05 އެޕްރީލް 2024 - 00:15

ބ. އޭދަފުށީގައި 1000 ހައުންސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ކެންޑިޑޭޓް، އަހުމަދު ސަލީމްގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށެވެ.
އޭގެ ތެރެއިން ވެސް އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ. އޭދަފުއްޓަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް 1000 ހައުންސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ދާދި އަވަހަށް ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުންސިން ޔުނިޓްގެ މަޝްރޫއުއެއް ފަށާނަން،" ރައީސް ވިދާޅުވި އެވެ.
އެކަން ކުރިއަށް ދަނީ އެ ދާއިރާގެ މިހާރުގެ މެމްބަރު ސަލީމްގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ޓަކައި އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ސަލީމަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
"ސަރުކާރުން އެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސް ހުރިހާ ހުއްދަތަކެއް ނަގައި އިނީޝިއަލް މަރުހަލާގެ ތެރެއިން ހުރިހާ ކަމެއްގައި ވެސް އިސް ނެންގެވީ ތިބޭފުޅުންގެ މަޖިލިސް މެމްބަރު،" ރައީސް ވިދާޅުވި އެވެ.
ހައުސިންގެ އިތުރުން އެހެން މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކަށް ވެސް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ. ރައީސް ވަނީ މި މަހުގެ 21ގައި ބާއްވާ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.