ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް
ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް

ރާއްޖޭގެ ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) ބަލަހައްޓަން ކުރާ މަސައްކަތަށް ހާއްސަކޮށްގެން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް އުފައްދައިފި އެވެ.

މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަންގެ ނަމުގައި ކަސްޓަމްސްގައި އަލަށް އުފެއްދި ސެކްޝަނަކީ، ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި ކަސްޓަމްސްގެ ކޮންޓްރޯލްޑް ސަރަހައްދުތަައް ބެލަހެއްޓުމުގެ މަސައްކަތް ކުރާނެ ތަނެކެވެ.

އަދި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި އުޅަނދުފަހަރުގެ ކަންކަން ބެެލެހެއްޓުން ހަރުދަނާ ކުރުމަކީ ވެސް އާ ސެކްޝަނުގެ މަސައްކަތެއް ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ސަވައިލެންސް ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފްއާ އެކު ކަސްޓަމްސްގެ އާ ސެކްޝަނުން މަސައްކަތް ކުރާނެ އެވެ. ރާއްޖޭގައި އަލަށް ވައިގެ ސިފައިންގެ ޔުނިޓް އުފައްދާފައިވާއިރު ތުރުކީ އިން ގެނައި އަސްކަރީ ޑްރޯންތަކުގެ އެހީގައި 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަންނަނީ ބަލަހައްޓަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަސްޓަމްސް އިން ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް އެމްއެންޑީއެފްއާ ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގައި ވެސް ހަރަކާތްތެރިވާނީ މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން ކަމަށް ބަޔާނުގައިވެ އެވެ.

ކަސްޓަމްސްގެ އާ ސެކްޝަނަށް ހާއްސަކޮށް ވަކި ޔުނީފޯމަކާއި ލޯގޯ ފަރުމާކޮށްފައިވާއިރު، ސެކްޝަނަށް ބޭނުންވާ އުޅަނދުފަހަރާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ސެކްޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމަށް މިހާރު ވެސް ޗައިނާ އެމްބަސީ އިންނާއި އެމެރިކާގެ "އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑާ ސެކިއުރިޓީ"ގެ ފަރާތުން ޔަގީންކަން ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން މަސައްކަތްތައް ފެށީ ކަސްޓަމްސްގެ މެރިޓައިމް އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ދެ އުޅަނދާ އެކު އެވެ. އަދި ޖަޕާނުން މިފަހުން ކަސްޓަމްސް އަށް ހަދިޔާކުރި ނަމަވެސް، އަދި ރާއްޖެ ގެނެސްފައިނުވާ 30 ފޫޓުގެ ދެ ޕެޓްރޯލް ވެސެލް ވެސް ބޭނުން ކުރަން ހަމަޖެހިފައިވަނީ އާ ސެކްޝަނުގެ މަސައްކަތަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.