އެސްއޯއެފް އަތުން 160 މިލިއަން ހޯދަން އެމްއެމްޕީއާރުުސީން އަލުން ދައުވާކޮށްފި
އެސްއޯއެފް އަތުން 160 މިލިއަން ހޯދަން އެމްއެމްޕީއާރުުސީން އަލުން ދައުވާކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރި މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި އެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާ އެކައުންޓަށް ޖަމާކޮށް، އެކި ފަރާތްތަކަށް ބެހި އެސްއޯއެފް ކުންފުނި އަތުން 160 މިލިއަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރަނީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީ އަށް އެ ފައިސާ ލިބެންޖެހޭ ކަމަށް ބުނެއެވެ.

އެ މައްސަލަ ކުރިން ކޯޓަށް ހުށަހަޅައި، ހިނގަމުން ދަނިކޮށް އެމްއެމްޕީއާރުސީން ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެވެ.

އެމްއެމްޕީއާރުސީން މިހާރު ވަނީ އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިހާރު އޮތީ ޝަރީއަތް ހިންގުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ ބަަލާ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ.

އެމްއެމްޕީއާރުސީން ކުރިން ބުނެފައިވަނީ އެ މައްސަަލަ ކޯޓުން ބޭރުކޮށްލީ އިދާރީ އޮޅުމަކުން އެ ކުންފުންޏަށް ހާޒިރު ނުވެވިގެން ކަމަށެވެ.

އެސްއޯއެފްއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮތް އަދި މިހާރު ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮތް ކުންފުންޏެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު އޭސީސީން ދަނީ ހިންގަމުންނެވެ.