05 އެޕްރީލް 2024 - 15:20

މާލޭގެ މަގެއްގައި ކުނި ކަހަން ހުރި އަންހެނެެއްގެ ގައިގައި ރޭ ސައިކަލަކުން ޖެއްސުމަށް ފަހު އެ މީހުން ފިލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިއްޒުއްދީން މަގުގައި ކުނި ކަހަން ހުއްޓާ ސައިކަލަކުން ޖެއްސުމުން އަނިޔާވީ ފުލުހުން ބުނިގޮތުގައި އުމުރުން 48 އަހަރުގެ ދިވެހި އަންހެނަަކަށެވެ. އެ މީހާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓް ލިބުނީ ރޭގެ 11:30 ވާން އުޅެނިކޮށް ކަމަށާއި ސައިކަލުން ޖެއްސި ދެ މީހުން މަޑުނުކޮށް، ފިލާފައިވާ ކަމަށެވެ.
"އެ ސައިކަލާ އެކު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
މާލޭގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ ވެމްކޯ އިންނެވެ. އަދި މަގުތަކުގެ ކުނިކެހުމުގެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ.