06 އެޕްރީލް 2024 - 13:37

ބަރަކާތުން ފުރިގެންވާ ލައިލަތުލް ޤަދްރި ކަމަށް އެންމެ ބޮޑަށް ބެލެވޭ، ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަންކުރަން ދިޔަ މީހުން އާދަޔާ ހިލާފަށް ގިނަވެ ހަރަމްފުޅާއި ހަރަމްފުޅު ވަށައިގެންވާ ސަރަހައްދުގެ މަގުތަކަށް ދަންދެން ރޭ ފުރިއްޖެ އެވެ.

ސައޫދީގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ރޭގެ އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ހަރަމްފުޅަށް ދިޔަ މީހުންގެ އަދަދު 2.5 މިލިއަނަށް އަރަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަރަމްފުޅުގައި [ތަވާފް ކުރުމަށް އޮންނަ] މަތާފް ސަރަހައްދާއި ހުރިހާ ފަންގިފިލާތަކާއި ޓެރަސްތަކާއި ކޯޓްޔާޑާއި ބޭސްމަންޓާއި ހަރަމްފުޅު ސަރަހައްދަށް މިހާރު އިތުރުކުރަމުން ގެންދާ ބައި ވެސް ފުރި ވަށައިގެންވާ ސަރަހައްދުގެ މަގުތައް ވެސް އޮތީ އަޅުވެރިން ޖަމާވެ ފުރިފަ އެވެ.
ސައޫދީ ޕްރެސް އެޖެންސީން ކުރިން ބުނެފައިވާ ގޮތުގައި ފަހު 10 ގައި ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނާއި އުމްރާވެރިން ގިނަވާނެތީ މިފަހަރު ވަނީ އިތުރު އިންތިޒާމްތައް ވެސް ހަމަޖައްސައިފަ އެވެ. ހަރަމްފުޅު ސަރަހައްދުގައި އެކި މަސައްކަތްތަކަށް އިތުރު މުވައްޒަފުން ހަމަޖެއްސުމާ އެކު ޓެކްނޮލޮޖީ ބޭނުންކުރުން ވެސް ވަނީ އިތުރުކޮށްފަ އެވެ.
ރޭގެ އަޅުކަމަށް މިހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވި ނަމަވެސް ރައްކާތެރިކަމާ އެކު ހުރިހާ ކަމެއް ކުރިއަށްދިޔަ ކަމަށާއި އިންތިޒާމްތައް ހުރީ ވަރަށް ރަނގަޅަށް ކަމަށް ހަރަމްފުޅުގެ އިމާމް ޝައިޚް ޑރ. އަބްދުއްރަހްމާން އާލް ސުދައިސްއާ ހަވާލާދީ ސައޫދީ ޕްރެސް އެޖެންސީން ބުންޏެވެ.