ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގާތީ، މައްސަލަ ރިޕޯޓުކުރަން ކިޔުއާރް ކޯޑެއް
ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގާތީ، މައްސަލަ ރިޕޯޓުކުރަން ކިޔުއާރް ކޯޑެއް

ބައެއް ޓެކްސީ ޑްރައިވަރުން އަމިއްލައަށް އެކި އަގުތައް ނަގާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަވާދު އަޔާޒް ވިދާޅުވީ ޓެކްސީ ޑްރައިވަރުން އެކި އަގު ނަގާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް މިނިސްޓްރީން ނިންމާފައި ނުވި ނަމަވެސް ޑްރައިވަރުން އަމިއްލައަށް ބޮޑު އަގު ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ އެމްއޭސީއެލްއާ އެކު އެ މައްސަލަ ހައްލު ކުރުމަށް ރިޕޯޓް ކުރެވޭ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ޓެކްސީ ކިޔުގައި ޖަހަންވީ ބޯޑުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އޭގެ މަސައްކަތް ނިމުމުން ދަތުރު ތަކުގެ އަގުތައް ވެސް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާއެކު އޭގަ އިންނާނެ ކިޔުއާރް ކޯޑެއް. ބޮޑު އަގު ނަގާ ޓެކްސީތައް ވަގުތުން ހަމަ އާންމު މީހާއަށް ރިޕޯޓު ކޮށްލެވޭނެ އެއިން. އެ ބޯޑުތައް ހަރުކުރެވި ވަރަށް އަވަހަށް އެކަން ފެށޭނެ ކަމަށް މި ބަލަނީ،"

މީގެ ކުރިން ޑްރައިވަރުން އަމިއްލައަށް އަގު ބޮޑުކުރަމުން އައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ކަމަށް ބުނެ އެވެ. ނަމަވެސް މިހާރު މާލޭގެ ޓްރެފިކް ބާރު ބޮޑުކަމުން ދަތުރެއް ކުރުމަށްދާ ވަގުތު އިތުރުވުމުން ބޮޑު އަގު ނަގަނީ ކަމަށް ބައެއް ޑްރައިވަރުން ބުނެ އެވެ.

- މާލެއިން ހުޅުމާލެ 2 އަށް 100ރ.

- މާލެއިން ހުޅުމާލެ 1 އަށް 85ރ.

- މާލެއިން ވެލާނާ އެއާޕޯޓަށް 70ރ.

- ހުޅުމާލެ 1 އިން ވެލާނާ އެއާޕޯޓަށް 80ރ.

- ހުޅުމާލެ 2 އިން ވެލާނާ އެއާޕޯޓަށް 85ރ.