07 އެޕްރީލް 2024 - 08:19

މާލޭގެ ހަލަބޮލި މާހައުލާ ދުރުވުމަކީ އަހަރެން އަބަދު ވެސް ދެކޭ ހުވަފެނެކެވެ. ފިރިމީހާ ޖައުފަރުގެ އެޕާޓްމަންޓް ބޮޑު އަގުގައި ކުއްޔަށް ދިނުމަށްފަހު އަހަރެމެން ސ. ހިތަދޫއަށް ދިރިއުޅުން ބަދަލު ކުރި ސަބަބަކީ އެއީއެވެ. ރާއްޖެތެރޭގެ މާހައުލަކީ އަހަރެން އަބަދު ވެސް ވަރަށް ހިތްހަމަޖެހޭ ތަނެކެވެ. ސާފު ވެއްޓެއްގައި ދިރިއުޅުމަކީ އަހަރެންގެ އުއްމީދެކެވެ. އަހަންނަކީ އަބަދުވެސް ހަމަހިމޭން ކަމަށް ވަރަށް ލޯބި ކުރާ މީހަކީމެވެ.
ދިގު މުއްދަތަށް ކުއްޔަށްދޭ ގެއެއް އަހަރެމެންނަށް ލިބުނީ މީހުން އުޅޭ ސަރަހައްދާ މާ ދުރުންނެވެ. އެކަމާ އަހަރެން ވަރަށް އުފާ ކުރީމެވެ. އަހަންނަށް ބޮޑަށް ރަނގަޅީ ވެސް އެ ގޮތެވެ.
އަހަރެމެންގެ އާ ގެއަކީ މީގެ ދެ ތިން އަހަރު ކުރިން ބަޔަކު އުޅެފައި ހުރި ތަނެކެވެ. ނަމަވެސް އަހަރެމެންނަށްޓަކައި ގޭގެ ވެރިފަރާތުން ވަނީ އެ ގޭގެ އާބާތުރަ ފިލުވައި ރީތިކޮށްފައެވެ. އަހަންނަކީ މުއްސަނދި ކަމާއި ރީތި އެއްޗެއްސަށް ލޯބި ކުރާ މީހެއްކަމުން ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ޖައުފަރު ހޯދީ އަހަރެން ބޭނުންވާ ގޮތަށެވެ. ޖައުފަރުއަކީ އަހަންނަށް ވުރެ 10 އަހަރު ދޮށީ މީހަކަށް ވިޔަސް އަހަރެން އޭނާއާ ކައިވެނި ކުރީ އޭނާއަށް އަހަރެން ގެންގުޅެވޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ.
"މިހާރު ހިތްހަމަ ޖެހިއްޖެތަ؟" ޖައުފަރު އަހާލިއެވެ.
މެދު ގޭގައި އޭނާ ބެހެއްޓީ ހުދު ކުލައިގެ ދެ ގޮނޑީގެ އުނދޯއްޔެކެވެ. އަހަންނަކީ އުނދޯލީގައި އިންނަ ހިތް ވާ މީހެއްކަން ޖައުފަރުއަށް އެނގެއެވެ.
"އަހަރެންގެ ހިތްހަމަ ޖެހުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ޖައުފަރު ކޮށްފާނެ،" ހީލަމުން އަހަރެން ބުނީމެވެ.
އަހަރެމެންގެ އާ ގޭގައި ހޭދަ ކުރާ ފުރަތަމަ ރެޔެވެ. ޖައުފަރު އޮތީ އަހަރެންގެ ގައިގައި ބައްދާލައިގެންނެވެ. މާލެއަށް ވުރެ ހުރިހާ ގޮތަކުން ވެސް ރާއްޖެތެރެ ހިތްފަސޭހަ ވާހަކަ އަހަރެން ތަކުރާރުކޮށް އޭނާ ގާތު ބުނަމުން ދިޔައީމެވެ. ޖަވާބެއް ނުލިބުމުން ބަލައިލި އިރު ޖައުފަރުއަށް އޮތީ ނިދިފައެވެ. އޭރު ގަޑިން 12 ޖަހަނީއެވެ. އެހެންވެ، އަހަރެން ވެސް ބެލީ އަވަހަށް ނިދޭތޯއެވެ.
ޖެހިގެން އައި ދުވަހު ޖައުފަރު ހޭލައިގެން އައީ އަހަރެން ބަދިގޭގައި ހުއްޓައެވެ. ސޭންޑްވިޗާއި ޕޭން ކޭކް ތައްޔާރު ކޮށްފައި ހުރުމުން ޖައުފަރު ވަރަށް ގަޔާވެއްޖެ ކަން އަހަންނަށް އެނގުނެވެ.
"މޮޅު ކައްކާއެކޭ ދޯ،" ޖައުފަރު ބުންޏެވެ.
އަހަރެން ވަރަށް އުފާވިއެވެ. ފިރިމީހާއަށް ކައްކާފައި ކާން ދިނުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ.
"ވަރަށް ބޮޑަށް ހޫނު ވެއްޖެ. ފެންވަރާލައިގެން މި އަންނަނީ،" ތެދުވަމުން އަހަރެން ބުނީމެވެ. ރައްދުގައި ޖައުފަރު ބޯ ޖަހާލީ ހިނިތުން ވެލަމުންނެވެ.
ހިޔާލެއް ފިކުރެއް ނެތި އަހަރެން ފެންވަރަން ފެށީމެވެ. ފެން ފިނިކަމުން މާގަނޑު ދަށުން ދުރަށް ދާ ހިތެއް ނުވިއެވެ. އަހަރެން ހުރީ އޮހޮރެމުން ދާ ފެންތަކުގެ ތެރޭގައި ދެ ލޯ މަރައިގެންނެވެ. ކުއްލިއަކަށް ލޯ ހުޅުވައިލެވުނީ ޖައުފަރު އައިސް އަހަރެންގެ ގައިގައި ބައްދާލުމުންނެވެ.
"ކީއްވެ ތި އައީ؟" އަހަރެން އެހީމެވެ.
"ފެނުނީމަ ކެތް ނުކުރެވުނީ،" ޖައުފަރު ބުނެލީ އަހަރެންގެ ކަންފަތް ކައިރީގައެވެ.
"އަލަށްތަ ތި ފެނުނީ؟" ހިނިގަނޑެއް ޖަހައިލަމުން އަހަރެން ބުނީމެވެ.
"އަލަށް، މި ބުނީ... ފެންނަ ކޮންމެ ވަގުތަކު ވެސް ހީވަނީ ހަމަ އަލަށް ފެންނަ ހެން،" ޖައުފަރު ބުންޏެވެ.
އަހަރެންގެ ދެ ކޮނޑުގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލިއެވެ. އެ ވަގުތު އަހަންނަށް ވެސް ޖައުފަރުއާ ގާތަށް ޖެހިލެވުނެވެ.
"ހާދަ ތަފާތޭ، ޖައުފަރު މިހާރު ކުރިއަށް ވުރެ މާ މޮޅު،" ލާނެތް ރާގަކަށް އަހަރެން ބުނީމެވެ. އެ ވަގުތު އޭނާ ހީލި ތަން އަހަންނަށް ފެނުނެވެ.
"ތިހާ ރީތި ކުއްޖަކު އަހަރެން ނުދެކެމޭ، އެހެންވީމަ ވާނީ މިހެން ދޯ،" ޖައުފަރު ބުންޏެވެ.
އަހަރެންގެ ގައިން ދޫ ކޮށްލުމަށްފަހު އޭނާ ގޮސް ވަނީ ކޮޓަރި އަށެވެ. ފާހާނާގެ ބިތުގައި ލައްވެ ހުރެ އޭރު އަހަންނަށް މާނޭވާ ލެވެމުން ދެއެވެ.
ރީތި ވެގެން އަހަރެން ކޮޓަރިން ނިކުތީ ޖައުފަރު ހޯދާށެވެ. ސިޓިންރޫމްގައި ހުރި އުނދޯލީގައި އޭނާ ޓީވީ ބަލަން އިން ތަން ފެނި އަހަންނަށް ހިނިތުން ވެލެވުނެވެ. ފަހަތުން ގޮސް ޖައުފަރުގެ ގައިގައި ބައްދައިލެވުނީ ވެފައި ހުރި އުފަލެއްގެ ބޮޑު ކަމުންނެވެ.
"ހާދަ ލަސްވީ؟" އޭނާ އަހައިލިއެވެ.
"ދެން އަހަންނާ ދިމާ ކުރާނެ ކަމެއް ނެތް، ޖައުފަރުއާ ހެދި އެއްނު ލަސްވީ؟" އަހަރެން ބުނީމެވެ.
"އަހަރެން މި އިންނަނީ ޝެނީ އަންނަން ދެން،" ޖައުފަރު ބުންޏެވެ.
"ހޫމް، ދެން ހެވޭ، ޖައުފަރު އަވަސްއަވަސް ކޮށްގެން ނިކުތަސް އަހަރެމެން ބޯ ދޮންނަން ވަރަށް ގިނަ އިރު ނަގާނެ،" އަހަރެން އޮޅުންފިލުވައި ދިނީމެވެ.
ޖައުފަރު އިތުރަށް އެ ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް އޭނާ ގާތު ޓީވީ ބަލަން އިށީނީއެވެ.
"އަހަރެން އެބަ ޖެހޭ ދެ ތިން ދުވަހަށް މާލެ ގޮސްލަން." ޖައުފަރު ބުންޏެވެ.
އޭނާ އެހެން ބުނުމުން އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
"ކިހިނެއްވީ؟ ހާދަ ގޮތަކަށް ތި ބަލަނީ؟ އަހަރެން ދާނީ ޝެނީ ގޮވައިގެންނޭ،" ޖައުފަރު ބުންޏެވެ.
"ކުއްލިއަކަށް މާލެ ދާން ޖެހުނީ ކީއްވެ؟" އަހަރެން އެހީމެވެ.
"ކުއްޔަށް ދީފައި ހުރި ގުދަން އެ މީހުން ދޫކޮށްލައިފި. އަހުސަނު ބުނީ އަލުން ކުއްޔަށް ދޫ ކުރުމުގެ ކުރިން މަރާމާތު ކުރަން ޖެހޭނެޔޯ. އެހެންވެ، އެ ތަން ބަލައިލަން." އޭނާ ކިޔައިދިނެވެ. ގަބޫލު ކުރުމުގެ ގޮތުން އަހަރެން ބޯ ޖަހައިލީމެވެ.
"އަހަރެން ނުދާނަން. ޖައުފަރު ގޮސްލާ، އަހަންނަށް ކެރޭނެ ހުންނަން،" ޓީވީއަށް ނަޒަރު ހިންގާލަމުން އަހަރެން ބުނީމެވެ.
ޖެހިގެން އައި ދުވަހު ޖައުފަރު ފުރައިގެން ދިޔައެވެ. އޭނާ ދިޔުމުން އަހަރެން ފޫހި ވާން ފެށިއެވެ. އެހެންވެ ހަވީރުގެ ވަގުތު އަހަރެން ބޭރަށް ނިކުމެލީމެވެ. އެ ސަރަހައްދަކީ ގަސްތަކުން ފެހި ވެފައި އޮންނަ ހިތް ފަސޭހަ މާހައުލެކެވެ. ހިޔާލެއް ފިކުރެއް ނެތި އަހަރެން ހިނގަމުން ދިޔައީމެވެ.
މާ ދުރަށް ދެވުނު ފަހުން އަހަރެން ހުއްޓުނީ މަގު އޮޅިގެންނެވެ. ގަސްތަކުގެ ތެރޭގައި ހުރި ހަނި މަގުތަކުން ލައިފައި އަހަންނަށް ދެވުނީ މާ ދުރަށެވެ. އަހަރެން ހާސްވީ އެ ހިސާބުންނެވެ. ފޯނު ވެސް ވީ ގޭގައެވެ. ކަންބޮޑުވެ ހުރެ އަހަރެން އަނެއްކާ ވެސް ކުރިއަށް ހިނގައިގަތީމެވެ. އޭރު ހުރީ އަނދިރިވާން ފަށައިފައެވެ.
"ކާކު؟" އަހަރެންގެ ކަންފަތުގައި ޖެހުނީ ނުދަންނަ އަޑެކެވެ.
ސިހިފައި ފަހަތް ބަލައިލި އިރު ހުރީ ޒުވާން އުމުރުގެ ފިރިހެނެކެވެ. އެއީ ބައިމަތި ފުޅާ، ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅުން ދިގެވެ. ބޮލުގެ އިސްތަށިގަނޑު ހުރި ތުނިކޮށް ކޮށައިފައެވެ. ހަމުގެ ކުލަ އަލި ވެފައި އެ ހިނިތުންވުން އެހާމެ ހިތްގައިމެވެ.
އޭނާގެ ރީތިކަން ފެނި، އަހަންނަށް ހުރެވުނީ ކަޅި ޖަހައިނުލާ ބަލަހައްޓައިގެންނެވެ.
"އިރު އޮއްސުމުން މި ގަޑީގައި މިތާ އެކަނި ކީއްކުރަނީ؟" އަނެއްކާ ވެސް ސުވާލު ކުރީ އޭނާއެވެ. އެ އަޑުގައި ވެސް ވަނީ ހިތްގައިމު ކަމެވެ.
"ހިނގާލަން ނިކުމެ އުޅެނިކޮށް މިސްރާބު އޮޅުނީ،" އަހަރެން ވާހަކަ ދެއްކީ ވީހާ ވެސް ބޮޑަށް އަޑު ހިމަ ކޮށްގެންނެވެ.
"ކުރިމަތީ އޮތް މަގުން ދިޔައީމަ ބޭރަށް ނިކުމެވޭނެ، ގެ ހުންނަނީ ވަރަށް ދުރުގައިތަ؟" އޭނާ އެހިއެވެ.
އަތުގައި އޮތް ހިމަ ހޯލިކޮޅު ދުރަށް ހޫރައިލަމުން ޒުވާނާ އަހަންނާ ދިމާލަށް އަންނަން ފެށިއެވެ.
"އެހާ ދުރެއް ނުވާނެ ކަންނޭނގެ، އަހަރެން މި ދަނީ މި ތަނުން ނިކުމެވޭތޯ،" އަހަރެން ބުނީމެވެ. އަދި އަވަސް އަވަހަށް އޭނާއަށް ފުރަގަސް ދިނުމަށްފަހު ހިނގައިގަތީމެވެ.
"މަޑު...ކޮށްބަލަ،" އޭނާ އެހެން ބުނީ އަހަރެންގެ އަތުގައި ހިފަމުންނެވެ. ސިހިފައި އަހަންނަށް ބަލައިލެވުނީ އޭނާގެ އަތަށެވެ.
"އަހަންނާއެކު ހިނގާ. ފަހަރެއްގައި ތި މަގު ވެސް ބަންދު ވެފައި އޮވެދާނެ. އިރު އޮއްސިއްޖެ، ދެން ވާނީ އަނދިރި. މިއީ ކަޅުފޮއި ރެއެއް. މިތާ ހުއްޓައި އަނދިރި ވެއްޖެއްޔާ ތި ކުއްޖާ ބިރުން ހަލާކު ވެދާނެ،" އޭނާ ބުންޏެވެ.
އެ އަސަރުގަދަ އަޑުން އަހަރެންގެ މޭ ތެޅިލިއެވެ. އޭނާ ވާހަކަ ދައްކާ އަޑު އަހާ އިތުރަށް އަހާ ހިތްވިއެވެ. ޒުވާނާގެ މޫނަށް ބަލަން ހުރެ، އޭނާގެ އަތުގެ ތެރެއިން އަހަރެން އަތް ދަމައިގަތީމެވެ.
ގެއަށް އާދެވުނު އިރު ވެސް އޭނާ އިތުރު ވާހަކައެއް ނުދައްކައެވެ. ދޮރު މަތީގައި އަހަރެން ހުއްޓުމާއެކު ކަތި ނަޒަރަކުން އަހަރެންގެ މޫނަށް ބަލައިލިތަން ފެނުނެވެ. އަހަންނަށް ހިންދިރުވައިލެވުނެވެ. އެއްޗެއް ނުބުނެ އޭނާ ހިނގައިގަތެވެ. ބޭ އިހްތިޔާރުގައި އަހަންނަށް ގޮވައިލެވުނެވެ.
"އޭ، ތޭންކްސް،" އަހަރެން ބުނީމެވެ.
އޭނާ ހުއްޓުނު ނަމަވެސް އަހަންނާ ދިމާލަކަށް ނުބަލައެވެ.
"ކޮފީއަކަށް ދައުވަތެއް ނުދޭނަންތަ؟" އޭނާ އެހިއެވެ. އަހަންނަށް ހެވުނެވެ.
އޭނާ ވެސް ހުރީ ފުރުސަތަކަށް ބަލަބަލާކަން އެނގުނެވެ. އަހަރެން ވަގުތުން ދައުވަތު ދިނީމެވެ. ވަގުތު ކޮޅަކަށް ޖައުފަރު މަތިން ހަނދާން ނެތުނެވެ. ކުރިމަތީގައި ހުރި ފިރިހެންވަންތަ ޒުވާނާ އަހަރެންގެ ހިތް އޭނާގެ މުށުތެރެއަށްލައި ފޮރުވައިލި ކަހަލައެވެ. އަހަންނަށް މި ވަގުތު ފެންނަނީ ހަމައެކަނި އޭނާއެވެ.
ދެ މީހުން ތިބީ ސިޓިންރޫމުގައި ހުރި އުނދޯލި ގޮނޑީގައެވެ. ދައްކާނެ ވާހަކައެއް ނެތުމުން އަހަންނަށް އިރުއިރުކޮޅުން އެ ރީތި މޫނަށް ބެލެއެވެ. ބަލައިލެވޭ ކޮންމެ ފަހަރަކު، އޭނާ ވެސް އިންނަނީ އަހަންނަށް ބަލަހައްޓައިގެންނެވެ.
"ތި ޖާދުވީ ހިނިތުންވުމުން އަހަންނަށް ހީވަނީ، އަހަންނަށް މަރުހަބާ ކިޔާހެން،" އޭނާ ބުންޏެވެ.
އެ ޖުމްލައިގެ މާނަ ފުން ކަމުން އަހަންނަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. އެހެންކަމުން ދެ ބުމަ ކައިރި ކޮށްލަމުން އަހަރެން އޭނާއަށް ބަލައިލީ ނުވިސްނޭ ފަދަ ގޮތަކަށެވެ.
"ނުވެސް ދަންނަ މީހަކު ގެއަށް ގެނެސް، ތިހާ ކައިރީގައި ތި އިންނަނީ ކީއްވެ؟ އަހަންނާމެދު ތި ހިތުގައި އާދަޔާ ހިލާފު ވިންދެއް ނުޖަހާތަ؟" އޭނާ އެހިއެވެ.
އަހަންނަށް ވިސްނައިލެވުނެވެ. އަހަރެންގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅޭކަން އެނގެއެވެ.
"އަތްފައި ފިންޏެއް ނުވޭތަ؟" މިފަހަރު އޭނާ ސުވާލު ކުރީ އަހަންނާ ގާތަށް ޖެހިލަމުންނެވެ.
އަހަރެންގެ ދެ އަތް ދެ އަތާލައި އަހަރެން ފިތާލީމެވެ. ތެދެކެވެ. ދެ އަތް ވެސް އެހާމެ ފިންޏެވެ.
"ނޭވާ އަވަހެއް ނުވޭތަ؟" އޭނާގެ ދެ ތުންފަތް އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
އަހަރެންގެ ހަށިގަނޑު ފިނިވެގެން ދިޔުމުން ދެ ލޯ މެރުނެވެ. އެ ވަގުތު އެ ޒުވާނާގެ ވަރުގަދަ އަތް އަހަރެންގެ އިސްތަށިގަނޑުގެ ތެރެއަށް ކޮއްޕާލިއެވެ. އަދި ކަނދުރާގައި ހިފައި، އޭނާގެ މޫނާ އަހަރެންގެ މޫނު ގާތްކޮށްލިއެވެ. އަހަރެންގެ ތުންފަތުގައި އޭނާ ތުންފަތް ޖައްސައިލުމާއެކު، މެރިފައިވާ އަހަރެންގެ ލޮލުގެ އެސްފިޔަތަކުގެ ތެރެއިން އަހަންނަށް ފެނުނީ ޖައުފަރުގެ ތަސްވީރެވެ.
ސިހިފައި އަހަންނަށް ދުރަށް ޖެހިލެވުނެވެ. ކަންބޮޑުވެފައި ހުރެ އަހަންނަށް ދުއްވައި ގަނެވުނީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެ، ދޮރުގައި ލެނގިލައިގެން ހުރެ ރޮމުން ދިޔައީމެވެ. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. ނޫނެވެ. އަހަރެން އަދި ކުށެއް ނުކުރަމެވެ. އެއްވެސް ކަމެއް ނުކުރަމެވެ.
މިފަހަރު ވެސް އަހަރެން ސިއްސުވައިލީ އެ ޒުވާނާއެވެ. ދޮރުގައި ޓަކި ޖަހައިލީއެވެ. ހިތަށް އެރިއެވެ. ނުހުޅުވާނަމެވެ. އަހަންނަށް ދެން އޭނާ ފެނުނިއްޔާ ކެތެއް ނުކުރެވޭނެއެވެ. އަހަރެންގެ އިހްތިޔާރު އަހަރެންގެ ކިބައިން ދޫވާނެއެވެ.
"ހުޅުވާލަބަލަ، ކޮންކަމަކާތަ ބިރު ގަންނަނީ؟ އެއްވެސް މީހަކަށް ނޭނގޭނެ،" ދާދި ކައިރިން އަހަންނަށް އޭނާގެ އަޑު އިވުނެވެ.
އަހަރެން ދުރަށް ޖެހުނީމެވެ. ދޮރު ހުޅުވާކަށް ބޭނުމެއް ނޫނެވެ. ގޯހެއް ހަދާކަށް އަމުދުން ބޭނުމެއް ނޫނެވެ.
"ދޭ. މި ގެއިން ދޭ. އަހަންނަކީ މީހެއްގެ އަނތްބެއް،" އަހަރެން ބުނީމެވެ.
ދެން އިވުނީ ލާނެތް ގޮތަކަށް އޭނާ ހީލި އަޑެވެ.
"އެކަމަކު ދެންމެ ހިއެއް ނުވެ މީހެއްގެ އަނތްބެއް ހެންނެއް،" އޭނާ ބުންޏެވެ.
އަހަރެން ބިރުގަތީ ދެނެވެ. އޭރު އަހަންނަށް އިނދެވުނީ އޭނާއާ ވަރަށް ވެސް ގާތުގައިކަން ހަނދާން ވިއެވެ. އޭނަ އަނެއްކާ އަހަރެން ބްލެކްމެއިލް ކުރަން އުޅެނީ ބާވައެވެ؟
"އަހަރެން ހިއެއް ނުކުރަން ތިއީ ވިޔާނުދާ މީހެއް ކަމަކަށް. ހަމަ މިހާރު މި ގެއިން ދޭ،" އަހަރެން ބުނީމެވެ.
ޖަވާބެއް ނުލިބުނެވެ. އިރުގަނޑެއް ފަހުން އަހަރެން ދޮރު ހުޅުވީމެވެ. ބިރުން ހުރެއެވެ. އޭނާ ނެތްކަން ޔަގީން ވުމުން، އަވަސް އަވަހަށް ގޮސް ދޮރު ތަޅުލީމެވެ. އޭރު އަހަންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. ނަމަވެސް އެ އުނދޯލި ފެނުމާއެކު އަނެއްކާ ވެސް ކަންބޮޑު ވެއްޖެއެވެ. ދެރަވި ވަރުން އަހަރެން އެރޭ ނިދީ ޖައުފަރަށް ނުގުޅައެވެ. ޖައުފަރާ ވާހަކަ ދައްކާނެ ހިތްވަރު ވެސް އަހަރެންގެ ކިބަޔަކު ނެތެވެ.
ޖެހިގެން އައި ދުވަހެވެ. އަހަންނަށް ހޭލެވުނީ ބޭރު ދޮރުގައި ބާރުބާރަށް ތަޅާ އަޑަށެވެ. އަހަރެން ނިކުތް އިރު ޖައުފަރު އަހަންނަށް ގޮވާ އަޑު އިވެއެވެ. ދުވެފައި ގޮސް އަހަރެން ދޮރު ހުޅުވީމެވެ. އަދި ޖައުފަރު ފެނުމާއެކު އޭނާގެ ގައިގައި ބާރަށް އޮޅުލައި ގަނެވުނެވެ.
"ހާދަ އަވަހަކަށް ތި އައީ؟" ދުރަށް ޖެހިލަމުން އަހަރެން އެހީމެވެ.
"އާނ. މީ... ދިޔަ ކަންތައް ނިމުނީމަ މި އައީ،" ޖައުފަރު ދިނީ ކުރު ޖަވާބެކެވެ. އޭނާގެ ފަހަތުން އަހަރެން ވެސް ދިޔައީ ކޮޓަރިއަށެވެ.
"ހާދަ ފާޑަކަށް ހުރި ހެން ހީވެޔޭ، އަހަރެން މަތިން މިސް ވެސް ނުވޭ ކަންނޭނގެ،" އެނދުގައި އިށީންނަމުން އޭނާ ބުންޏެވެ.
އަހަންނަށް ހިންދިރުވައިލެވުނެވެ. ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރިޔަސް އަހަރެން ހައްތަހާ ވަނީ ހާހެވެ. އެކަން ފޮރުވަން އަހަރެން ގޮސް ޖައުފަރުގެ ގައިގައި އަނެއްކާ ވެސް ބައްދާލީމެވެ. އެއާއެކު އޭނާ ވެސް އަހަރެންގެ ގައިގައި ފިރުމަން ފެށިއެވެ.
"ޝެނީއާ ދުރަކަށް ނުދެވޭނެ. އަދި ވެސް އާދެބަލަ،" ޖައުފަރު ބުންޏެވެ. އަދި އަހަރެންގެ ގައިގައި ހިފައި އޭނާގެ ގައިމައްޗަށް ވައްޓާލިއެވެ.
ޖައުފަރު އުޅެނީ ކުރިއަށް ވުރެ ވެސް މާ ލޯބިންނެވެ. އެންމެ ހިނދު ކޮޅަކަށް ވެސް އަހަންނާ ދުރަކަށް ނުދެއެވެ.
"ދެން ނުދައްޗޭ އަހަރެން ބަހައްޓާފައި،" އަހަރެން ބުނީމެވެ.
"ހޫމް، އަހަރެން ދެން އަބަދު ވެސް ހުންނާނީ ޝެނީ ގާތު،" ޖައުފަރު ބުންޏެވެ.
އެ ދުވަހު ހުރިހާ އިރަކު ވެސް އަހަރެން ހޭދަކުރީ ޖައުފަރާ އެކުއެވެ. އޭނާގެ އުނގު ތެރޭގައެވެ. އިތުރު އެއްވެސް ކަމަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އެކަމަކު އޭރު ވެސް އެ ނުދަންނަ ޒުވާނާ އަތުވެދާނެތީ އަހަންނަށް ހުރެވެނީ ބިރުންނެވެ.
"އަދިވެސް ހިތް ނުފުރެނީތަ؟" އަހަރެން ބުނީމެވެ.
އަހަރެން ލައިގެން ހުރީ ކައިވެނީގެ ފުރަތަމަ ރޭ ލީ ނިދާ ހެދުމެވެ. އަހަރެން އޮށޯތުމާއެކު ޖައުފަރު ބަލައިލި ގޮތުން އަހަންނަށް ހެވުނެވެ.
"ދުވަހަކު ވެސް ނުފުރޭނެ،" އޭނާ ބުންޏެވެ. އެ ވަގުތު އަހަންނަށް ބާރަށް ހެވިއްޖެއެވެ.
ސިހިފައި އަހަންނަށް ހޭލެވުނީ ދޮރުގައި ތަޅާ އަޑަށެވެ. އޭރު ޖައުފަރު އޮތީ ގަދަ ނިދީގައެވެ. ނައިޓީ މަތިން ބޮޑު ހެދުމެއް ލައިގެން އަހަރެން ނުކުތީމެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހައިލީ،ބޭރުގައި ހުރީ ކާކުތޯ ޔަގީން ކޮށްލާށެވެ.
އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން އެ ހުރީ ޖައުފަރެވެ. ނޭވާ ހިފަހައްޓައިލަން ޖެހުނެވެ. ހިތް އަވަސްވެ، ބިރު ގަންނަން ފެށިއެވެ.
"ޝެނީން،" މި ފަހަރު އޭނާ ގޮވީ ވަރަށް ބާރަށެވެ.
ދޮރެއް ނުހުޅުވަމެވެ. ފަހަތަށް ފަހަތަށް ޖެހެމުން ގޮސް، ކޮޓަރި ދޮރު ހުޅުވައި ބަލައިލީމެވެ. އެނދުގައި ޖައުފަރެއް ނެތެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ އަހަރެން ދުއްވައިގަތީ ދޮރާ ދިމާލަށެވެ. ދޮރު ހުޅުވުމާއެކު، ޖައުފަރު ދެ ފަރާތަށް ބޯ ހޫރާލިއެވެ.
"ހާދަ ގަދައަކަށް ތި ނިދަނީ؟ ގުޅާގުޅާ ފޯނެއް ނުނަގާ، ޝެނީނަށް ކަމެއް ވީތޯ ބަލަން މަ މިއައީ، ދަންނަ މީހަކު ވެސް މިތާ އުޅޭ ނަމައެއްނު އެނގޭނީ. ފޯނު ނުނަގާތާ ގުޅައިފަ އޮތީމަ ނުވެސް ގުޅާ." ޖައުފަރު ބުންޏެވެ.
އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ވާހަކަ ދެއްކީ ނުހަނު ބާރަށެވެ. އަހަރެން އޭރު ވެސް ހުރީ ގަބު ވެފައެވެ. އެއްޗެއް ބުނަން ވެސް ނޭނގިފައެވެ. އަހަރެން ދޭނެ ޖަވާބަކަށް ނުބަލައި ޖައުފަރު ގޮސް ވަނީ ކޮޓަރިއަށެވެ. ހީވާ ގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި ވެސް އައިހެވެ.
އަހަންނާއެކު އިއްޔެއިއްސުރެ އެ އުޅުނީ ކާކު ހެއްޔެވެ؟ އެއީ ގައިމު ވެސް އިންސާނެއް ނޫނެވެ. އަހަރެންގެ ހިތް ބިރުން ތުރުތުރު އަޅައެވެ. ޖައުފަރަށް ކިޔައި ދިނަސް އޭނާ ގަބޫލު ކުރާނެބާވައެވެ؟
"ތިޔޯ؟ އަހަރެން ނެތަސް ނައިޓީ ލައިގެންތަ ނިދަނީ؟" ފާހާނާއިން ނިކުމެ ޖައުފަރު ސުވާލު ކުރިއެވެ.
ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ. އަތުގައި އޮތް ބޮޑު ހެދުން ކޮނޑުގައި އެޅުވުމަށްފަހު ގޮސް ޖައުފަރު ގާތު ހުއްޓުނީމެވެ.
"ދެން އޯކޭ އޭ. ސޮރީ. ދެރަވެފައި ނުހުރެބެލަ، ޝެނީއާ މެދު ކަންބޮޑު ވީ ވަރުން ރުޅިގަދަ ވެވުނީ. ވަރަށް އަވަސް އަރުވާލައިގެން އަހަރެން މި އައީ. އަހުސަނުއާ ކަންތައްތައް ހަވާލު ކުރީ އެންމެ ފަހުން. އަހަންނަށް ޝެނީ މާ މުހިއްމުވާނެ،" އޭނާ ބުންޏެވެ.
އަހަންނަށް ރޮވިއްޖެއެވެ. ޖައުފަރުގެ ގައިގައި ބައްދާލައިގެން ހުރެ އަހަރެން ސިއްރުން ކަރުނަތައް ފުހެލީމެވެ. ޖައުފަރު ގާތު އެ ވާހަކަ ބުނަން ހިތަށް އެރި ނަމަވެސް އަހަރެންގެ ހަނދާނަށް އައީ ކުރިން ދިމާވި ޒުވާނާއެވެ. އެހެންވެ، އެއްވެސް ވާހަކައެއް އޭނާއަށް ކިޔައިދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އިތުރަށް އަހަންނަށް އެއްވެސް އުނދަގުލެއް ފޯރިއްޔާ މެނުވީ އަހަރެން ޖައުފަރަށް އެއްވެސް އެއްޗެއް ކިޔައެއް ނުދޭނަމެވެ.
އެއް މަސް ފަހެވެ. އަހަންނަށް އާދަޔާ ހިލާފަށް ހޮޑުލެވެން ފެށިއެވެ. މާބަނޑުވުމުގެ އަލާމާތަކަށް ވީތީ އަހަރެން އުފާ ކުރީމެވެ. ނަމަވެސް ޖައުފަރުގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. އޭނާ އެކަމާ އުފާ ވާ ހެންނެއް ހިއެއް ނުވެއެވެ.
"ރޯގާ އަކަށް ވެދާނެ،" އޭނާ ބުންޏެވެ.
އަހަރެން ޓެސްޓު ކުރާ ވާހަކަ ބުނާ ކޮންމެ ފަހަރަކު ޖައުފަރު ދައްކަނީ އެ ފަދަ ބަހަނާއެކެވެ. އެންމެ ފަހުން އަހަރެން މާ ބޮޑަށް ހޮޑުލައި ބަލި ވާން ފެށުމުން އަހަރެންގެ އާދޭހަށް އޭނާ ކިޓެއް ގެނެސް ދިނެވެ.
ފާހާނާއިން ނިކުމެ އަހަރެން އޭނާއަށް ޕޮޒިޓިވް ވެފައި އޮތް ކިޓު ދެއްކީ އުފަލުން ހުރެއެވެ. ނަމަވެސް ޖައުފަރު އިނީ ފާޑަކަށް ކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
"އުފަލެއް ނުވޭތަ؟" އަހަރެން އެހީމެވެ.
"ނުވޭ،" ޖައުފަރު ބުންޏެވެ. އެ އަޑުގައިވަނީ ނުތަނަވަސްކަމެވެ.
"އަހަރެން މިހުރީ އެ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި. އެކަމަކު ތި ނަތީޖާއިން ދެން އަހަރެން ވިސްނަންވީ ގޮތެއް ވެސް އަހަންނަކަށް ނޭނގެ،" ޖައުފަރު ބުންޏެވެ.
ވެގެން އުޅެނީ ކީއްތޯ އަހަރެން ދެ ތިން ފަހަރު ސުވާލު ކުރީމެވެ.
"އަހަންނަކީ ދަރިން ލިބޭ މީހެއް ނޫނޭ ޝެނީން، އެކަން އަހަރެން ސިއްރެއް ނުކުރަން. ރައްޓެހިވެގެން އުޅުނު އިރު ވާހަކައެއްގެ ތެރެއިން ދެ ތިން ފަހަރު އެހިން ޝެނީ ދަރިޔަކު ބޭނުންތޯ. ޝެނީ ބުނީ ނޫނެކޭ. އަރާމު ލައިފެއް އުޅޭށޭ ބޭނުމީ. އެހެންވެ އަހަންނަށް މުހިއްމު ނުވީ އެ ވާހަކަ ބުނަން،" ޖައުފަރު ބުންޏެވެ.
އޭނާ އެ ހަނދާންކޮށްދިނީ ވަރަށް ބޮޑު ތެދެކެވެ. އަހަރެން އެހެން ބުނީމެވެ. ދުވަހަކު ވެސް ދަރިޔަކު ހޯދަން އަހަރެން ނުވެސް ވިސްނަމެވެ.
"އެކަމަކު ޖައުފަރު. ހެއްދެވި ފަރާތް މާ މަތިވެރި ވާނެ،" އަހަރެން ބުނީމެވެ.
އެއާއެކު އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަދި އޭނާއަކީ އުފެދުމުގައި ވެސް ދަރިފަނި އުފެދިފައި ނުވާ މީހެއްކަމުގައި ބުންޏެވެ. ދެން އޭނާ އަހަންނަށް ބަލައިލީ ތޫނު ނަޒަރަކުންނެވެ.
"އަހަރެން މިގެއަށް އައި ރޭ އެ ނައިޓީ ލައިގެން ހުރީ ކީއްވެ؟ އަހަރެން މާލެ ދިޔަ ފަހުން ފޯނު ނުނެގުނީ ކީއްވެ؟ އަހަންނަށް ގުޅައި ނުލެވުނީ ކީއްވެ؟" ފަހަރަކު ސުވާލެއް ކުރަމުން ޖައުފަރު އަހަންނާ ދިމާލަށް އާދެއެވެ.
އަހަންނަށް އަވަސް އަވަހަށް ހިންދިރުވެން ފެށުނެވެ. ބިރުން މީހާ ރޫރޫ އަޅަމުން ދިޔައެވެ. އަހަންނަށް އެ ދުވަހު އުޅެވުނު ގޮތް ހަނދާން ވިއެވެ. އެހެންވެ، އަހަރެން ބޭނުންވީ އެ ވާހަކަތައް ޖައުފަރަށް ހިއްސާ ކުރާށެވެ.
"ޖައުފަރު. އަހަރެންގެ ވާހަކަ އަޑު އަހާފާނަންތަ؟ ޕްލީޒް،" އަހަރެން އެދުނީ ރޮއިފައެވެ.
ޖައުފަރަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ނަމަވެސް އޭނާ ހުރީ ގަބޫލު ކުރާ ގޮތަކަށް ނޫނެވެ.
"ވަރަށް ހެއްވާ ވާހަކައެއް ތިއީ، އަޖައިބެއް ތިއީ، އަހަރެންގެ ސިފައިގައި ޖިންނިއެއް އައިސް ޝެނީ ބަނޑުބޮޑު ކުރިއްޔޭތަ ތި ބުނަނީ؟ ތިއެއް ނޫން ވީ ގޮތަކީ. އަހަރެން މާލެ ދިޔަ ވަގުތު ބަލާފައި ވަގުތުގެ ބޭނުން ހިފީ، އަހަންނަކީ ދެބައި އުމުރުގެ މީހެއްކަން ނޭނގިތަ ޝެނީ އަހަންނާ ކައިވެނި ކުރީ؟" ޖައުފަރު ބުންޏެވެ.
"ޖައުފަރު އަހަރެން ދޮގެއް ނަހަދަމޭ، އަހަންނަށް ދެރަ ގޮތެއް ނަހަދައްޗޭ،" އަހަރެން ބުނީމެވެ.
ނަމަވެސް ޖައުފަރު އަހަންނަށް އިތުބާރު ނުކުރާނެ ކަމުގައި ބުންޏެވެ. ވިސްނުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ އައި ރުޅީގައި އޭނާ އަހަރެން ވަރި ކުރިއެވެ. އަދި މާލެ ގެންގޮސް އަހަރެން، އަހަރެންގެ އާއިލާއާ ހަވާލު ކުރިއެވެ.
ލިބުނު ހިތްދަތިކަމާއި ހުތުރު ނަމުން ސަލާމަތެއް ނުވެވުނެވެ. ހިތާމަ ކުރުމުގައި ރޭ ގަނޑު ހަތަރު ދަމު ނުނިދާ އޮންނަމެވެ.
އެއްރެއެވެ. އަހަރެންގެ ބަނޑަށް އަށް މަސް ފުރިއްޖެއެވެ. ބޮޑު ވެފައި ވާ ބަނޑުގައި ފިރުމާލަ ފިރުމާލަ އޮއްވައި ދާދި ގާތުން އަހަރެންގެ މޫނަށް އެޅުނީ މީހެއްގެ ނޭވައިގެ ހޫނުކަމެވެ. މޫނު އަނބުރައިލި އިރު ކައިރީގައި އޮތީ ޖައުފަރެވެ. އަހަރެން ދިޔައީ ސިހިގެންނެވެ. ނަމަވެސް ފުންމައިގެން ތެދުވާނެ ހާލެއް ނެތެވެ.
ހެވިފައި އޮވެ އޭނާ އަހަރެންގެ ބަނޑުގައި އަތް ޖައްސާލިއެވެ.
"މިއީ އަހަރެންގެ ދަރިއެއް،" އޭނާ ބުންޏެވެ. އަހަންނަށް ދެ ލޯ މަރައިލެވުނެވެ.
"އަހަރެން ޝެނީ ދެކެ ވަރަށް ލޯބިވޭ،" ކަންފަތުގައި ޖެހުނީ މީގެ ކުރިން އަހަންނާ ބައްދަލުވި ޒުވާނާގެ އަޑެވެ.
މިހާރު އަހަރެން ގާތު އޮތީ ޖައުފަރެއް ނޫނެވެ. ވަލުން ދިމާވި ޒުވާނާއެވެ.
"ޝެނީ އައީ އަހަރެންގެ ގެއަށް، އެ ގެއަށް އައި ދުވަހުން ފެށިގެން އަހަންނަށް ޝެނީ ދެކެ ލޯބި ވެވުނު. ކޮންމެ ދުވަހަކު ޝެނީ ފެންވަރާ ވަގުތު ޝެނީއާ ކައިރި ވަނީ ޖައުފަރެއް ނޫން. ހަމަ އަހަރެން." އޭނާ ބުންޏެވެ.
އަހަރެން ކުރާނީ ކޮން ޝަކުވާ އެއް ހެއްޔެވެ؟ މި ވާހަކަ ދައްކާނީ ކާކު ކައިރީ ހެއްޔެވެ؟ ގަބޫލު ކުރާނެ މީހަކު ނުވާނެއެވެ. އެންމެންވެސް ބުނާނީ އަހަންނަކީ މޮޔައެއް ކަމަށެވެ.
"ކާކުގެ ނަސީބެއް ކަމެއް ނޭނގެ، ތި ދަރިފުޅަކީ އިންސާނެއް ނޫން. އަހަރެން އަންނާނަން ދަރިފުޅު ބަލައި،" އޭނާ ބުންޏެވެ.
އަހަންނަށް ބާރަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. އަހަރެންގެ ހަށިގަނޑުގައި މިވާ ދަރިފުޅު ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އޭނާ މި ދަރިފުޅު ގެންދާނެ ކަން ކަށަވަރެވެ.
ނިމުނީ