01 އެޕްރީލް 2024 - 11:43

އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ފައިސާ ފޮނުވޭނެ ހިދުމަތް ފަށައިފި އެވެ.
މިއީ، އުރީދޫގެ އެމް-ފައިސާއިން މަނީގްރާމް އިންޓަނޭޝަނަލްއާ އެކު ހެދި ޕާޓްނަޝިޕުގެ ދަށުން ތައާރަފް ކުރި ހިދުމަތެކެވެ. މަނީގްރާމް އިންޓަނޭޝަނަލް އަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ.
އެމްފައިސާއަށް ތައާރަފްކުރި މި ހިދުމަތުގެ ދަށުން ބެންކު އެކައުންޓާއި މޮބައިލް ވޮލެޓަށް ފައިސާ ފޮނުވޭނެ އެވެ. އަދި މަނީގްރާމްގެ އޭޖެންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ވެސް ފައިސާ ފޮނުވޭނެ އެވެ. އޭޖެންޓު މެދުވެރިކޮށް ފައިސާ ނެގޭ އިންތިޒާމް ހަމަޖެއްސޭނީ މިއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި މަނީގްރާމްގެ އޭޖެންޓުން ތިބޭ ނަމަ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާއަށް ތައާރަފްކުރި މި ހިދުމަތަކީ އާއްމުންނާއި ބިދޭސީންނާއި ވިޔަފާރިވެރިން އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ފައިސާގެ މުއާމަލާތްކުރުމުގައި ބޭނުންވާ ފަދަ އަވަސް އަދި ރައްކާތެރި ހިދުމަތެއްކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ފައިސާ ފޮނުވުމުގައި ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ މަނީގްރާމް ފަދަ ކުންފުންޏަކާއި އެކު ޕާޓްނާޝިޕެއް ގާއިމުކުރުމަކީ އެމް-ފައިސާއިން ފައިސާގެ މުއާމަލާތްތައް ކުރުމުގައި އެންމެ ފުރިހަމަ ތަޖުރިބާ ކަށަވަރުކޮށްދެވޭނެ ފަދަ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މި ފަދަ ކުންފުނިތަކާއި އެކު ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރުން ކަމަށް ވިދާޅުވި އެވެ.
މަނީގްރާމްއަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. މަނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު ދަނީ މާލީ ހިދުމަތް ދެމުންނެވެ.
އުރީދޫގެ ޑިޖިޓަލް ވޮލެޓު އެމް-ފައިސާ ވެސް އުރީދޫގެ ސުޕާ އެޕް މެދުވެރިކޮށް ބޭނުން ކުރެވެ އެވެ. އެމް-ފައިސާ އަކީ ޓަޗް އައިޑީ އާއި ފޭސް އައިޑީ ފަދަ ނޭޓިވް އޮތެންޓިކޭޝަން މެތަޑްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭ ވޮލެޓެކެވެ.
މި ވޮލެޓުން އުރީދޫ ބިލާއި ޔުޓިލިޓީ ބިލްތަކާއި އެކި ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކްލިނިކްތަކާއި ސްކޫލްތަކާއި ޖިމް ފެސިލިޓީތަކާއި ފިހާރަތަކަށް ފައިސާ ދެއްކޭނެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާގެ އެކައުންޓެއް ހުޅުވޭނެ އެވެ.