސައްކަތްކުރަން ގާނޫނުތައް ހަދަންޖެހޭތީ، އޯގާތެރި މުޖުތަމައުއަކަށް އެއްބާރުލުން ދޭނެ މެމްބަރުން ހޮވަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެވޭނީ ސަރަހައްދީ ތަރައްގީ ހޯދައިގެން ކަމަށް ވާތީ، މި ސަރުކާރުން ވަނީ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރުތަކެއް ގާއިމްކުރަން ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން އެއް ތަނަކީ ފޮނަދޫ އެވެ. ރައީސް ވިދާޅުވި ގޮތުގައި މަޖިލިސް ތެރެއިން މުހިއްމު މަސައްކަތެއް އަދާކޮށްގެން ނޫނީ އެކަން ހާސިލެއް ނުވާނެ އެވެ.

ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކި، ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގެން، ރައީސް ވިދާޅުވީ މި ފުރުސަތު ބީވެގެން ގޮސްފިނަމަ ހިތާމަކުރާނެ ކަމަށެވެ.

ތަރައްގީ ހާސިލްކުރަން ބުރަ މަސައްކަތްކޮށް، އޭގެ ނަތީޖާ ފެންނަން ފަށާފައިވާއިރު، ފުދުންތެރިކަން އިތުރުވެ، އިގުތިސޯދު ވަރުގަދަވާން ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށްވާތީ، މި ސަރުކާރަށް ސާފު އަޣުލަބިއްޔަތު ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.