02 އެޕްރީލް 2024 - 03:51

ހަމާސް އިން ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ގޮވާލައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫއާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ފަށައިފި އެވެ.

ގުދުސްގައި މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭ ވެސް އެތައް ބަޔަކު މަގުތަކަށް ނުކުމެ މައި މަގުތައް ބަންދުކުރި އެވެ. އަދި ގާނޫނުހަދާ މަޖިލީހުގެ ކުރިމައްޗަށް އެއްވެ މަގުތަކުގައި ޓަޔަރު ރޯކޮށް ރުޅިވެރިކަން ފާޅުކުރި އެވެ.
މުޒާހަރާ ވަރުގަދަވެ ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވަމުން ދަނިކޮށް މުޒާހަރާ ރޫޅާލީ ފުލުހުން ނުކުމެ ފެން ޖަހައިގެންނެވެ.
މުޒާހަރާކުރި މީހުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާ އަކީ އިޒްރޭލުން މިފަހަރު ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ނަތަންޔާހޫއާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
ރަހީނުކޮށްފައިވާ މީހުންގެ އާއިލާތަކުން ބުނަނީ މި ހަފްތާގައި ކޮންމެ ރެޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރާނެ ކަމަށެވެ. އިޒްރޭލުގެ 250 އަށް ވުރެ ގިނަ މީހުން ހަމާސް އިން ރަހީނުކޮށްފައި ވާއިރު އޭގެ ތެރެއިން މިހާތަނަށް މިނިވަންކުރީ އަދި ބައެއް މީހުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ބައެއް ރަހީނުން މަރުވެފައި ވާއިރު އިޒްރޭލުގެ ވަރުގަދަ ހަމަލާތަކާ އެކު ވެސް ރަހީނުން ސަލާމަތްކުރެވޭ ގޮތެއް ނުވެ އެވެ.
އިޒްރޭލުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޓެލް އަވީވްގައި ހޮނިހިރު ދުވަހު ވަކިވަކިން ބޭއްވި ދެ މުޒާހަރާއެއްގައި އެތައް ހާސް ބަޔަކު ނުރުހުން ފާޅުކޮށް މަގުތައް ބަންދުކޮށް ދަތުރުތަކަށް ހުރަސްއެޅި އެވެ. ނަތަންޔާހޫއަށް އިޒްރޭލު ހަމާސްގެ ކިބައިން ސަލާމަތް ނުކުރެވުނު ކަމަށާއި އެހެންވެ އިސްތިއުފާ ދޭންޖެހޭ ކަމަށް ބުނެފައިވާ ލިޔުންތައް ހިފައިގެން ވެސް މީހުން ތިއްބެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި މީހުން ރަހީނުކުރުމުން އެ މީހުން ސަލާމަތްކޮށް ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން 33،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ