ޣައްޒާގެ އިންފްރާސްޓްރަކްޗާއަށް 18.5 ބިލިއަން ޑޮލަރުގެ ގެއްލުން
ޣައްޒާގެ އިންފްރާސްޓްރަކްޗާއަށް 18.5 ބިލިއަން ޑޮލަރުގެ ގެއްލުން

އިޒްރޭލާއި ހަމާސްގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ "ކްރިޓިކަލް އިންފްރާސްޓްރަކްޗާ" އަށް 18.5 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފި އެވެ.

އިއްޔެ އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ލިބިފައިވާ ކަމަށް އަންދާޒާކުރެވޭ މި ގެއްލުމަކީ 2022 ވަނަ އަހަރު ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގެ އިގްތިސާދީ ހުރިހާ ހަރަކާތްތަކެއްގެ ޖުމްލަ އަދަދުގެ 97 ޕަސެންޓާ އެއްވަރުގެ އަދަދެއް ކަމަށެވެ.

ޣައްޒާގެ އިންފްރާސްޓްރަކްޗާއަށް ލިބުނު ގެއްލުން އަންދާޒާކުރުމުގައި ބަލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމަލާތައް ފެށުނީންސުރެ މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ. އެހެންވެ، މިހާރު ގެއްލުން މިއަށްވުރެ ބޮޑުވާނެ އެވެ.

އދ. އާއި ޔޫރަޕިއަން ޔޫނިއަންއާ ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުމުގެ އަސަރު އިގްތިސާދީ ހުރިޙާ ހަރަކާތްތަކަކަށް ވެސް ކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 70 ޕަސެންޓަށް ވުރެ ގިނައީ އާންމުންގެ ބޯހިޔާވަހިކަން ހޯދާ ތަންތަނަށް ދީފައިވާ ގެއްލުން ކަމަށެވެ.

މިފަހަރު ޣައްޒާއަށް އިޒްރޭލުން ހަމަލާދޭން ފެށީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،160 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ ގާތްގަނޑަކަށް 33،000 މީހުން ޝަހީދުވެފަ އެވެ. -- އޭއެފްޕީ