03 އެޕްރީލް 2024 - 08:58

ލިފްޓު ހުޅުވުމާއެކު އެތެރޭގައި ހުރި ދެބައި އުމުރުގެ ފިރިހެން މީހާގެ ނަޒަރު ހުއްޓުނީ ސީދާ އަހަރެންގެ މޫނަށެވެ. ބޭއިހްތިޔާރުގައި އަހަންނަށް ހިނިތުންވެވުނެވެ. ނަމަވެސް އޭނާގެ މޫނުމަތީގައި އެއްވެސް ޖަޒްބާތެއް ހުރިހެން އަހަންނަކަށް ހިއެއް ނުވެއެވެ. އަޅައި ވެސް ނުލައި އޭނާ ނިކުމެއްޖެއެވެ.
އެޕާޓުމަންޓަށް ވަން އިރު އަހަރެންގެ އަނބިމީހާ، ނަޝާ އިނީ ސޯފާގައެވެ. އަހަރެން ފެނުމާއެކު އޭނާ ތެދުވިއެވެ. އަބަދު ވެސް ހެވިފައި ހުންނަ އެ މޫނު މަތިން މިހާރަކަށް އައިސް ތަފާތު ކަމެއް ފެންނަ ހެން އަހަންނަށް ހީވެއެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ސޯފާއަށް ވައްޓައިލަމުން ވަރުބަލިކަމާ އެކު އޭނާއަށް ބަލައިލީމެވެ.
އެ ވަގުތު ނަޝާ ހީލިއެވެ. އެ ހީލުމުން އޭނާ ކޮންމެ ވެސް ކަމަކާ ކަންބޮޑު ވެފައި ހުރިކަން އަހަންނަށް ޔަގީން ވިއެވެ.
"ޓެސްޓު ފަސޭހަތަ؟" ނަޝާ އެހިއެވެ.
އަހަރެން ބޯ ޖަހާލީމެވެ. އަހަންނަކީ ޝަރީއާ އިން ލޯ ކިޔަވަމުން އަންނަ މީހެކެވެ. އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވަކީލަކަށް ވުމެވެ. އެ ހުވަފެނުގައި ކުލަ ޖައްސައިނުމަށް އަހަންނަށް އެންމެ އެހީތެރިވެ ދެނީ ވެސް އަހަރެންގެ އަނބިމީހާއެވެ.
ނަޝާއަކީ އޭނާގެ ބައްޕަގެ މުދާ ވާރުތަވާ ހަމައެކަނި ފަރާތެވެ. ބައްޕަ ނިޔާވުމާ ގުޅިގެން މިއަދު ބައްޕަގެ ހުރިހާ މުދަލަކާ ފައިސާއެއްގެ ވެރިއަކީ ނަޝާއެވެ. އެހެންވެ، އަހަރެމެންނަށް ލިބިފައިވަނީ ތަނަވަސް އަދި އެހާމެ އަރާމު ދިރިއުޅުމެކެވެ. ދިރިއުޅުމަށްޓަކައި މަދުވާ، އުނިވާ އެއްވެސް އެއްޗެއް އަހަރެމެންނަކަށް ނުވެއެވެ.
"ދެންމެ ނީލް އެ ނިދީ،" އަނެއްކާ ވެސް ވާހަކަ ދެއްކީ ނަޝާއެވެ.
އަހަރެމެންގެ ހަތަރު އަހަރުގެ ނީލްއަކީ މި ދިރިއުޅުމުގެ އުފަލެވެ. ނީލް ލިބުނު ފަހުން އަހަރެމެންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ. ކައިވެންޏަށް ފަސް އަހަރު ވެގެން ދިޔައިރު ދެ މީހުންގެ ދެމެދުގައި އެއްވެސް ކިލަނބު ކަމެއް ނުވެއެވެ. ލޯބި އޭގެ އެންމެ މަތީ ދަރަޖައިގައި އޭރު ވެސް އޮތެވެ. ނަޝާއަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އަނތްބެކެވެ. ގިނަ ވަގުތު ކިޔެވުމުގައި ހޭދަ ކުރަން ޖެހުނަސް އަހަންނަށް އެންމެ މުހިއްމުވަނީ ނަޝާ އާއި ދަރިފުޅެވެ. އެންމެ ފުރަތަމަ އިސްކަން ދެވެނީ އެ ދެ މީހުންނަށެވެ.
ފެންވަރައިގެން ނިކުތް އިރު ނަޝާ އޮތީ ބިއްދޮށަށް އެނބުރިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނާ ނިދަން އޮތް ގޮތެއް ނޫނެވެ. އޭނާ އޮށޯންނާނީ ވެސް އަހަރެން އޮށޯތުމަށް ފަހުއެވެ. ސުވާލު އުފެދިފައި ހުރެ އަހަރެން އައިސް އެނދަށް އެރީމެވެ. އަދި މަޑުމަޑުން ނަޝާގެ ކޮނޑުގައި ކޮއްޓާލީމެވެ. އެ ވަގުތު އޭނާ ނޭފަތް ދަމާލި އަޑު އަހަންނަށް އިވުނެވެ.
"އޭ. ކިހިނެއްވީ؟ ކީއްވެ ރޮނީ؟" ކަންބޮޑު ވެފައި އަހަރެން އެހީމެވެ.
ޖަވާބު ލިބުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. މާ ބޮޑަށް ބައްޕަ މަތިން ހަނދާންވަނީ ކަމުގައި ބުންޏެވެ. އަހަރެން ގަބޫލު ކުރީމެވެ. އެންމެ ކުޑައިރުއްސުރެ ނަޝާ ބަލައިބޮޑު ކުރީ އޭނާގެ ބައްޕައެވެ. ބައްޕަގެ ވަކިވުން ނަޝާއަށް ބަރުދާސްތު ކުރަން ފަސޭހަ ނުވާނެކަން އަހަންނަށް އެނގެއެވެ. ނަޝާއަށް ހިތްވަރު ދިނުމުގެ ގޮތުން އަހަރެން އޭނާގެ ގައިގައި ބައްދާލައިގެން އޮވެ، ވަރަށް ނަސޭހަތް ދިނީމެވެ.
"އަހަރެން ނެތް ދުނިޔެއެއްގައި އަހަރެމެންގެ ދަރިފުޅު ރަނގަޅަށް ބަލައްޗޭ،" ނަޝާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ކެނޑިކެނޑިގެންނެވެ.
"ތިޔަ ކަހަލަ ވާހަކަ ނުދައްކާ. އަހަރެންގެ ހަޔާތުގައި ނަޝާ ނެތް ދުވަހެއް ދެކެން އަހަރެން ބޭނުމެއް ނޫން، މާ ބޮޑަށް ބައްޕަ މަތިން ހަނދާންވީމަ ތިޔަ ކަހަލަ އެއްޗެހި ވެސް ހިތަށް އަރާނެ. ހަމަ ޖެހިލަބަލަ،" އަހަންނަށް ބުނެވުނެވެ.
އާދައިގެ މަތިން ކޮންމެ ރެޔަކު ވެސް ކްލާސް ނިންމާފައި އަހަރެން ގެއަށް އަންނަނީ ރޭގަނޑު 11 ޖަހާއިރެވެ. މީގެ ހަފްތާއެއް ކުރިން ލިފްޓު ތެރެއިން ފެނުނު މީހާ ހަމަ ކޮންމެ ރެޔަކު ވެސް އަހަންނާ އެ ގަޑީގައި ލިފްޓުން ދިމާވެއެވެ. އެހެންވެ، އެއީ މި އިމާރާތުގައި އުޅޭ މީހެއްކަން އަހަންނަށް އެނގުނެވެ.
މިރޭ ވެސް އަހަރެން ހުރީ ލިފްޓު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައެވެ. މިރޭ އެ ފިރިހެންމީހާއެއް ނެތެވެ. އަބަދު ވެސް ފެންނަ މީހަކު ނުފެނުމުން އަހަރެން އޭނާ މަތިން ކުޑަކޮށް ހަނދާންވިއެވެ.
ދެ ތިން ސިކުންތުގެ ތެރޭގައި ދެ ވަނަ ފަންގިފިލާގައި ލިފްޓު ހުއްޓުނެވެ. ދޮރު ހުޅުވުމާއެކު އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެ މީހާ އެ ނިކުތީ އަހަރެންގެ އެޕާޓްމަންޓުންނެވެ. އޭނާއަށް އަހަރެން ފެނުމާއެކު ސިހުނުކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ޝައްކުގެ ނަޒަރަކުން އޭނާއަށް ބަލަން ފެށީމެވެ. އަހަރެން ނިކުތުމާ އެކު އިސްޖަހައިގެން ހުރެ އޭނާ ލިފްޓަށް އެރިއެވެ.
ގެއަށް ވަތް އިރު މިރޭ ވެސް ނަޝާ އިނީ ސޯފާގައެވެ. އަހަރެން ފެނުމުން ނަޝާ ތެދުވެއްޖެއެވެ. އޭނާގެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ހުރި ކަން އަހަންނަށް އެނގުނެވެ.
"ދެންމެ... ދެންމެ އެ ނިކުތީ ކާކު؟" ދޮރު ލައްޕާލަމުން އަހަރެން އެހީމެވެ.
"ކާކު؟ އާނ... އެއީ... އެއީ އެއްޗެއް ޑެލިވެރީ ކުރަން އައި މީހެއް. ނުބައި އެޑްރެހަކަށް އައީ. ހީވަނީ މިތާ މައްޗަށް އައި މީހެއް ހެން،" ނަޝާ ވާހަކަ ދެއްކީ އާގަންނަމުންނެވެ.
އިރުކޮޅަކު ނަޝާގެ މޫނަށް ބަލަން އަހަންނަށް ހުރެވުނެވެ. މި ވީހާ ތަނަށް ދުވަހަކު ވެސް އޭނާ އަހަންނަކަށް ދޮގެއް ނަހަދައެވެ. ދެ މީހުން ދިރިއުޅެނީ އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރު ކޮށްގެންނެވެ. ނަޝާއާ ބެހޭ ގޮތުން ކުޑަ ޝަކުވާއެއް ކޮށްލާނެ ފުރުސަތެއް ވެސް އޭނާ އަހަންނަކަށް ނުދެއެވެ. ވީ އިރު މިރޭ އޭނާ ދައްކާ ވާހަކަ ދޮގު ކުރަން އަހަންނަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
"އާނ. އެއީ މިތާ އުޅޭ މީހެކޭ. ކޮންމެ ރެޔަކު ވެސް ލިފްޓުން އަހަރެން އޭނަ ދެކެން،" އަހަރެން ބުނީމެވެ.
އެ ރެޔަށް ފަހު އަހަރެން އެ މީހާ އެއް ނުދެކެމެވެ. ކުއްލިއަކަށް އޭނާއަށް ވީ ކިހިނެއްބާވައޭ އަބަދު ވެސް ހިތަށް އަރައެވެ. އެ ރެޔަށް ފަހު އަހަންނަށް ނަޝާގެ ކިބައިން ވެސް ތަފާތު ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. އޭނާ އަހަންނާ ދުރަށް ދާ ހެން ހީވެއެވެ. ދެ މީހުން އެކުގައި ހޭދަވީ އަހަރުތަކުގައި އޭނާގެ ފަރާތުން އަހަންނަށް އާދަ ވެފައިވާ އެތައް ކަމެއް މިހާރު ބަދަލު ވެއްޖެއެވެ.
އަހަރެން ގެއަށް އަންނަން ދެން އިންތިޒާރަކު ނީނދެއެވެ. އަހަންނާއެކު އެއް ސުފުރާ މައްޗަކަށް ކާކަށް ނާރައެވެ. ގިނަ ފަހަރު އޭނާ ކާ ކަމެއް، ނުކާ ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ނިދަން އެރުމުގެ މާ ކުރިން އޭނާ އޮންނަނީ ނިދައިފައެވެ. ވާހަކަ ދެއްކުން މަދުވެއްޖެއެވެ. ދަރިފުޅަށް ދޭ ސަމާލުކަން ވެސް ކުޑަ ވެއްޖެއެވެ. މީގެ ކުރިން، ނަޝާގެ އަމިއްލަ ކަންކަމަށް ވުރެ އޭނާ އިސްކަން ދެނީ އަހަރެންގެ ކިޔެވުމަށެވެ. އަހަރެން ދެކެމުންދާ ފޮނި ހުވަފެންތަކުގައި ކުލަ ޖެހޭ ދުވަހަކީ ނަޝާ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމުގައި އޭނާ އަބަދު ވެސް ބުނެއެވެ.
ހުކުރު ދުވަހުގެ ރެޔަކީ އަހަންނަށް ބަންދު ރެޔެކެވެ. ނަމަވެސް ޓެސްޓު ފެށިގެން އުޅޭތީ އެ ރޭ ވެސް ގުރޫޕް ސްޓަޑީޒް ހަދަން ކްލާސް ކުއްޖެއް ގެއަށް އަހަރެން ދަމެވެ. އެކަމަކު، މިރޭ އަހަރެން ބޭނުންވީ ގޭގައި މަޑު ކުރާށެވެ. އެއްވެސް ތާކަށް ދާ ހިތެއް ނުވިއެވެ.
"މިރޭ ނުދަނީތަ؟" ނަޝާ އަހައިލިއެވެ.
އަހަންނަށް ހީވީ އޭނާ އެ އުޅެނީ އަހަރެން ފޮނުވައި ނުލެވިގެން ހެންނެވެ. އަހަރެން އިނީ ޓީވީ ބަލާށެވެ. އަނގައިން ނުބުނެ ބޯ ޖަހާލުމުން އަނެއްކާ ވެސް ނަޝާ ވާހަކަ ދައްކަން ފެށިއެވެ.
"ޓެސްޓު ދުވަސްވަރު ފަރުވާ ކުޑަ ނުކުރޭ." އޭނާ ބުންޏެވެ.
"ނަޝާއަށް މިހާރު އަހަރެން މުހިއްމެއް ނޫނެއްނު،" އަހަރެން ބުނީމެވެ. ޓީވީއަށް ގެއްލިފައި އިނދެއެވެ.
"އާމިރުއަށް ތިހެން ހީވަންޏާ އެއީ ވަރަށް ބޮޑު ކުށްހީއެއް،" ނަޝާ ބުންޏެވެ.
އަހަރެން އެކަން ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އުޅުމަށް އަންނަމުންދާ ބަދަލުތަކާ އަހަންނާ ދުރުވާ ވަރު އަހަންނަށް އިހުސާސް ކުރެވެއެވެ.
އަހަންނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނަޝާގެ އަތުގައި އޮތް ފޯނު ސްކްރީން ދިއްލުނުތަން ފެނުނެވެ. އޭނާ މިހާރު އުޅެނީ ފޯން ރިންގް ވެސް އޮފް ކޮށްގެންކަން އަހަންނަށް އެނގުނީ ދެނެވެ.
ނަޝާ ސޯފާއިން ތެދުވެއްޖެއެވެ. އަތުގައި އޮތް ފޯނު ފޮރުވަން އޭނާ މަސައްކަތް ކުރަނިކޮށް އަހަރެން ދުށީމެވެ. އެ ވަގުތު އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނަޝާ އަހަންނަށް ބޭވަފާތެރި ވަނީ ހެއްޔެވެ؟ އޭނާއަށް އެހެން މީހަކު ކަމުދަނީ ހެއްޔެވެ؟ އެއްވެސް ކަމެއް މީގެ ކުރިން އޭނާ އަހަންނަކަށް ސިއްރެއް ނުކުރެއެވެ. އެކަމަކު މިހާރު އަހަންނަށް ނަޝާއަކީ ކާކުކަން ނޭނގޭ މިންވަރަށް އޭނާ ބަދަލު ވެއްޖެއެވެ.
ފުން ހިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް އަހަންނަށް ފެނުނީ ނަޝާ ނިކުތް ތަނެވެ. ރީތި ވެފައި ހުރި ވަރުން އޭނާ އެ ދަނީ ބޭރަށް ކަން އަހަންނަށް އެނގުނެވެ.
"ކޮންތާކަށް؟" ބޭއިހްތިޔާރުގައި އަހަންނަށް އަހައިލެވުނެވެ.
ދަރިފުޅުގެ ކްލާސް ބެލެނިވެރިންގެ ޑިނަރ ނައިޓަކަށް ދަނީ ކަމުގައި އޭނާ ބުންޏެވެ.
"ހިނގާ، އަހަރެން ދާނަން ޑްރޮޕްކޮށް ދޭން،" ސޯފާއިން ތެދުވަމުން އަހަރެން ބުނީމެވެ.
ނަމަވެސް އެކަމާ ވަގުތުން ނަޝާ އިންކާރު ކުރިއެވެ. އޭރު އޭނާ ދޮރާ ހަމައަށް ހިނގައްޖެއެވެ.
"ނޫން." ސިހިފައި ނަޝާއަށް ބުނެވުނީ ވަރަށް ބާރަށެވެ. އެ ވަގުތު އަހަންނަށް އޭނާގެ މޫނަށް ހައިރާންކަމާއެކު ބަލައިލެވުނެވެ.
"ނޫން. މިތާ ވަރަށް ކައިރީގައި އިންނަ ރެސްޓޯރެންޓަކަށް ދަނީ. ދާނަން ހިނގާލައިފައި." ނަޝާ ބުންޏެވެ.
އަހަރެން ދޭނެ ޖަވާބަކަށް ބެލުމެއް ނެތި ނަޝާ ނިކުމެއްޖެއެވެ. އަހަރެން ވެސް މަޑެއް ނުކުރަމެވެ. ބާރަށް ގޮސް ބެލްކަންޏަށް ނިކުތީމެވެ. އަހަންނަށް ފެނުނީ މަގުމަތީ އޮތް ކާރަކަށް ނަޝާ އަރާ މަންޒަރެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަހަންނަށް މައްޗަށް ބަލައިލެވުނީ ވަރުބަލި ކަމާއެކު ނަޝާގެ ނަމުން ގޮވާލަމުންނެވެ.
"އަހަންނަށް ދޮގު ވެސް ހަދަން ފެށީތަ؟" ހިތާހިތުން ޝަކުވާ ކުރެވުނެވެ.
ނަޝާ އެނބުރި އައުމުން އަހަރެން އެއްވެސް އެއްޗެއް ނާހަމެވެ. އޭނާގެ ކަންތައްތައް މަޑުމަޑުން ބަލަމުން ގެންދިޔައީއެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އޭނާ ނިދާނެ ވަގުތަކަށެވެ. ނިދީގައި ނަޝާގެ ނޭވާގެ އަޑު ގަދަވާން ފެށުމުން އޭނާއަށް ނިދުނު ކަން އަހަންނަށް ޔަގީން ކުރެވުނެވެ. އެހެންވެ، ބާލީސް ކައިރީ އޮތް އޭނާގެ ފޯނު ނެގީމެވެ.
ހައިރާންވީ ފޯނުގެ ޕާސްވޯޑު އޭނާ ބަދަލު ކޮށްފައި އޮތުމުންނެވެ. އެ ދަރަޖައަށް ކަންތައްތައް ދިޔައިރު އަހަންނަށް އެއްވެސް ކަމެއް ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ ނަޝާ ބަދަލުވާން ޖެހުނު ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންގެ ފަރާތުން އެއްވެސް ކަމެއް އޭނާއަކަށް އުންޏެއް ނުވާނެއެވެ.
ނަޝާގެ ކަމަކީ އަބަދު ނިދުމެވެ. ގޭތެރޭގެ ކަންތައްތައް ބަލަހައްޓަނީ އަހަންނެވެ. އެކަމާ ބެހޭ ގޮތުން އެއްޗެއް ބުންޏަސް އޭނާ އަހަންނާ ވާހަކައެއް ނުދައްކައެވެ. އޭނާ އަހަރެން ދެކެ އެހާ ފޫހިވާކަން މިހާރު އަހަންނަށް އިހްސާސް ކުރެވެއެވެ.
ވިސްނެން ފެށުމާ އެކު ވީ ދެރައިން އަހަރެން ތެދުވީމެވެ. އޭރު ދުރުގައި ހުރި ސިންގަލް އެނދުގައި ނީލް ނިދާފައި އޮތެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތަކުގެ ސަބަބުން އަހަންނަށް ނިދޭ ގޮތެއް ނުވިއެވެ. އަހަންނަށް ވިސްނުނު ގޮތުގައި ނަޝާއަށް ފާރަ ލާންވީ ވަގުތު މިހާރު ޖެހިއްޖެއެވެ. ނިދާފައި އޮތް ނަޝާގެ މޫނަށް އަހަންނަށް ބަލައިލެވުނީ ހިތްހަމަ ނުޖެހުމާއެކުއެވެ.
ކްލާހަށް ދާން އަހަރެން ނިކުތީމެވެ. ނަމަވެސް އަހަރެން ގޮސް ހުރީ ގޭ ދޮރުމަތީ ހުރި ހެދުން ވިއްކާ ފިހާރަ ތެރޭގައެވެ. ގޭގެ ދޮރަށް ކަޅި އަމާޒު ކޮށްގެން އަހަރެން ހުރީ ކުޑަކޮށް ފިލައިގެންނެވެ. ބަލަހައްޓައިގެން ހުއްޓާ، ގޭ ދޮރުމައްޗަށް ސައިކަލެއް މަޑު ކުރިއެވެ. އޭގައި އެ އިނީ ކާކު ކަން އަހަންނަކަށް ނޯޅެއެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން ލިފްޓުން ދިމާވާ މީހާއެވެ. ނަޝާ ބުނާ ގޮތުން ނަމަ ޑެލިވަރީ ބޯއީއެވެ. އޭނާ އެތެރެއަށް ވަންނަ ތަން ފެނި އަހަރެންގެ ސިކުނޑި ފަޅައިގެން ދިޔަ ކަހަލައެވެ.
ފިހާރައިން ނިކުތީމެވެ. އޭރު މަގު އޮތީ ދުއްވާ އެއްޗެހިން ފުރިފައެވެ. އެހެންވެ، މަގު ހުރަސް ކުރަން ވަގުތުކޮޅެއް ނެގިއެވެ.
"އަހަންނަކަށް ދެން މިހެންނެއް ނޫޅެވޭނެ." ދޮރު ކައިރިއަށް ޖެހިލި ވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ ނަޝާގެ އަޑެވެ.
"އާމިރު ދެރަވިޔަސް އާމިރު ގާތު ބުނެގެން ދެން މި ކަން ވާނީ." ނުދަންނަ ފިރިހެނެއްގެ އަޑު އިވުނެވެ.
އަހަރެން އިތުރަށް ދޮރާ ކައިރިއަށް ޖެހިލީމެވެ. ހީވާ ގޮތުން އެ މީހުން އެ ތިބީ ސޯފާގައެވެ.
"މި ދަރިފުޅަށް ވާނެ ގޮތާމެދު އެންމެ ބޮޑަށް ވިސްނެނީ. އެކަމަކު ވެސް... ދެން އަހަންނަކަށް މިހެންނެއް ނޫޅެވޭނެ." ނަޝާ ބުންޏެވެ. އޭރު އޭނާއަށް ހުރީ ރޮވިފައިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
"އިރާދަކުރެއްވިއްޔާ ނަޝާގެ ދަރިފުޅަށް ދެރަ ގޮތެއް ނުވާނެ. މިހާރު ތި ކަންތައްތަކާ ވިސްނައިގެން ނުވާނެ، ނަޝާ ވިސްނަން ޖެހޭނީ ހަމައެކަނި ނަޝާއަށްޓަކައި." އޭނާ ބުންޏެވެ.
"އާމިރުއަށް ހާދަ ދޮގެއް އެބަ ހަދަމޭ. އޭނައާ ވަރަށް ދުރު ވެއްޖައިން،" ނަޝާ ބުނެލި ޖުމްލައިން އަހަންނަކަށް މަޑަކުން ނުހުރެވުނެވެ.
ދޮރު ފަޅާލައިފައި އެތެރެއަށް ވަންނަން ބޭނުންވިއެވެ. ނަމަވެސް އެކަން ހުއްޓުވީ އަހަރެންގެ ޒަމީރެވެ. އެނބުރި ގެއިން ނިކުތީމެވެ. ބޭނުންވީ ހަމަހިމޭން ތަނަކަށް ގޮސް ހިތުގައި ހުރި އުދާސްތައް ބޭރު ކޮށްލާށެވެ. އޭރު އަހަރެންގެ ދެ ލޮލުން ކަރުނަ އޮހޮރެމުން ދެއެވެ. ނަޝާ އަހަންނަށް އޮޅުވައިލީކަން ޔަގީން ކުރެވުނެވެ. އޭނާއަށް ކަމުދާ އެހެން މީހަކު ހޯދައިފިކަން ވެސް އެނގުނެވެ. ވަފާތެރިކަމުގެ މޫނު އަޅައިގެން އަހަންނަށް އޭނާ ކެހި ދިނީއެވެ. އަހަންނާ މެދު އެއްވެސް ފަރުވާލެއް ނެތެވެ. މި ފަދަ އެތައް ހާސަރުތަކެއް އަހަރެންގެ ހިތަށް ޖަމާވަމުން ދިޔައެވެ.
އެނބުރި ގެއަށް ދިޔައިރު ނަޝާ އޮތީ ނިދާފައެވެ. އޭނާގެ މޫނަށް ބަލަން އަހަރެން އެތައް އިރެއް ވަންދެން އިނީމެވެ. ފެންނަނީ މައުސޫމް ކަމެވެ. ލޮބުވެތިކަމެވެ. ނަމަވެސް އޭގެ ފުރަގަހުގައި ވާ ހީލަތްތެރިކަން އަހަންނަށް މިހާރު ކަށަވަރު ކުރެވިއްޖެއެވެ.
ކަޅި ޖަހައިނުލާ ނަޝާގެ މޫނަށް ބަލަން އިންދާ ކުއްލިއަކަށް އޭނާ ލޯ ހުޅުވާލައިފިއެވެ.
"ކޯއްޗެއް ތި ބަލަނީ؟" ނަޝާ އެހިއެވެ. އޭނާގެ ލޮލަކު ނިދީގެ އަސަރެއް ނެތެވެ.
"އެއްވެސް އަގެއް ނެތް އެއްޗަކަށް." އަހަރެން ދިން ޖަވާބުން ނަޝާ ހީލިއެވެ. އަދި އެހެން ބުނީ ކީއްވެތޯ އެހިއެވެ.
"އަޅައިނުލާ. އަދި އެނގިދާނެ." އަހަރެން ބުނީމެވެ.
އަހަރެން ބޭނުންވީ ހިތްވަރެވެ. ހިތްވަރު ހޯދައިގެން ނަޝާއާއި އޭނާގެ ސިއްރު ލޯބިވެރިޔާގެ ގުޅުން ފަލީހަތް ކޮށްލާށެވެ. އެހެންވެ އަހަރެން އަދި ވަގުތު ބޭނުންވީއެވެ.
"މާދަމާ ރޭ އަހަރެންގެ ގުރެޖުއޭޝަން އޮވޭ. ދާނަންތަ؟" ހިތާ ދެކޮޅަށް އަހަރެން އެހީމެވެ.
"ފާސްވީތަ؟" އޭނާ ސުވާލު ކުރިއެވެ.
ކޯހުން އަހަންނަށް ލިބުނީ އެއްވަނަ ކަން ވެސް ނަޝާ ގާތު ބުނާ ހިތް ނުވީއެވެ. ހެވިފައި ހުރެ އޭނާ އެ ސުވާލު ކުރުމުން އަހަރެންގެ ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ.
"ހޫމް، ނަޝާއަކަށް މިހާރަކު ނުވެއެއްނު އަހަރެންގެ ކަންކަން ބަލައިލާނެ ވަގުތެއް ވެސް. ދެން އަހަންނާ އެކު އެ ތަނަށް ދާން ބޭނުން ވަންޏާ ތައްޔާރު ވޭ އަށެއް ޖަހާއިރަށް،" އަހަރެން ބުނީމެވެ. އެއަށްފަހު އޭނާއަށް ފުރަގަސް ދެމުން އޮށޯތީމެވެ.
އަހަރެން ތައްޔާރު ވެގެން ކޮޓަރިން ނިކުތް އިރު ވެސް ނަޝާ އިނީ ދަރިފުޅު ގޮވައިގެން ސޯފާގައެވެ. އޭނާ ތައްޔާރު ނުވީތީ، އަހަންނާ އެކު ދާން ބޭނުން ނުވަނީކަން އެނގުނެވެ. އަހަރެން ދެރަވިއެވެ. ނަމަވެސް ބޭވަފާތެރި އަކަށް ޓަކައި ކަރުނަ އަޅާކަށް ބޭނުމެއް ނޫނެވެ.
"ނީލް ނުނިދާ އިނީމަ ނުދެވޭނެ އެއްނު،" ދޮރާ ދިމާލަށް އަހަރެން ހިނގައިގަތް ވަގުތު ނަޝާ ބުންޏެވެ.
"އެހެންވެ އެއް ނޫން. އަހަންނާ އެކު ދާން ބޭނުން ނުވީ." އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
އެ ވަގުތު އޭނާ އިސްޖަހާލިތަން ދުށީމެވެ.
"އަހަރެމެން ބަލާނަން ޓީވީން ބައްޕި. ގޮސް އެނބުރި އާދޭ. އަހަރެން އިންތިޒާރު ކުރާނަން،" ހީލަމުން ނަޝާ ބުންޏެވެ.
އަހަންނަށް ޗޮކެއް ކަނޑައިލެވުނީ އޭނާ ދެކެ ވީ ފޫހިންނެވެ. ނަމަވެސް ދަރިފުޅު އިނުމުން އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ.
ގެއަށް އައީމެވެ. ފޫހިކަމާއެކު ކޮޓަރިއަށް ވަނީ ކަރުގައި އޮތް ޓައީ ދޫކުރަމުންނެވެ. އޭރު ނަޝާ ހުރީ ނަމާދަށް އަރައެވެ. އޭނާ އޮތީ ސަޖިދައިގައެވެ. ދަރިފުޅު ވެސް އޭރު އޮތީ ނިދާފައެވެ. އަތުގައި އޮތް ސެޓިފިކެޓް އަލަމާރިއަށް ލީ ނަޝާއަށް އެ ދައްކަން ބޭނުން ނުވާތީއެވެ. އަހަރެން އެނބުރި ބަލައިލި އިރު ވެސް އޭނާ ސަޖިދައިން ނުތެދުވެއެވެ. ފަސްވަރަކަށް މިނިޓް ވުމުން ޖެހިލުންވެ ހުރެ އަހަރެން އޭނާއަށް ގޮވައިލީމެވެ. ނަމަވެސް ހިލަމެއް ނުވިއެވެ.
އަވަސް އަވަހަށް ތިރިވެ ނަޝާގެ ގައިގައި އަތް ޖައްސާލުމާއެކު އޭނާ އަހަރެންގެ އުނގުމައްޗަށް ވެއްޓުނެވެ. އަހަރެންގެ މުޅި ހަށިގަނޑު އެ ވަގުތު ތުރުތުރު އަޅައިގަތެވެ. އެ ހަށިގަނޑުގައި އޮޅުލައިގަންނަމުން އަހަންނަށް ރޮވުނެވެ. މެޔާލައި އޭނާ ބޮނޑިކޮށްގެން އިނދެ އަހަންނަށް ބާރަށް ރޮއި ގަނެވުނެވެ. އެ ވަގުތު ނީލް ހޭލައި ބޯ ހިއްލާލި ތަން އަހަންނަށް ފެނުނެވެ.
އެމްބިޔުލާންސްގައި ނަޝާ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ބައިވަރު ކަރުދާސްތަކެއްގައި އަހަންނަށް ސޮއި ކުރަން ޖެހުމުން ސުވާލު އުފެދިފައި ހުރެ ނަރުސް ކުއްޖާގެ މޫނަށް ބަލައިލީމެވެ.
ނަޝާއަށް ފަރުވާ ދިނުމަށްޓަކައި ވެންޓިލޭޓަރަށް ލާން ޖެހުނީ ކަމަށް އޭނާ ބުންޏެވެ. އަހަންނަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. އަހަރެންގެ އަތުން އެ ކަރުދާސްތައް ނެގުމަށްފަހު އެ ކުއްޖާ އެނބުރި ދިޔަ އިރުގައި ވެސް އަހަންނަށް ހުރެވުނީ ހުއްޓުން އަރައިފައެވެ.
ހަމަ އެ ވަގުތެވެ. ކުއްލިއަކަށް ނަޝާގެ ނަމުން ގޮވާލި އަޑަށް އަހަރެން ދޮރާ ކައިރި ވެލީމެވެ. އެ ވަގުތު އެ މީހުން އަހަރެން އެތެރެއަށް ވައްދައިފިއެވެ.
ކުރިމަތީގައި ހުރި ޑޮކްޓަރު އަހަރެން ފެނުމުން އޭނާގެ މާސްކު ތިރި ކޮށްލިއެވެ. އޭނާ ފެނުމުން އަހަންނަށް އިތުރު ސިހުމެއް ލިބުނެވެ. އެ މީހަކީ ކޮންމެ ރެޔަކު ލިފްޓުން އަހަންނަށް ފެންނަ މީހާއެވެ. އަދި އެއީ ނަޝާއާއި ގުޅުމެއް އޮތް ކަމަށް އަހަރެން ޝައްކު ކުރާ މީހާއެވެ.
އޭނާގެ މޫނަށް އަހަންނަށް ބެލުނީ ހައިރާންކަމާއެކުއެވެ. އެ ވަގުތު އޭނާ ވަރަށް ގާތް ގޮތަކަށް އަހަރެންގެ ގައިގައި އަތް ޖައްސާލިއެވެ. އަދި އޭނާއާ އެކު އައުމަށް އެދުނެވެ. އޭރު ވެސް އަހަރެންގެ އިނގިލީގައި ހިފަހައްޓައިގެން ކުޑަ ދަރިފުޅު ހުއްޓެވެ. ޑޮކްޓަރުގެ އެދުމަށް ނަރުސް ކުދިން ނީލް ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.
"އަހަންނަކީ ނަޝާގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް. އަދި މިހާރު ނަޝާގެ ޑޮކްޓަރު." އޭނާ ބުންޏެވެ.
ސުވާލު އުފެދުނު ނަމަވެސް އެއްޗެއް އަހައިލަން ވެސް ނޭނގި އަހަންނަށް ހުރެވުނީއެވެ.
"މީގެ މަހެއްހާ ދުވަސް ކުރިން ނަޝާ ވަނީ އެނީމިއާ ބައްޔަށް ޑައިގްނޯޒް ކުރެވިފައި. އެނގުނު އިރު އޭނާ ހުރީ ސްޓޭޖް ހަތަރެއްގައި. އާމިރުގެ އެންމެ ފަހު އިމްތިހާނު ބޯމަތިވެފައި އޮތީމަ ނަޝާ ބޭނުން ނުވީ އާމިރަށް މި ކަން އަންގަން. އެހެންވެ، އާމިރުގެ އިމްތިހާނު ނިމުނީމަ ފަރުވާއަށް ބޭރަށް ދާނިއްޔޯ ކިޔައިގެން ހުރީ،" އޭނާ ބުންޏެވެ.
އަހަންނަށް ދެ ލޯ މަރައިލެވުނެވެ. އެ ވާހަކަތައް އަޑު އަހަން ފަސޭހައެއް ނުވިއެވެ.
"އަހަރެން ތި ގެއަށް ދަނީ ނަޝާއަށް ދޭން ޖެހޭ އިންޖެކްޝަނެއް ޖަހައިދޭން. އަދި އޭނާ ގެއިން ބޭރަށް އެ ދަނީ ހަދަން ޖެހޭ ޓެސްޓްތައް ހަދަން ހޮސްޕިޓަލަށް. ބައެއް ރޭރޭ އެހާ ދަންކޮށްފައި ގެއަށް އެ ދަނީ މިތަނުގައި ބާއްވައިގެން ދޭން ޖެހޭ ފަރުވާތައް ދޭތީވެ،" ޑޮކްޓަރު ކިޔައިދިނެވެ.
އަހަންނަށް ހުރެވުނީ އަދިވެސް ގަބޫލު ކުރަން ނޭނގިފައެވެ. ހިތަށް ވަނީ ހިމޭންކަން ލިބިފައެވެ.
"އާމިރުއަށް ސިއްރުކޮށްގެން އުޅެން ޖެހޭތީ ނަޝާ ވަރަށް ދެރަ ވެސް ވޭ. އެކަމަކު އޭނަ ބޭނުންވީ އާމިރުގެ ގުރެޖުއޭޝަނަށް ފަހު އެ ވާހަކަ ދައްކަން. އަހަރެން މި ދިޔައީ އޭނަގެ ހާލު ބަރާބަރަށް ވަރަށް ގާތުން ބަލަމުން. އެއީ އަހަރެންގެ މަރުހޫމް އެކުވެރިޔާގެ ދަރިފުޅު،" ޑޮކްޓަރު އިތުރު ކޮށްލިއެވެ.
"ނަޝާ ސަލާމަތް ކުރެވިދާނެތަ؟" އަހަންނަށް ބުނެވުނެވެ.
"ހިމަގްލޮބިން ވަރަށް ބޮޑަށް ދަށް. އިރާދަ ކުރެއްވިއްޔާ އަދި ރަނގަޅުވާނެ،" ޑޮކްޓަރު ބުންޏެވެ.
އަހަރެންގެ ގައިގައި އަތް ޖައްސައިލުމަށްފަހު ޑޮކްޓަރު ހިނގައްޖެއެވެ.
އަހަންނަށް ނަޝާ ފެނުނު ވަގުތު ހިތުގެ ހިނގުން ހުއްޓުނު ފަދައެވެ. ގައިގެ އެތަން މިތަނަށް އޮތީ ގޮޅި ގުޅައިފައެވެ. މެރިފައި އޮތް އެ ދެ ލޯ ހުޅުވާލާނީ ކޮން އިރަކުން ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަޝާ ފެނުމުން އަހަންނަށް ފުރަތަމަ ވެސް ކުރެވެން ފެށުނީ ޝަކުވާއެވެ.
"ނަޝާ އަހަންނަށް އިތުބާރެއް ނުކުރަންތަ؟ ހުރިހާ ކަމަކަށް ވުރެ އަހަންނަށް މުހިއްމު ވާނީ ނަޝާއޭ. އަހަންނަށް އަހަރެންގެ އެގްޒާމް މުހިއްމެއް ނޫނޭ ނަޝާ. ކީއްވެ ތިހެން ހެދީ؟ އަހަންނަށްޓަކައި ނަޝާގެ ފުރާނައާ މެދު ނުވިސްނީ ކީއްވެ؟" އަހަންނަށް ބުނެވުނެވެ.
އެ ވަގުތު އަހަރެންގެ ހަނދާނަށް އައީ މީގެ ދެ ތިން ރޭ ކުރިން ނަޝާ ބުނެލި ޖުމްލައެވެ.
"އަހަރެން ނެތް ދުނިޔެއެއްގައި އަހަރެމެންގެ ދަރިފުޅު ރަނގަޅަށް ބަލައްޗޭ،" ނަޝާގެ ބުނި ޖުމްލަ އަހަރެންގެ ހިތުގައި ތަކުރާރު ކޮށް ފެވިގެން ދިޔައެވެ.
"އެހާ އަވަހަށް އަހަރެމެންނާ ވަކި ނުވައްޗޭ. ނަޝާއާ ނުލައި އަހަންނަށް ހިނދުކޮޅަކު ވެސް ދިރިއެއް ނުހުރެވޭނެ،" އަހަރެން ބުނީމެވެ.
އޭރު އަހަރެންގެ ލޮލުން ކަރުނަތައް ފޫދިގެން ފައިބައެވެ. ވަގުތު ހަމަ ވުމުން އަހަރެން ނިކުތީ ނިކުންނަ ހިތަކުން ނޫނެވެ. ނަޝާއާ ނުލައި އަހަރެން ދިރިއުޅުން ވޭތު ކުރާނީ ކޮން ފަދައަކުން ހެއްޔެވެ؟ އަހަރެންގެ ހަޔާތުގައި އިތުރު މީހަކަށް ދޭނެ ފުރުސަތެއް ނެތެވެ.
ވެންޓިލޭޓަރުގައި އޮންނަތާ ދެ ވަނައަށް ވީ މަހު ނަޝާ ނިޔާވީ ވަރަށް ބޮޑަށް ހާލު ދެރަ ވެގެންނެވެ. އެއީ އަހަރެންގެ ހަޔާތަށް އައި އެންމެ އަނދިރި ދުވަހެވެ. ހަގީގަތް ގަބޫލު ކުރަން މަޖުބޫރުވި ނަމަވެސް އަހަންނަކަށް ކެތެއް ނުކުރެވުނެވެ.
އަހަންނަށް ހޭވެރިކަން ވީ އިރު ލޯބިވާ އަނބިމީހާގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމިއްޖެއެވެ. އެންމެ ކުޑަމިނުން މޫނު ދެކިލާނެ ފުރުސަތު ވެސް އަހަންނަކަށް ނުލިބުނެވެ. އަހަރެންގެ ހާލު މާ ދެރައެވެ. ހިތްވަރެއް ނުކުރެވުނެވެ. ދެލޯ ކަރުނައިން ފޯ ވެއްޖެއެވެ. މާޔޫސްވެ، ދުނިޔެ މަތިން ފޫހި ވެއްޖެއެވެ. ހަށިގަނޑަށް ވަރުބަލިކަން ވެރިވެ ބާރު ދޫ ވެއްޖެއެވެ.
"މަންމި ދެން ނާންނާނެތަ؟" ކަންފަތުގައި ޖެހުނީ ތުއްތު ނީލްގެ އަޑެވެ.
އެ އަޑުން އަހަންނަށް ކޮޅަށް ތެދުވަން ހިތްވަރު ލިބުނެވެ. ނަޝާގެ އެންމެ ފަހުގެ ވަސިއްޔަތް ހަނދާންވިއެވެ. ހިންދިރުވައި ލުމަށްފަހު އަހަރެން ދަރިފުޅުގެ މޫނަށް ބޮސް ދިނީމެވެ.
"ދެން އަހަރެމެން މަންމައާ ބައްދަލު ކުރާނީ އިންޝާﷲ ޖަންނަތުން. ދަރިފުޅު މަންމައަށް ދުއާ ކުރައްޗޭ،" އަހަންނަށް ބުނެވުނެވެ.
އަދި ނީލްގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އަހަރެން އެދެނީ ޖަންނަތުގައި ނަޝާއާއެކު އަހަރެމެން ދެ ބަފައިން ލެއްވެވުމެވެ.
ނިމުނީ