އިޒްރޭލުގެ ބޮޑުވަޒީރު ހާނިއާ އޮޕަރޭޝަން ކުރަން ޖެހިއްޖެ
އިޒްރޭލުގެ ބޮޑުވަޒީރު ހާނިއާ އޮޕަރޭޝަން ކުރަން ޖެހިއްޖެ

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ހާނިއާ އޮޕަރޭޝަން ކުރަން ޖެހިއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ކެނޑިނޭޅި ހަމަލާ ދެމުން ގެންދާ މި ވަގުތު ބޮޑުވަޒީރުގެ އޮފީހުން ބުނީ މި އޮޕަރޭޝަން ކުރަންޖެހޭކަން އެނގުނީ ރޫޓިން ޗެކަޕެއް ހެދުމުގެ ތެރޭގައި ހޮނިހިރު ދުވަހު ކަމަށެވެ.

އުމުރުން 74 އަހަރުގެ ނަތަންޔާހޫ މި އޮޕަރޭޝަން ކުރަންޖެހެނީ އެއްކޮށް ހޭނައްތައިގެން ކަމަށް ވާތީ، ދުވަހުގެ ހުރިހާ ޒިންމާތަކެއް ފުރިހަމަކުރުމަށް ފަހު އޮޕަރޭޝަންކުރާއިރު މަގާމުގެ ޒިންމާތައް ހަވާލުވާނީ ބޮޑުވަޒީރުގެ ނައިބު އަދި ޖަސްޓިސް މިނިސްޓަރު ޔަރީވް ލެވިންއާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.

މި ވަގުތު ބޮޑުވަޒީރަށް އެންމެ ބޮޑު ޕްރެޝަރަކަށް ވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކޮށްފައި ވާއިރު އަދިވެސް އެ އެންމެން ސަލާމަތްކުރެވިފައި ނުވުމެވެ.

ރަހީނުން ސަލާމަތްކުރުމާއި ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން މީގެ ފަސް މަސް ކުރިން ޣައްޒާއަށް ހަމަލާދެމުން ގެންދާއިރު 32،000 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިހާރު ވެސް ހަމަލާތައް ކުރިއަށް ދާއިރު ޣައްޒާ އޮތީ މި ހަމަލާތަކުގެ ސަބަބުން ބަނޑަށް ޖެހިފަ އެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދޭން ހަމަލާތައް މެދުކަނޑާލުމަށާއި އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އދ. އާއި ބައިނަލްއަގުވާމީ ކޯޓުން އެންގި އެންގުންތަކަށް ވެސް އިޒްރޭލުން ތަބައެއް ނުވެ އެވެ. އަނެއްކޮޅުން ހަމާސް އާއި އިޒްރޭލު ސުލްހަކޮށް، ހަމަލާތައް ހުއްޓުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމުގެ މަޗްވަރާތައް އަލުން ފަށަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. -- އޭއެފްޕީ