03 އެޕްރީލް 2024 - 11:43

މާލޭގެ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހާ އެހެން މިސްކިތްތަކުން ވެސް ފަންކާ ވަގަށް ނަގާފައިވާ ކަމަށާއި ފަންކާތައް ވިއްކާލާފައި ވަނިކޮށް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ރޯދަ މަސް ފެށުނު ފަހުން މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ވަރަށް ބޮޑެވެ.
ފުލުހުން ބުނީ އެކި މިސްކިތްތަކުން ފަންކާތައް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވެނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. މިދިޔަ ހޯމަ ދުވަހު، އޭނާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ ފަންކާ ހިފައިގެން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މިސްކިތަކުން ފެން މޯޓަރެއް ވަގަށް ނެގިކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
ފުލުހުން ބުނި ގޮތުގައި، ވަގަށް ނަގާފައިވާ ފަންކާތަކުގެ ތެރެއިން ހަ ފަންކާއެއް ވިއްކާލާފައިވަނިކޮށް މިހާރު ވަނީ ހޯދައިފަ އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންދިޔަ އެވެ.