19 ފެބުރުއަރީ 2017 - 12:11

ބަޣުދާދު (ފެބްރުއަރީ 19) - މޫސަލް ސިޓީގެ ހުޅަނގުގެ ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން މިއަދު ފަށައިފި އެވެ.

އައިއެސްގެ ބާރުގެ ދަށުގައިވާ ހިސާބުތަކަށް އަސްކަރީ ވެހިކަލްތައް ދަތުރު ކުރަމުންދިޔަ އިރު ވައިގެ މަގުން ދިޔައީ ހަމަލާތައް ދެމުންނެވެ. މޫސަލްގެ އިރުމަތީގެ ހިސާބުތައް އައިއެސްގެ ބާރުގެ ދަށުން މިދިޔަ މަހު ވަނީ ހިފައިފަ އެވެ. އެކަމަކު މޫސަލްގެ ހުޅަނގުގެ ހިސާބުތަކުގެ މަގުތައް ހަނިވުމާ އެކު އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުން އިރާގު ސިފައިންނަށް ވަނީ އުނދަގޫވެފަ އެވެ. މޫސަލްގެ އިރުމަތީގެ ހިސާބުތަކަށް ވުރެ ހުޅަނގުގެ ސަރަހައްދު ކުޑަ ނަމަވެސް އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުން ގިނަވުމުން ސިފައިންގެ އޮޕަރޭޝަން ކުރިއަށް ގެންދަން ދަތިވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ހުޅަނގުގެ ސަރަހައްދުގައި އާއްމުންގެ 800،000 މީހުން ދިރިއުޅޭ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

މޫސަލްގެ ހުޅަނގުގެ ހިސާބުތައް ހިފުމުގެ އޮޕަރޭޝަން ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ މިއަދު އިއުލާން ކުރެއްވުމުގެ ކުރިން ވަނީ އާއްމުން ރައްކާތެރިވެ ތިބުމަށް އިންޒާރުގެ އެތައް މިލިއަން ލީފްލެޓެއް އަޅައިފަ އެވެ.
"މޫސަލް ހިފުމުގެ ދެ ވަނަ ފިޔަވަހި މިއަދު މި ފަށަނީ. އަޅުގަނޑުމެންގެ ލަޝްކަރު ނިނެވާހް ޕްރޮވިންސާ ދިމާލަށް ދަތުރު ކުރަމުން ދަނީ މޫސަލްގެ ހުޅަނގުގެ ސަރަހައްދު ފަތަހަ ކުރުމަށް،" ގައުމީ ޓީވީ މެދުވެރިކޮށް އަބާދީ ދެއްވި ތަގްރީރުގައި ވިދާޅުވި އެވެ.
އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފުމުގެ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 17 ގަ އެވެ. އައިއެސްގެ ކޮންޓްރޯލުގެ ދަށަށް މޫސަލް ގެންދިޔައީ ޖޫން 2014 ގަ އެވެ.