04 އެޕްރީލް 2024 - 00:05

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަހްމަދު އަޝްފާން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަން އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އަޝްފާން ހަމަޖެއްސިކަން ކަށަވަރުކޮށްދީފަ އެވެ.
އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އޭނާ އެ އިދާރާއަށް މިދިޔަ 18 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެ އެވެ. އަޝްފާން ވެސް ވަނީ ކުރިން ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ބައެއް ކުލަބުތަކަށް ވެސް އޭނާ ކުޅެފައިވެ އެވެ.
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް ކުރިން ހުންނެވީ އިބްރާހިމް އަޝްރަފެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް މިހާރު ހުންނަވަނީ މުހައްމަދު ޝަމްއާން ވަހީދެވެ.