20 ފެބުރުއަރީ 2017 - 06:06

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސްޓޭޓް ފޯ ޔޫތު އެފެއާޒް މިނިސްޓަރު ކަމަށް ޝައްމާ ބިންތު ސުހައިލް ބިން ފާރިސް އަލް މަޒްރޫއީ އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ އުމުރުން 22 އަހަރުގަ އެވެ. އެއާ އެކު އޭނާ ވެފައި ވަނީ ދުނިޔޭގެ އެންމެ ޒުވާން ވަޒީރަށެވެ.

ޔޫއޭއީގެ ކެބިނެޓް ވެބްސައިޓުގައި ބުނެފައިވާ ގޮތުން ޝައްމާގެ ޒިންމާ އަކީ ޒުވާނުންގެ މައްސަލަތައް ވަޒީރުންގެ ކައުންސިލަށް ގެނެސް ޒުވާނުންގެ ތަރައްގީ އާއި ކުރިއެރުމަށް ޕްލޭންތައް ރާވައި ތަންފީޒު ކުރުމެވެ.
ވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން ޝައްމާ މަސައްކަތްކުރެއްވީ ދުބާއީގެ އެންމެ ބޮޑު އެއް ސަވަރިން ވެލްތު ފަންޑު "ޕްރައިވެޓް އިކުއިޓީ"ގަ އެވެ. އަދި ޔޫއޭއީ އިން އދ. އަށް ކަނޑައަޅާފައިވާ މިޝަންގެ ޕަބްލިކް ޕޮލިސީ އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ. އަދި ބޮޑުވަޒީރުގެ އޮފީހާއި ޔޫއޭއީގެ ސްޓްރެޓެޖިކް އެފެއާޒް އޮތޯރިޓީގެ އެޑިއުކޭޝަން ޕޮލިސީ ރިސާޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ޔުނިވަސިޓީ އޮފް އޮކްސްފޯޑުން 2015 ވަނަ އަހަރު ޑިސްޓިންކްޝަނަކާ އެކު މާސްޓާސް ހާސިލްކުރައްވާފައިވާ ޝައްމާ މިދިޔަ ހަފުތާގައި ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔޫއޭއީގެ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޒުވާނުންނަށް އިންވެސްޓްކުރަން ކަމަށާއި އެއީ ކުރިމަގަށް އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށެވެ.
ޝައްމާ އަކީ އެންމެ ޒުވާނުން ވަޒީރު ކަމަށް ވާތީ އޭނާ ޒުވާނުންނާ ބެހޭ ގޮތުން ދައްކަވަނީ ހަގީގަތަށް ވުރެ މާ ދުރުގައިވާ ވާހަކަތަކެއް ކަމަށާއި ތަޖުރިބާ ހުރި މީހަކު އެގޮތަށް ވާހަކަ ނުދައްކާނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އެކަމަކު ސީއެންއެން އަށް ދެއްވި އިންޓަވިއުގައި ޝައްމާ ވިދާޅުވީ ޒުވާނުނާއި ސަރުކާރާ ގުޅުން ކެނޑި އެ ދެމެދުގައި ހުސްކަމެއް އުފެދިއްޖެ ނަމަ އެ ޖާގައަށް އަންނާނީ ބޮޑެތި މައްސަލަތައް ކަމަށާއި އެއީ ގައުމަށް ގެއްލުމާއި ހަލާކު ހުރި މައްސަލަތައް ކަމަށް ވާނެ ކަމަށެވެ. އެހެންވެ ޒުވާނުންގެ މައްސަލަތައް ނޭނގި، ޒުވާނުންނާ އެކު މަސައްކަތްކޮށްގެން ނޫން ގޮތަކަށް މި ހުސްކަން ނައްތާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ގައުމަށް ޚިދުމަތް ކުރުމަކީ ކުޑައިރުންސުރެ ވެސް ވަރަށް ބޭނުންވާ ކަމެއް. އެކަމަކު އެއީ ވަކި ދާއިރާކުން ނޫން. އެހެންވެ މާދަމާ އެހެން ދާއިރާކުން ހިދުމަތް ކުރަން ޖެހުނަސް އެކަމެއްގައި ކުރިއަށް ދާނަން،" އިންޓަވިއުގައި ޝައްމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް ކާމިޔާބީ ހޯދުމުގެ އަޒުމާ އެކު ކުރިއަށްދާ ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ. ގައުމެއް ކުރިއަރާނީ ސަރުކާރުން ވެސް އަދި އަމިއްލަ ފަރާތްތަކުން ވެސް ޒުވާނުންނާ ގުޅިގެން ކުރާ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.