ޣައްޒާއިން ޝަހީދުވި އަދަދު 33،000 އާ ގާތަށް
ޣައްޒާއިން ޝަހީދުވި އަދަދު 33،000 އާ ގާތަށް

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި އިއްޔެގެ ނިޔަލަށް 32،845 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އާދީއްތަ ދުވަހުން ފެށިގެން 24 ގަޑިއިރު ތެރޭގައި ވެސް އިޒްރޭލުން ދިން އެކި ހަމަލާތަކުގައި 63 މީހަކު ޝަހީދުވި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ފެށި ހަމަލާތަކުގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 75،392 އަށް އަރާފައި ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ހަނގުރާމާގައި މަރުވި މީހުންގެ އަދަދުގެ އަޕްޑޭޓެއް ހަމާސް އިން އިއްޔެ ދިނީ އިޒްރޭލުގެ އަސްކަރިއްޔާއިން އައް ޝިފާ ހޮސްޕިޓަލް ހިސާރުކޮށްގެން ތިބޭތާ ދެ ހަފްތާ ފަހުން އެތަން ދޫކޮށް ދިއުމާ އެކުގަ އެވެ. އެތަނުގެ ވަށައިގެން ވަރުގަދަ ހަމަލާތައް ދިނުމަށް ފަހު ދޫކޮށްލި އިރު މުޅި ސަރަހައްދު ސުންނާފަތިވެ ހޮސްޕިޓަލް ވެސް އޮތީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި ހޮސްޕިޓަލް ވަށައިގެންވާ ސަރަހައްދަށް ދިން ހަމަލާތަކުގައި އިޒްރޭލުން ފަލަސްތީނުގެ 300 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. އިޒްރޭލުން ބުނި ގޮތުގައި މި ހަމަލާތަކުގައި "200 ޓެރަރިސްޓުން" ނައްތާލާފައިވާނެ އެވެ. -- އޭއެފްޕީ