ބައިޑެންގެ އިންޒާރަށް ފަހު އިޒްރޭލުން ކުޑަ ލުޔެއް ދީފި
ބައިޑެންގެ އިންޒާރަށް ފަހު އިޒްރޭލުން ކުޑަ ލުޔެއް ދީފި

އެމެރިކާއިން އިޒްރޭލާ މެދު ގެންގުޅޭ ސިޔާސަތު ބިނާވާނީ ފަލަސްތީނުގެ ޣައްޒާގެ އާންމުން ހިމާޔަތްކުރުމާއި އެހީގެ މަސައްކަތުގައި އުޅޭ މީހުން ރައްކާތެރިކަން ދިނުމުގެ މައްޗަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ދެއްވި އިންޒާރަށް ފަހު އިޒްރޭލުން ކުޑަ ލުޔެއް ދީފި އެވެ.

ބައިޑެންގެ އިންޒާރަށް ފަހު އިޒްރޭލުން ކުޑަ ލުޔެއް ދީފި
ބައިޑެންގެ އިންޒާރަށް ފަހު އިޒްރޭލުން ކުޑަ ލުޔެއް ދީފި

ބުރާސްފަތި ދުވަހު ބައިޑެން އާއި ނަތަންޔާހޫގެ "ހޫނު ފޯން ކޯލެއް" އޮތް ކަމަށް ވައިޓް ހައުސް ވަނީ ބުނެފަ އެވެ. މި ވާހަކަ ދެކެވުނީ އެމެރިކާގެ ޗެރިޓީއެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗެންގެ ޓީމެއް ޣައްޒާގައި އެހީގެ މަސައްކަތުގައި އުޅެނިކޮށް އިޒްރޭލުން ހަމަލާދީ އެ ޖަމިއްޔާގެ ހަތް މީހަކު މަރާލި މައްސަލަ ހޫނުވުމުންނެވެ.

މި ފޯން ކޯލަށް ފަހު އިޒްރޭލުން ވަނީ ހަމަލާތަކުގެ ސަބަބުން ބަންޑަށް ޖެހިފައިވާ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ވަގުތީ ގޮތުން ހުއްދަ ދޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. އިޒްރޭލުން ބުނީ އަސްދޫދް ބަނދަރާއި އަރީޒް ބޯޑަރުން އެހީ ވައްދަން ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އިޒްރޭލުން ވަނީ އެހީގެ ޓީމަށް ހަމަލާ ދެވުނީ "އޮޅުމަކުން" ކަމަށް ބުނެ އެ މައްސަލައިގައި ސިފައިންގެ ދެ މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި އެހީގެ ޓީމު ދަތުރުކުރި ތިން ވެހިކަލަށް ޑްރޯނުން ހަމަލާދީފައިވަނީ ހަމާސްގެ ދެ ހަނގުރާމަވެރިޔަކު އެހީގެ ޓްރަކްތަކެއްގައި ދަތުރުކުރާކަން އެނގި ފާރަލަމުން ދިއުމުގެ ތެރޭގައި އެރި އޮޅުމެއްގަ އެވެ. ހަމަލާ ދިނީ ވެހިކަލަށް އެރި މީހެއްގެ ކޮނޑުގައި އޮތް ދަބަސް އެއީ ހަތިޔާރެއްގެ ގޮތުގައި ބެލެވި އެއީ ހަނގުރާމަވެރިން ކަމަށް ބަލާފައި ކަމަށް އިޒްރޭލުން ބުންޏެވެ.

ހަމާސް އިން އާންމުންގެ ތެރޭގައި އުޅުމާއި އެހީގެ ޓީމުތަކުގެ ތެރެއިން ހިމާޔަތް ހޯދުން ފަދަ ކަންކަން ކުރާތީ މި އޮޅުން އެރީ ކަމަށް ބުނެ އިޒްރޭލުން މިކަމުގައި ވެސް ކުށްވެރިކުރީ ހަމާސް އެވެ.

އެހީ ވެއްދުމަށް ފުރުސަތު ދޭނެ ކަމަށް އިޒްރޭލުން ބުނި ފަހުން ބައިޑެންއާ ބައެއް ނޫސްވެރިން ވަނީ އެކަމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

އިޒްރޭލަށް އެމެރިކާއިން އަސްކަރީ އެހީ ހުއްޓާލާނެ ކަމުގެ އިންޒާރު ނަތަންޔާހޫއަށް ދެއްވިންތޯ ނޫސްވެރިން ބައިޑެންއާ ސުވާލުކުރުމުން ބައިޑެން ވަނީ "މިހާރު އެ ކުރަނީ ކުރަން ބުނި ކަންތައް" ކަމަށް ވިދާޅުވެ ޖަވާބު ދެއްވި އެވެ. އެމެރިކާއިން އިޒްރޭލު ދޫކޮށްލަނީތޯ ވެސް ނޫސްވެރިއަކު ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބެއް ނުދެއްވައި ބައިޑެން ވިދާޅުވީ "ތިޔައީ ހަަމަ ސީރިއަސް ސުވާލެއްތޯ" އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ހަ މަސް ވެފައި ވާއިރު މިހާތަނަށް އެ ހަމަލާތަކުގައި 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ