04 އެޕްރީލް 2024 - 05:31

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސްގައި މުސްލިމުންނަށް ދެއްވި ރޯދަ ވީއްލުމުގައި ބައިވެރިނުވެ، ފަލަސްތީން ދަރިކޮޅުގެ އެމެރިކާ ޑޮކްޓަރަކު ޣައްޒާގެ މައްސަލައިގައި އިހުތިޖާޖުކޮށްފި އެވެ.
ރޯދަ ވީއްލުން ދޫކޮށް ނުކުމެގެން ދިޔަ ޑޮކްޓަރަކީ މި އަހަރު ޣައްޒާއަށް ވަޑައިގެން އެތަނުގައި ބަލި މީހުންނަށް ފަރުވާ ދެއްވި ތާއީރް އަހްމަދެވެ. އޭނާ ސީއެންއެން އަށް ވިދާޅުވި ގޮތުގައި އިވެންޓް ދޫކޮށް ވަޑައިގަތީ ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެމެރިކާގެ ތާއީދު އިޒްރޭލަށް އޮންނާތީ ކަމަށެވެ.
"އަޅުގަނޑު ބޭނުންވީ އަޅުގަނޑަކީ ވެސް އެ ލާއިންސާނީ އަމަލުތަކުގެ ވޭން ތަހަންމަލްކުރަމުންދާ މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަން ބައިޑެންއަށް އަންގައިދޭން. އަޅުގަނޑުމެން މި ތިބީ ހިތާމައިގެ ތެރޭގައި. މިދިޔަ ހަ މަހު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން މި ތިބީ ހިތްތައް ހަލާކުވެފައި،" ބައިޑެން އަށް ދެންނެވި ވާހަކަ ޑޮކްޓަރު ހާމަކޮށް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު ރައީސަށް ދެންނެވީ މި ހިތާމާގައި ތިބި އަޅުގަނޑުމެންގެ އެންމެންނާ ބައިވެރިވުމުގެ ގޮތުން އަދި އެ މީހުންގެ އިހްސާސްތަކަށް އިހުތިރާމްކުރުމުގެ ގޮތުން މިތަނުން ނުކުމެގެން މި ދަނީއޭ."
ޑޮކްޓަރު ވިދާޅުވި ގޮތުގައި އޭނާގެ މި ނިންމުމަށް އިހުތިރާމްކުރައްވާ ކަމަށާއި އެ ނުރުހުން ގަބޫލުކުރެއްވޭ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ވައިޓް ހައުސް އިން ބުނީ އެމެރިކާގެ ކޮންމެ ރައްޔިތަކު ވެސް ސުލްހަވެރިކަމާ އެކު ކުރާ ކޮންމެ އިހުތިޖާޖަކަށް ރައީސް އިހްތިރާމްކުރައްވާނެ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ 33،000 މީހަކު ޝަހީދުކޮށްލާފައި ވާއިރު ވެސް ހަމަލާތައް ހުއްޓުވުމުގައި އެމެރިކާގެ ބާރު ބޭނުން ނުކުރާތީ ފާޑުކިޔުންތައް ގައުމުގެ ތެރެއިން ވެސް ދަނީ އަމާޒުވަމުންނެވެ. އެކަމަކު އިޒްރޭލާ ދެކޮޅަށް މީގެ ކުރިން ނުދައްކާ ހަރުކަށި ރާގުގައި މި ފަހުން އެމެރިކާއިން އަންނަނީ ވާހަކަ ދައްކަމުންނެވެ. -- އޭއެފްޕީ