19 ފެބުރުއަރީ 2017 - 10:12

ޝެއިހް ކަމާލް ކްލަބް ކަޕްގައި އިއްޔެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މިދިޔަ އަހަރު ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އަބަހާނީ ޑާކާ ލިމިޓެޑް އަތުން ޓީސީ މޮޅުވީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ މި އަހަރު ޓީސީއާ ގުޅުނު އިބްރާހިމް މަހުދީ (އިއްބެ) އެވެ.
"ފުދޭވަރަކަށް ރަނގަޅަށް ޓީމު ކުޅެފި. ހުރިހާ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މި ހިސާބަށް އާދެވުނީ. ހުރިހާ ކުޅުންތެރިން ވެސް ދެއްކި ކުޅުން ފާހަގަކުރަން ބޭނުން،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ޑާކާ އަބަހާނީ އަކީ ވަރުގަދަ ޓީމެއްކަން މެޗަށް ނުކުތްއިރު ވެސް އެނގޭ ކަމަށެވެ.
"އިދިކޮޅަށް ކުޅުނު ޓީމަކީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަނުން. އަނެއްކާ މި ފަހަރުގެ އޭއެފްސީ ކަޕުގައި ވެސް ވާދަކުރާ ޓީމެއް. އެ ޓީމުން އެ މުބާރާތަށް ވެސް ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި ކުޅެގެން މޮޅުމިވީ،" ނިޒާމްބެ ބުންޏެވެ.
މިއީ ޓީސީ ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. ދެހާސް ފަނަރަ ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ޓީސީ ވަނީ ފާއިތުވި ދެ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ޓީސީއާ ދެކޮޅަށް އިއްޔެ ކުޅުނު އަބަހާނީ ޑާކާގެ ކޯޗަކީ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ކޯޗުކޮށްދިން ކްރޮއޭޝިއާގެ ޑްރަގޯ މަމިޗް އެވެ. އޭނާ ބުނީ މެޗުގެ އުނދަގޫކަން ނަތީޖާ އިން ވެސް އެނގޭ ކަމަށެވެ.
"ރާއްޖޭގެ ގައުމީ ޓީމަށް އަހަރެން އިރުޝާދު ދިންއިރު ފެނުނު މަދު ކުޅުންތެރިއެއް ޓީސީގައި ހުރީ. އަހަރެން ހަނދާނެއް ނެތް. އެކަމަކު މި މެޗުގެ ނަތީޖާ އިން އެނގޭ މިއީ އުނދަގޫ މެޗެއްކަން. ޓީސީގެ ކުޅުންތެރިންގެ ހުނަރަށް ބަލާއިރު އަހަރެމެންނަށް ވުރެން ރަނގަޅު. މޮޅުވާން އެ ޓީމުން ކުރި މަސައްކަތާ އެއްވަރަށް އަހަރެމެންނަށް ނުކުރެވުނު،" މަމިޗް ބުންޏެވެ.
މި މުބާރާތުގައި ޓީސީ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ ކިރްގިސްތާންގެ އަލްގާއާ ދެކޮޅަށެވެ.