04 އެޕްރީލް 2024 - 23:59

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް މިހާރު ހުރީ ރާވައި ޕްލޭންކޮށް ނިންމާފައި ކަމަށާއި އެކަން ކާމިޔާބު ކުރުމަށް ބޭނުންވަނީ މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ އެއްބާރުލުން ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 21ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ކިނބިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓު، އަޝްރަގު އަލީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދަައްކަވަމުން ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރެވިއްޖެނަމަ އެމަނިކުފާނުގެ ކިބައިން ދޭން ޖެހޭ އެއްބާރުލުން ލިބޭނެ ކަމަށެވެ.
"ތަރައްގީ ހުރީ ރޭވިފައި، މަޝްރޫއުތައް ހުރީ އެލައިން ކުރެވިފައި. ތަރުތީބު ކުރެވިފައި. ބޭނުންވަނީ އެއްބާރުލުން. ރައްޔިތުންގެ އެއްބާރުލުން،" ރައީސް ވިދާޅުވި އެވެ.
ތ. އަތޮޅުގެ ދާއިރާ ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، ކޮޅުމަޑުލު ވެގެންދާނީ ރާއްޖޭގެ ތަރައްގީގެ ރާޑަރުގެ މެދަށް ގެނެވިފައިވާ އަތޮޅަކަށް ކަމަށާއި އެ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމާ އެކު އެކަމުގެ ނަތީޖާ ނެރެދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކިނބިދޫ ދާއިރާގެ ރަށްތަކަށް ކުރިއަށް އޮތް އަހަރުތަކުގެ މަޝްރޫއު ތަކަށް ވެސް އަޅުގަނޑުމެން ބޭނުންވާ ގޮތަށް އެ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށް. ވަރަށް ބޮޑު ތަފާތެއް އެއީ ދާއިރާތަކުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ، ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް، އެ އެކްސްޕެކްޓޭޝަންތަކާ އެއްވަރަށް ނަތީޖާ ނެރުމަށްޓަކައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވުން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުރިހާ ފޯކަސްއެއް ހުރީ ނަތީޖާއަށް. ނަތީޖާ އަޅުގަނޑަށް ހުރިހާ ވެސް ހުރިހާ ދާއިރާއެއްގައި ވެސް ހުރިހާ ރަށަކަށް ވެސް އަޅުގަނޑަށް މުހިންމީ ނަތީޖާ ނެރެދިނުން. ރައްޔިތުންގެ އަތްޕުޅުގައި މި އޮތީ ހަމަ އެންމެ ކަމެއް. ފާހަގައެއް ޖަހާލުން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރާ އިދިކޮޅު މެމްބަރުންތަކެއް މަޖިލީހުގައި ތިބި ނަމަ ސަރުކާރުން ކުރަން ރާވާ ކޮންމެ ކަމެއްގައި ދެކޮޅު ހަދައި ވޯޓު ދިނުމުގަ އާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ބަދަލުގައި އެ މެމްބަރުން އިސްކުރާނީ އަމިއްލަ މަސްލަކަތު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިފަހަރު ދެވަނަ ވިސްނުމަކަށް ވަޑައި ނުގަނެ، ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.