03 އެޕްރީލް 2024 - 23:08

އެމަނިކުފާނުގެ މޭޔަރު ކަމުގައި ކޮށްދެއްވި ކަމެއް ފިޔަވައި މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެއަށް ލިބުނު އެއްވެސް ތަރައްގީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު އަންނަނީ މާލެ އާއި ހުޅުމާލޭގައި ޖަލްސާތައް ބާއްވަމުންނެވެ.
މިރޭ މާލޭ ބުލޫކިޔާމަގުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރަށް އަދި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، މާލޭގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ދެއްކެން ވެސް ނޯންނާނެ ކަމަށް ރައީސް ވަރަށް ޔަގީންކަމާ އެކުގައި ވިދާޅުވި އެވެ.
"އަޅުގަނޑު މޭޔަރަކަށް ހޮވައިގެން، އޭރު އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް އެކަނި އޮތީ. އެއީ ސަރުކާރުގެ އެއްބާރުލުމެއް ނުލިބި ކުރެވުނު މަދު ކަންކަމެއް ކުރެވިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.
"މަޖިލިސް އޮވެ، ސަރުކާރު އޮވެ، މި މާލެ ސިޓީ ތަރައްގީ ކުރަން ލިބުނު ރަނުގެ ފުރުސަތު އެ ބޭފުޅުންގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ދޫކޮށްލެއްވީ. ދެން އިންތިހާބު އައިސް ބޯމަތިވީމަ މިތާ ކައިރިން ފަޅެއް ނަގައިފައި އެތަނުން އެއްވެސް ބެލުމެއް ނެތި ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން."
އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނެސް، ރާއްޖޭގެ ވެރިއަކަށް ރައްޔިތުން އެމަނިކުފާނު އިންތިހާބުކުރި މައިގަނޑު އެއް ސަބަބަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުން ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މި ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީން ލިބޭނެ ކަމަށް މިރޭ ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭ، ސަރުކާރުގެ މެމްބަރުންތަކެއް މަޖިލީހުގައި ތިބެގެން ކަމަށެވެ. އަދި މި މަހު 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލާއިރު މި ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.