އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަސަން އައްޔަނުކުރަން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަސަން އައްޔަނުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފާއިތުވި ތިން އަހަރު އީސީގެ އެސްޖީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހަސަންގެ ނަން މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.

އިލެކްޝަންސް ކޮމިޝަންގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދެ ވަނަ ދައުރު ހަމަވެވަޑައިގެން ކޮމިޝަނުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ހަބީބް އީސީން ވަކިވެވަޑައިގަތީ އެ ކޮމިޝަނަށް އޭނާ ހިދުމަތް ކުރައްވާތާ 21 އަހަރު ފަހުންނެވެ.

އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.