03 އެޕްރީލް 2024 - 04:01

އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ލިބިގެންވާ ދައުލަތެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް އެދި އަލުން މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް އަލުން ފަށައި، ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޒް މަންސޫރު އިއްޔެގެ ތާރީހުގައި ފޮނުއްވި ސިޓީއެއް އޭއެފްޕީ އަށް ވަނީ ފެނިފަ އެވެ.
ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ފަލަސްތީނުގެ ސަފީރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އދ.ގެ މެންބަރު ގައުމެއްގެ ދަރަޖަ ހޯދުމަށް 2011 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ވިސްނާވަޑައިގަތުމަށް ފަލަސްތީނު ސަރުކާރުން އެދިފައިވާ ކަމަށެވެ. އަދި މިކަން މި މަހު ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
އޭއެފްޕީއަށް ފެނުނު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި މައްސަލަ މިހާރު ވަނީ ކައުންސިލާ ހިއްސާކޮށްފަ އެވެ. އަދި ފަލަސްތީނުގެ ހުށަހެޅުމަށް ލީގް އޮފް އަރަބް ސްޓޭޓްސް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް އަދި ނަން-އެލައިންޑް މޫވްމަންޓުން ތާއީދުކޮށް އެކަން ސެކްރެޓަރީ ޖެނެރަލް ސިޓީއަކުން ވަނީ އިއްޔެ އަންގައިފަ އެވެ.
"މިއަދާ ހަމަޔަށް، މެންބަރު 140 ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފައިވާކަން ހަނދުމަފުޅުކޮށް އަރުވަމެވެ." ތިން ޖަމާއަތުގެ ގުޅިފައިވާ ސިޓީގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ކެނޑިނޭޅި ހަމަލާދެމުން ދާއިރު އެކަމާ ދެކޮޅަށް ފަލަސްތީނުން ކުރާ މަސައްކަތުގައި އދ.ގެ މެންބަރުކަން ފަލަސްތީނަށް މުހިންމު ކަމަށް ރިޔާޒް މަންސޫރު އެކި ޕޯޑިއަމްތަކުގައި ވިދާޅުވެފައިވެ އެވެ.
އދ.ގެ މެންބަރުކަން ގައުމަކަށް ދިނުމަށް އެންމެ ފުރަތަމަ ޖެހޭނީ ސަލާމަތީ މަޖިލީހުން ސެކްރެޓަރީ ޖެނެރަލަށް އެކަމުގައި ލަފާ ދޭށެވެ. އަދި އޭގެ ފަހުން އާންމު މަޖިލީހަށް ހުށަހަޅައި ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްވެއްޖެ ނަމަ މެންބަރުކަން ލިބޭނެ އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް 2011 ވަނަ އަހަރު، ފަލަސްތީނަށް އދ.ގެ މެންބަރުކަން ހޯދަށް ހުށަހެޅުއްވި ހުށަހެޅުމަށް ސަލާމަތީ މަޖިލީހުގައި އަދިވެސް ވޯޓަކަށް ނާހަ އެވެ. އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ފަލަސްތީނަށް ލިބުނީ އާންމު މަޖިލީހުން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށްގެންނެވެ.
އދ.ގެ މެންބަރުކަން ހޯދަން ފަލަސްތީނުން ކުރާ މަސައްކަތް ސަލާމަތީ މަޖިލީހާ ހިސާބުން ހުއްޓުވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސަބަބަކީ އިޒްރޭލުގެ އެކުވެރި އެމެރިކާއިން އެ ހުށަހެޅުން ވީޓޯކުރާނެ ކަމަށް ޔަގީނާ ގާތަށް އެނގޭތީ އެވެ. -- އޭއެފްޕީ