01 އެޕްރީލް 2024 - 12:09

ކުޑަ އީދު ފާހަގަކުރުމަށް، އަތޮޅު ވެރިކަންކުރާ ރަށްތަކާ އެކު، މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ނިންމައިފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ އަތޮޅުވެރިކަން ކުރާ ހުރިހާ ރަށަކަށް ގިޑިގެތައް ފޮނުވަމުން އަންނަ ކަމަށެވެ. އެ ތަކެތި ހަރުކުރަނީ ސްޓެލްކޯ އަދި ފެނަކައިގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އީދު ފާހަގަކުރުމަށާއި ހާއްސަ ދުވަސްތަކަށް ގިޑިގެ ހެދުމަކީ ރާއްޖޭގައި ވަރަށް ކުރީގައި ކޮށް އުޅުނު ކަމެކެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު މާލެ ދިއްލި އެވެ. މި ފަހަރު ހުޅުމާލޭގައި ވެސް ގިޑިގެތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 10 ވަނަ ދުވަހެވެ.