200 އަށް ވުރެ ގިނަ ބިލް ހުށަހަޅަން އެބަ ހުރި، މަސައްކަތް ކުރެވޭނީ މަޖިލިސް ލިބިގެން: ރައީސް
200 އަށް ވުރެ ގިނަ ބިލް ހުށަހަޅަން އެބަ ހުރި، މަސައްކަތް ކުރެވޭނީ މަޖިލިސް ލިބިގެން: ރައީސް

ސަރުކާރުން ރައްޔިތުންނަށްވި ވައުދުތައް ފުއްދުމަށް 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

200 އަށް ވުރެ ގިނަ ބިލް ހުށަހަޅަން އެބަ ހުރި، މަސައްކަތް ކުރެވޭނީ މަޖިލިސް ލިބިގެން: ރައީސް
200 އަށް ވުރެ ގިނަ ބިލް ހުށަހަޅަން އެބަ ހުރި، މަސައްކަތް ކުރެވޭނީ މަޖިލިސް ލިބިގެން: ރައީސް

ހިޔާ ފްލެޓް ސަރަހައްދުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ނަތީޖާ ނެރުމަށް މަޖިލިސް އިންތިހާބު ކާމިޔާބުވުން ވަރަށް މުހިންމު ކަމަށެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށް 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭއިރު މިއީ މަޖިލީހުގެ އެއްބާރުލުން ނެތި ނުކުރެވޭނެ ކަމެކެވެ. އޭގެ ތެރޭގައި ގާނޫނަށް ގެންނަ އިސްލާހުތައް ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ބިމާ ބެހޭ އާ ބިލަކާއި ބޯހިޔާވަހިކަމާ ބެހޭ ހާއްސަ ބިލަކާއި ރިއަލް އެސްޓޭޓާ ބެހޭ ބިލަކާއި ދުނިޔޭގެ ތަރައްގީވެފައި ބައިބޯވެފައި ހުރި ސިޓީތަކުގައި ހުރި ކަހަލަ ކަންކަން ބައްޓަން ކުރުމަށް ހަދާފައި ހުރި ބިލްތައް.. މި ކަންކަމެއް ނުވާނެ، މި ވިސްނުމުގައި މިކަންކަން ކޮށްދިނުމުގެ ވިސްނުމުގައި ބަޔަކު ހިޔާރުނުކޮށްފިއްޔާ،" ހިޔާ ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ފެނުނު ކަންކަން ތަކުރާރުވިޔަ ނުދޭން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން ވެސް ޖަލްސާގައި ތަކުރާރު ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި ފެނިގެންދިޔައީ ބަދަލު ހިފުމާއި ސިޔާސީ މީހުން ހިފާ ހައްޔަރުކުރުމުގެ ނުބައި އޮއިވަރެއްގައި ރާއްޖެ އޮއްވައި އެވެ. އެކަމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ވަނީ ގައުމުގެ ހަމަޖެހުން ނަގާލުމާއި ބަދަލު ހިފުމުގެ ރޫހު ނައްތާލުމަކީ އެ މަނިކުފާނު ވައުދުވެވަޑައިގަތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަބަދުވެސް މަސައްކަތް ކުރައްވާނީ އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު ހަމަޖެހުން ގާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން ކުރެވޭނީ ރައްޔިތުންގެ އިތުބާރާއި އެއްބާރުލުން މަޖިލިސް އިންތިހާބުގައި ވެސް ދީގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުންގެ ވިސްނުން އަދިވެސް ހުރީ ބަދަލު ހިފުމުގެ ރޫހަށް ކަމަށެވެ. މަޖިލީހަށް އެފަދަ ވިސްނުމުގެ ބޭފުޅުން ހޮވައިފި ނަމަ، މިދިޔަ ހަތަރު މަހުގެ ކަންކަން ތަކުރާރުވާނެތީ އެ މަނިކުފާނު އެދިވަޑައިގަތީ ސަރުކާރަށް މަޖިލިސް އިންތިހާބުން ބޮޑު އަގުލަބިއްޔަތެއް ދިނުމަށެވެ.