31 މާޗް 2024 - 13:55

އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ނުކުންނަ އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރަކު ހައްޔަރުކޮށްފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އިދިކޮޅު ލީޑަރުންނާއި އެތައް ހާސް ބަޔަކު މިއަދު މުޒާހަރާޔަށް ނުކުމެއްޖެ އެވެ.
އިދިކޮޅުން މުޒާހަރާޔަށް ނުކުތީ ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް އަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް މި މަހު ކުރީކޮޅު ހައްޔަރުކޮށްފައި ވާތީ އެވެ. ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އުމުރުން 55 އަހަރުގެ ކެޖްރިވާލް ވަނީ ރާވިއްކުމުގެ ލައިސަންސް އަމިއްލަ ކުންފުނިތަކަށް ދިނުމުގައި ލުއި ގޮތްތައް ހަމަޖައްސަން ރިޝްވަތު ހިފައިފަ އެވެ.
"މި ގައުމު މި ދަނީ ހުދުމުހުތާރުކަމާ ދިމާލަށް،" ޝިވް ސޭނާ ޕާޓީގެ ލީޑަރު އުދޭ ތަކެރޭ މުޒާހަރާގައި ވިދާޅުވި އެވެ. "އެންމެ މީހެއްގެ ކޮންޓްރޯލް އޮންނަ މި ސަރުކާރުން ގައުމު މި ގެންދަނީ ހަލާކާ ދިމާލަށް."
އަންނަ މަހުގެ 19 ވަނަ ދުވަހު ފަށާ އިންތިހާބުގެ ވޯޓުލުން ހަ ހަފްތާގެ މުއްދަތަށް ކުރިއަށްދާނެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ބިލިއަނެއްހާ މީހުންނަށް ލިބިފައިވެ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދީ ވަތަނީ ފިކުރަށް އެކަނި އިސްކަން ދިނުމާއި އިދިކޮޅު ލީޑަރުންނަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ހެދި، މިއީ މާ ކުރިން މޯދީ އަށް ލިބިފައި އޮތް އިންތިހާބެއްގެ ގޮތުގައި، ދިރާސާކުރާ މީހުން ސިފަކުރެ އެވެ.
މިއަދު ކުރިއަށްދާ މުޒާހަރާގައި ގިނަ އަދަދެއްގެ ޕާޓީތައް ބައިވެރިވާ އިންޑިއަން ނެޝަނަލް ޑިވެލޮޕްމަންޓަލް އިންކްލޫސިވް އެލަޔަންސް (އިންޑިއާ) ކޯލިޝަންގެ ބައެއް ލީޑަރުން ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ. -- އޭއެފްޕީ