23 ފެބުރުއަރީ 2017 - 12:59

ޑްރާމާ ސިލްސިލާތަކެއް އުފެއްދުމުގެ ފޯރި ދިވެހި ފިލްމީ ދާއިރާގައި އަނެއްކާވެސް ގަދަވެއްޖެ އެވެ.

މި ފަހަރު މި ލިސްޓަށް އިތުރުވި ނަމަކީ މަޝްހޫރު ޑައިރެކްޓަރު އަހުމަދު ނިމާލެވެ. އޭނާ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ 26 އެޕިސޯޑްގެ ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ސްރީ ލަންކާގައި ޝޫޓްކުރާ ޑްރާމާގެ މަސައްކަތް ކްރޫއާ އެކު މިހާރު އަންނަނީ ވަރަށް ފޯރީގައި ކުރިއަށެވެ.
"ލޯބީގެ ހިޔަނި" އަކީ މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާ، އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ކަންތައްގަނޑެއް ދައްކުވައިދޭ ޑްރާމާއެކެވެ.
ލީޑް ރޯލް ކުޅެނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ނޭނގި ޔާރު ވަކިވީ" އިން ފެނިގެން ދިޔަ ތިން ތަރިއެކެވެ. އެއީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) ގެ އިތުރުން އިސްމާއިލް ޖުމައިހް (ޖުމާ) އާއި ސުޖީތާ އަބްދުﷲ އެވެ.
ލަންކާގައި ހުރެ ފޯނުން ނިމާލް ބުނީ އެ ތިން މީހުންނާ އެކު "ލޯބީގެ ހިޔަނީ" ގެ ކާސްޓުންގެ ތެރޭގައި ކުރީގެ ބަތަލާ ފާތުމަތު ޝީރީން، އާރިފާ އިބްރާހީމް އަދި ހާމިދު ވަޖީހް ފަދަ އެކްޓަރުން ވެސް ހިމެނޭނެ ކަމަށެވެ. އަދި ބައެއް ރޯލްތަކުން ލަންކާގެ އެކްޓަރުން ވެސް ފެންނާނެ އެވެ.
"ޑްރާމާ ޑައިރެކްޓް ކުރުމުގެ އިތުރަށް މީގެ ވަރަށް މުހިއްމު ރޯލަކުން ނިމާލު ވެސް ފެނިގެން ދާނެ. މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށް އެބަދޭ. ވަރަށް ހިތްހަމަޖެހޭ މީގެ ސްޓޯރީ އާއި މީގެ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ،" މަހެއްހާ ދުވަހުގެ ތެރޭގައި ޝޫޓިން ނިންމަން ރާވާފައިވާ ޑްރާމާއާ ބެހޭ ގޮތުން "ސިޓީ" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު ބުންޏެވެ. "މިއީ މިހާ ދިގު ޑްރާމާއެއް އަހަރެން ޑައިރެކްޓް ކުރާ ފުރަތަމަ ފަހަރު."
އޭނާ ބުނީ ޑްރާމާގައި ބޮޑަށް ހުންނަނީ އިންޑޯ މަންޒަރުތަކެއް ކަމަށާއި ޑްރާމާ ޝޫޓް ކުރަނީ ވަރަށް ރީތި ގެއެއްގައި ކަމަށެވެ. މީގެ ކެމެރާމަނަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
"މީގެ ސްޓޯރީ ބިނާވެފައި މި އިންނަނީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކަށް. އެހެންވެ މިކޮޅުގައި ޝޫޓް ކުރަނީ. ބެލުންތެރިންނަށް ވަރަށް ކަމުދާނެ، ވަރަށް އިބުރަތްތެރި މެސެޖްތަކެއް ވެސް މީގެން ލިބިގެން ދާނެ،" ނިމާލް ބުންޏެވެ.
"ލޯބީގެ ހިޔަނީ" ގައި އަމިއްލަ ރާގުގެ ތީމް ލަވައެއް ވެސް ހިމެނޭނެ އެވެ. އެ ލަވައިގެ މިއުޒިކް ހަދަނީ އިބްރާހީމް ނިފާރު (ތިއްތި) އެވެ.
ނިމާލް ބުނީ މި ޑްރާމާ ބެލުންތެރިންނާ ހަމައަށް އަންނާނީ ވަރަށް އަވަހަށް ލޯންޗް ކުރާ އާ ޗެނެލަކުން ކަމަށެވެ. އެ ޗެނަލް ހެދުމުގައި އިސްކޮށް ހުރީ "ސިއްރު" އާއި "ހިތް ހަލާކު" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ހުސައިން އާދިލެވެ. އޭނާއަކީ މަރިޔަމް މޫސާގެ ފިރިމީހާ އެވެ.
"ހީވަނީ ރޯދައިގެ ކުރިން ޗެނަލް ލޯންޗް ކުރާނެހެން،" ނިމާލް ބުންޏެވެ.
އަލަށް ލޯންޗް ކުރާ ޗެނަލުން ދެއްކުމަށް ގޮޅާ އައްޔަ ވެސް ވަނީ މަރިޔަމް މޫސާގެ ވާހަކައަކަށް ފުވައްމުލަކުގައި 13 އެޕިސޯޑްގެ ޑްރާމާއެއް ހަދައިފަ އެވެ. އެއީ "ޝަކުވާއަކާ ނުލާ" އެވެ.
މީގެ އިތުރުން އެކްޓަރު އަހުމަދު ސައީދު ވެސް އަންނަނީ ހަމަ މަރިޔަމް މޫސާގެ ވާހަކައަކަށް "މީހޭ މަށަށް ދިން މަގާމު" ގެ ނަމުގައި 13 އެޕިސޯޑްގެ ޑްރާމާއެއް ހަދަމުންނެވެ.