ހަމަލާތައް ހުއްޓާލުމަށް ހަމާސްއިން ކުރި ޝަރުތުތައް ބަދަލެއް ނުކުރާނެ
ހަމަލާތައް ހުއްޓާލުމަށް ހަމާސްއިން ކުރި ޝަރުތުތައް ބަދަލެއް ނުކުރާނެ

ފަަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަަމަލާތައް ހުއްޓާލުމަށް ހަމާސް އިން އެންމެ ފުރަތަމަ ކުރި ޝަރުތުތަކަށް ބަދަލެއް ނުގެންނާނެ ކަމަށާއި އެކަމަކު ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ކުރާ މަޝްވަރާތަކުގައި މިފަހަރު ވެސް ބައިވެރިވާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

"ހަމާސްއިން ދެމިއޮންނާނީ މާޗް 14 ގައި ހުށަހެޅި ޝަރުތުތަކުގެ މަތީގައި. މި ގޮތް ބަދަލެއް ނުކުރާނަން،" ހަމަލާތަކަށް ހަ މަސް ވުމާ ދިމާކޮށް އަލުން ފަށާ މަޝްވަރާތަކާ ބެހޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

މި ބަޔާނުގައި ހަމާސް އިން ކުރިން ވެސް ބަޔާންކުރި ޝަރުތުތައް ވަނީ ތަކުރާރުކޮށްފަ އެވެ.

"ހަމާސްގެ ހުށަހެޅުމަކީ ... ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި ޣައްޒާއިން ބޭރުކޮށްލާފައިވާ އާންމުންނަށް އެ މީހުން އުޅުނު ހިސާބުތަކަށް އަލުން ދިއުމުގެ ފުރުސަތު ދިނުމާއި އާންމުން މިނިވަންކަމާ އެކު ޣައްޒާގައި އުޅުމުގެ ފުރުސަތު ދިނުމާއި އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުން އަދި ރަހީނުން މިނިވަންކުރުމުގެ ސީރިއަސް މަޝްވަރާތަކެއް ފެށުން،" ހަމާސް އިން ބުންޏެވެ.

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދީ 1،160 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް މިއަދު ހަ މަސް ފުރޭއިރު އެމެރިކާ އާއި އިޒްރޭލާއި ހަމާސް އާއި ގަތަރު ވެސް ބައިވެރިވާ މަޝްވަރާތައް މިސްރުގައި ފެށުމަށް ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާވެސް ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. ހަމާސްގެ ބަޔާން އައީ މި ގޮވާލުމަށް ރައްދު ދިނުމުގެ ވެސް ގޮތުންނެވެ.

ހަމަލާތަކަށް ހަ މަސްވީ އިރު އިޒްރޭލުން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ބައިނަލްއަގުވާމީ ކޯޓާއި އދ.ގެ އެންގުންތަކާއި އަމުރުތަކަށް ވެސް އިޒްރޭލުން ކިޔަމަންނުވެ ހަމަލާތައް އަދިވެސް ގެންދަނީ ދެމުންނެވެ. -- އޭއެފްޕީ