ނައިބު ރައީސް ހިލާލީގެ އަށް ބަދަލުވެވަޑައިގެންފި
ނައިބު ރައީސް ހިލާލީގެ އަށް ބަދަލުވެވަޑައިގެންފި

މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަހެއްހާ ދުވަސް ފަހުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެ މަނިކުފާނަށް ހާއްސަ ރަސްމީ ގެކޮޅަށް ބަަދަލުވެވަޑައިގެންފި އެވެ.

ނައިބު ރައީސް ހުސައިން އާއި އެ މަނިކުފާނުގެ އާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ އިއްޔެ އެވެ.

ހިލާލީގެ އަށް ބަދަލުވެވަައިގަތުން ލަސްވީ ނައިބު ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ގެކޮޅަށް ވަރަށް ބޮޑު މަރާމާތެއް ބޭނުންވާތީ އެކަމަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމުންނެވެ. މި ރޯދަމަހުގެ ފުރަތަމަ 10 ގެ ތެރޭގައި ވެސް ހިލާލީގެ އަށް ބަދަލުވެވަޑައިގަންނަވަން ނައިބު ރައީސް މަސައްކަތްޕުޅު ކުރެއްވި އެވެ.

ހިލާލީގެ އޮތީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައި ކަމަށާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ގެކޮޅުގައި އުޅުއްވި އިރު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް މިހާރުގެ ނައިބު ރައީސް ވިދާޅުވެފައި އެވެ.

ކުރީގެ ނައިބު ރައީސް ހިލާލީގޭގައި އުޅުއްވި ދުވަސްވަރު ވެސް ވަރަށް ގިނަ މައްސަލަތައް އެ ގެކޮޅުން ފާހަގަވި ކަމަށް އެނގިފައި ވެ އެވެ. އޭގެ ތެރޭގައި ގެކޮޅުގެ އެކިއެކި ތަންތަނަށް ފެން ފޭބުމާއި ކަރަންޓު ކަނޑައިގެން ދިއުން ފަދަ ކަންކަން ވެސް އޭރު ކުރިމަތިވި އެވެ. އެކަމަކު، ވަގުތީ ހައްލެއް ހޯއްދެވީ އެވެ.

"[ހިލާލީ ގޭގެ] ފުރާޅު އެއްކޮށް ހަލާކުވެފައި އޮތީ. ކުރީގެ ވީޕީ ނިދި ކުރެއްވި ކޮޓަރިކޮޅުން ވެސް ފެން ފައިބާ. ބަދިގެ ވެސް އެއްކޮށް ހަލާކު ވެފައި އޮތީ. މުޅި ތަން އެއްކޮށް ބަދަލު ކުރަން ޖެހިފައި ކުރިން ވެސް އެ އޮތީ،" މިހާރުގެ ނައިބު ރައީސް ހުސައިން މިދިޔަ މަހު "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.

ހިލާލީގެ އަށް ބަދަލުވެވަޑައިގަތުމާ ހަމައަށް ނައިބު ރައީސް ހުސައިން އާއި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް އުޅުއްވި ގޭގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅުން ސަރުކާރުގެ ރަސްމީ ގެކޮޅު މުލީއާގެ އަށް ބަދަލުވެވަޑައިގަތީ މިދިޔަ ފެބްރުއަރީ ފަހެއްގަ އެވެ. ރައީސް މުއިއްޒު ވެސް މުލީއާގެ އަށް ބަދަލުވެވަޑައިގަތުން ލަސްވީ އެ ގެކޮޅުގެ މަރާމާތުތަކެއް ކުރަން ޖެހުމުންނެވެ.