ރޯދަ ނުހިފާ މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް
ރޯދަ ނުހިފާ މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް

ރޯދަ މަހު ރޯދަ ނުހިފައި އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ރޯދަ ނުހިފާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓުގައި އޭނާ ވަނީ އެއީ އޭނާއަށް "ކުރެވުނު ކަމެއް" ކަމަށް އިއުތިރާފުވެފަ އެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ފުލުހުން ވަނީ އޭނާ ރޯދަ ނުހިފާ ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާގެ އިތުރުން ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓު ވެސް ހުށަހަޅައިފަ އެވެ. އިތުރު ތަފްސީލެއް އަމުރުގައި ނެތެވެ.

އޭނާ ބަންދުކޮށްފައިވަނީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށް ނިންމައި ކޯޓުން އަމުރު ކުރީ އޭނާ 10 ދުވަހަށް ބަންދުކުރުމަށެވެ.

ރޯދަ މަހު ރޯދަ ނުހިފާ އުޅުނު މީހަކު މާލެއިން މިދިޔަ މަހު 24 ގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. ބަނަހެއް ކައިގެން ރޯދަ ދޫކޮށްލި ކަމަށް ބުނާ 40 އަހަރުގެ އެ މީހާ ބަންދު ކޮށްފައިވަނީ ދެ ދުވަހަށެވެ.