02 އެޕްރީލް 2024 - 09:04

ކުއްލިއަކަށް ލޯ ހުޅުވައިލެވުނެވެ. އަހަންނަށް ފެންނަނީ މަޑު ފިޔާތޮށި ކުލައިގެ ސީލިންގެވެ. އެހެންވެ، ދެ ފަރާތަށް ކަޅި ހިންގައިލެވުނީ އަވަސް އަވަހަށެވެ. އިރުކޮޅަކު ވިސްނަން އޮތުމަށްފަހު ފުންމައިގެން ތެދުވެ ކޮޓަރީގެ އެކި ދިމަދިމާލަށް ބަލަން ފެށުނެވެ. އަހަންނަށް މި އިނދެވެނީ ކޮންތާކު ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގުނެވެ. މަޑުމަޑުން ތެދުވެ، ކޮޓަރިން ނުކުމެއްޖައީމެވެ.
ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ނުދަންނަ އަންހެނެކެވެ. ބަދިގެ ތެރޭގެ މަސައްކަތުގައި އޭނާ އަވަދިނެތި އުޅެމުން ދެއެވެ. ހަތަރު ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ސޯފާގައި އޮތެވެ. ލަސްލަހުން އަހަންނަށް އެކި ދިމަދިމާލަށް ބަލަން ފެށުނެވެ. އެ ވަގުތު މިއީ ދުވަހަކުވެސް އަހަރެން އައިސްފައި ނުވާ ތަނެއްކަން ޔަގީން ވިއެވެ.
"ހާނިމް.. ހާނިމް،" ދުރުގައި ހުރި އަންހެން މީހާ އަހަންނަށް ގޮވާލިއެވެ.
ބަލާބެލުމަށް އުމުރުގެ ގޮތުން އަހަންނާ ދާދި އެއްވަރެވެ. އަތުގައި އޮތް ތެލި ގޮނޑިމަތީ ބެހެއްޓުމަށްފަހު އޭނާ އަހަންނާ ދިމާލަށް އައީ ދުވަމުންނެވެ. އައި ބާރުމިނުގައި އޭނާ އަހަރެންގެ މެދުހަށީގައި ބައްދާލިއެވެ. އަދި އުފަލުން ހުރެ، މާތްﷲ އަށް ހަމްދު ކުރިއެވެ. އަހަންނަށް އޭރު ވެސް ހުރެވުނީ ހައިރާން ވެފަ އެވެ. އެހާމެ އަވަހަށް އަހަރެން އޭނާއާ ދުރަށް ޖެހުނީމެވެ.
"ކޮއްކީ، މިހުރީ ބައްޕި ހޭލައިގެން އައިސް. އަވަހަށް އާދެބަލަ،" އޭނާ ގޮވާލިއެވެ.
އެ ވަގުތު އެ ފިރިހެން ކުއްޖާ ދުވެފައި އައިސް އަހަރެންގެ ދެ ފައިގައި އޮޅުލައިގަތެވެ. ވާނުވާ ނޭނގޭ ހާލު އަހަންނަށް ހުރެވުނީ އުނދަގޫ ވެފައެވެ.
"ތިއީ ކޮން ބައެއް؟" އަހަރެން އެހީމެވެ.
އަހަރެން އެހެން އަހައިލުމާއެކު ކުރިމަތީގައި ހުރި އަންހެން މީހާގެ މޫނުމަތީގައިވާ އުފާވެރިކަން އިސާހިތަކު ގެއްލިއްޖެއެވެ.
"ކީއްވެ ތިހެން ތި އެހީ؟ މިއީ އަހަރެމެންނެއްނު." މޭގައި އަތް ޖައްސާލަމުން އޭނާ ބުންޏެވެ.
"ކޮން؟ ކޮން އަހަރެމެންނެއް؟ މިއީ ކޮން ގެއެއް؟" އަހަންނަށް އެހުނެވެ.
"ހާނިމް. އަހަންނަކީ ހާނިމްގެ އަންހެނުންނޭ. ފިރާ. މިހުރީ އަހަރެމެންގެ ދަރިފުޅު ހިޝާމް،" އޭނާ ބުންޏެވެ.
އަހަންނަށް އޭނާގެ ބަހެއް ގަބޫލެއް ނުކުރެވުނެވެ. އަހަރެންގެ އަތުގައި އޭނާ އަތް ޖައްސާލާއިރަށް ފޮޅުވައިލެވެނީ ހިތްހަމަ ނުޖެހުމާ އެކުއެވެ. މީގެ ކުރިން ދުވަހަކު ވެސް ބައްދަލް ނުވާ، ފެނިފައި ނުވާ އަންހެނަކު އަހަރެންގެ ގަޔަށް، ބޮލަށް އަރާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ހިނގާބަލަ. އަހަންނާއެކު އިހަށް އިށީންނަން ހިނގާބަލަ. އަދިވެސް ރަނގަޅަށް ހަމައަކަށް ނޭޅެނީހެން ހީވަނީ. އަދި ނިދާލެވޭތޯ ބަލަން ވާނެ،" އާދޭހުގެ ރާގަކަށް އޭނާ ބުންޏެވެ.
އަހަރެންގެ އަތުގައި ހިފައިގެން އެ ކޮޓަރިއަށް ވައްދަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން ހުރީ އަނބުރާ އެ ކޮޓަރިއަށް ވަންނަ ގޮތަކަށް ނޫނެވެ.
"ގައިގައި އަތް ނުލައިބަލަ. ކިހިނެއް ވެގެންތަ ތިއުޅެނީ؟" އަހަންނަށް ބުނެވުނީ ބާރަށެވެ.
އޭނާ ފަހަތަށް ޖެހިލި އިރު ކޮންމެވެސް ވަރަކަށް ބިރުގެންފައި ހުރި ކަން އަހަންނަށް އެނގުނެވެ. އެކަމަކު އަހަންނަށް ކީއް ހެއްޔެވެ؟ މިއީ އަހަންނާ ބެހޭ ވެސް ބައެއް ނޫނެވެ. އަހަރެންގެ އަނތްބެކޭ ކިޔައިގެން އަހަރެން ވާ ވައްދަން އެއީ ކާކު ހެއްޔެވެ؟ އަހަރެން އަދި ދުވަހަކު ވެސް މީހަކާ ނީންނަމެވެ. ވީ އިރު އަހަރެންގެ އަނތްބަކާއި ދަރިޔަކު ހުންނާނީ ކިހިނެއް ހެއްޔެވެ؟
"ހާނިމްއަށް ހަމަ އަހަރެން ނޭނގެނީތަ؟" އޭނާ ސުވާލު ކުރިއެވެ. އެ އަޑުގައިވަނީ މޮޅިވެރި ކަމެވެ.
"އާނ. އަހަންނަކަށް ނޭނގެ ތިއީ ކާކު ކަމެއް؟ ތި ކަހަލަ ގޮތެއް ފޮތެއް ނެތިގެން އުޅޭ އަންހެނެއް އަހަރެން ދުވަހަކު ވެސް ނުދެކެން. ކަލޭމެން ނުދަންނަމޭ ކިޔާކިޔާ އަހަރެން ރުޅި ގަދަ ވެއްޖެ. ކީއްތަ ވާނީ ދެން އަހަރެން ދިޔަ ދިނިއްޔާ،" އަހަރެން ބުނީމެވެ. އޭރު އަހަރެން ހުރީ ކުރިއަށް ވުރެ ބޮޑަށް ރުޅި އައިހެވެ.
އިންކާރު ކުރާއިރު ވެސް އެ އަންހެން މީހާ އަހަރެން ފޮނުވައިލާކަށް ނޫޅުނެވެ. އަހަރެން ހިނގައިދާނެތީ ތަޅަށް ޖަހާފައި ހުރި ތަޅުދަނޑި ވެސް އޭނާ ނަގައި ފޮރުވައިފިއެވެ.
"އަހަރެންގެ ފޯނު ކޮބާ؟ ކީއްވެތަ މަ މިތާ ބަންދު ކުރީ؟" އަހަރެން އެހީމެވެ.
އޭރު އޭނާ ހުރީ ފެންކަޅި ވެފައެވެ. އަހަންނަށް ބަލަހައްޓައިގެން ހުރެ އޭނާ ގޮސް ވަނީ އަހަރެން ނުކުތް ކޮޓަރިއަށެވެ. ދެ ފަރާތަށް ބޯ ހޫރަމުން އަހަންނަށް ހުރެވުނީ ހިނގާލަހިނގާލައެވެ. އޭރު ވެސް ކުޑަ ފިރިހެން ކުއްޖާ ބިރުން ހުރެ އަހަންނަށް ބަލަމުން ދާ ތަން ދުށީމެވެ.
"އޭ. މަށަކީ ބައްޕައެއް ނޫން އިނގޭ. މަށަށް ބައްޕަ ނުކިޔައްޗޭ." ހިތްހަމަނުޖެހުނު ވަރުން އަހަންނަށް ބުނެވުނެވެ. އެ ވަގުތު އެ ކުއްޖާ ރޮއިގެންފައި ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ.
އެ ގެއިން ނިކުމެވޭތޯ އަހަރެން ގޮސް ދެ ތިން ފަހަރު ތަޅުގައި ވެސް ހިފީމެވެ.
"ހާނިމް އާދެބަލަ. މި ބޭސް ގުޅަ ކައިގެން ނިދާލަން ވީނު." އަހަރެން ސިހުނީ އެ އަންހެން މީހާގެ އަޑު އިވުމުންނެވެ.
"ކޮން ބޭހެއްތަ؟ ކިހިނެއް ވެގެންހޭ ތި އުޅެނީ؟ ކިހާ ދެރަކަމެއްތަ ދެން؟ އަހަރެން ދާން ވެއްޖެ. ދޮރު ހުޅުވައިދީ،" އަހަރެން އެދުނީމެވެ.
ހަމަ އެ ވަގުތެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
"އެ އައީ ހާނިމްގެ މަންމަމެން،" އޭނާ ބުންޏެވެ.
"މަންމަމެންނޭ؟ އަހަރެންގެ މަންމަމެން ވެސް ކަލެޔަށް އެނގޭތަ؟" ސުވާލު އުފެދިފައި ހުރެ އަހަރެން އެހީމެވެ.
އޭނާ އަހަންނަކަށް އެއްވެސް ޖަވާބެއް ނުދިނެވެ. ޖީބުން ތަޅުދަނޑި ނެގުމަށްފަހު ދޮރު ހުޅުވާލީއެވެ. ތެދެކެވެ. އެއީ އަހަރެންގެ މައިންބަފައިންނެވެ. އެ މީހުންނަށް އަހަރެން ފެނުމާއެކު ބާރު ބާރަށް އައިސް އަހަރެންގެ ގައިގައި ފިރުމަން ފެށިއެވެ.
"މަގޭ ދަރިފުޅާ، ރަނގަޅުތަ؟ ކިހިނެއްތަ މަގޭ ދަރިފުޅާ؟" މަންމަ އެހިއެވެ. އަހަރެންގެ ލޮލަށާއި ބޮލަށް ބޮސް ދީ އަހަރެންގެ ގައިގައި މަންމަ ފިރުމަން ފެށިއެވެ.
"އަހަރެން ރަނގަޅޭ މަންމާ. އެކަމަކު... މި ތިބީ ކޮން ބައެއްތަ؟ މީނަ އެބަ ބުނޭ މިއީ އަހަރެންގެ އަންހެނުންނޯ. އެ އިނީ އަހަރެންގެ ދަރިޔެކޯ،" އަހަރެން ބުނީމެވެ.
ކުރިމަތީގައި ހުރި އަންހެން މީހާއާ ދިމާލަށް އޭރު ވެސް އަހަންނަށް ބެލެނީ ފޫހި ނަޒަރަކުންނެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމާއި ހިތްދަތިކަމެވެ. އަދި ހައިރާންކަމާއި މާޔޫސް ކަމެވެ.
"ހާނިމްއަށް ހާނިމްގެ މައިންބަފައިން ވެސް އެނގިއްޖެ. އެކަމަކު އަހަންނާ މި ދަރިފުޅު ދަންނަ ކަމަކަށް ނެހެދި. އެއީ ކީއްވެތަ ހާނިމް؟ އަހަންނަކީ ފަސް އަހަރު ވަންދެން ހާނިމްއާ އިނދެގެން އުޅުނު އަނބިމީހާއޭ،" އޭނާއަށް ރޮވިއްޖެއެވެ.
ނަމަވެސް އޭނާ އެހެން ބުނާ ކޮންމެ ފަހަރަކު އަހަރެންގެ ލޭ ކެކިގެން ދެއެވެ. ރުޅިގަނޑު އިންތިހާއަށް ގަދަވެއެވެ.
"މަންމާ. އަހަރެން މި ގެއަށް ގެނައީ ކާކު؟ މިހުރި މޮޔަ އަންހެން މީހާ ދައްކާ ވާހަކަތައް އަޑު އަހާ އަހާ އަހަރެން ބިރުގެންފި،" ރޮއިރޮއި ހުރި އަންހެން މީހާއަށް އިނގިލި ދިއްކުރަމުން އަހަރެން ބުނީމެވެ.
"ރޭގައި ދަރިފުޅުގެ ކާރުގައި ފަހަތުން އައި ބަހެއް ޖެހުނީ. ދެން ދަރިފުޅުގެ ބޯ ކާރުގައި ޖެހިފައި ހޭނެތިފައި އޮތީ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހޭވެރިކަންވި. އެއްވެސް މައްސަލައެއް ނެތީމަ ގެއަށް ދޫކޮށްލީ. ބުނި ރަނގަޅަށް ނިދާލަން ވާނެޔޭ. އޭރުންނޭ ހަމައަކަށް އެޅޭނީ." މަންމަ ބުންޏެވެ.
އަހަންނަށް ލިބުނީ ހަމަ ކުއްލި ޝޮކެކެވެ. އަހަރެން އެކްސިޑެންޓް ނުވާ ކަން އަހަންނަށް ހަމަ ޔަގީނެވެ.
"ދަރިފުޅު ބޭސް ކައިގެން އަދިވެސް ނިދާލަން ވީ އެއްނު. މަންމައަށް ހީވަނީ ނުނިދޭތީ ތިއުޅެނީ އޮޅިގެން ހެން،" އަނެއްކާ ވެސް މަންމަ ވާހަކަ ދެއްކިއެވެ.
ވީ ފޫހިން އަހަންނަށް ދެ އަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. މަންމަ ވެސް އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރާތީ އަހަރެންގެ ރުޅިވެރިކަން އިތުރު ވެއްޖެއެވެ. އަހަރެން ދާނީ މަންމައާއެކު ގެއަށް ކަމުގައި ބުނީމެވެ. ނަމަވެސް މަންމަ ފާޅުގައި އެކަމަށް އިންކާރު ކުރިއެވެ.
"އަޖައިބެއް ނުވާނެތަ މަންމާ. މި ހުރީ އަހަރެން ދަންނަ އަންހެނެއް ނޫނޭ. އަހަރެންގެ ބޮލުގައި އަންހެނަކު އަޅުވާފައި އަދި އެ ވަރު ނުވެގެން މީހެއްގެ ޅަ ދަރިއެއް ވެސް...؟ މިއީ ދެން ބޮޑުވަރު،" އަހަރެން ބުނީމެވެ. އެއްޗެއް ބުނަން ނޭނގިފައި ހުރި އަހަރެންގެ ބައްޕަގެ މޫނުމަތިން ވެސް ފެންނަނީ ހައިރާން ކަމެވެ.
އަހަރެން މީހަކާ ނީނދެގެން މަންމަމެން އަބަދު ވެސް ޝަކުވާ ކުރެއެވެ. ދިރިއުޅުމެއް ފެށުމަށް އެދި ނަސޭހަތް ދެއެވެ. ނަމަވެސް އުމުރުން 30 އަހަރު ވީ އިރު ވެސް އަހަރެން މީހަކާ ނީންނަމެވެ. އިންތިހާ އަށް ލޯބިވާ ކުއްޖަކު ހުރެއެވެ. ބުނަން ނުކެރެނީއެވެ. އަދިވެސް ކޮންމެ ދުވަހަކު ކޮލެޖުން އޭނާ އާ އަހަރެން ދިމާވެ އެވެ. އެއީ އާލާއެވެ. އާލާ ދެކެ އަހަރެން ލޯބިވާ ވާހަކަ ބުނަން އުޅޭތާ ކިތަންމެ ދުވަހެކެވެ. އަހަރެން މިހާރު ވެސް މި އަންނަނީ އެ ކަމަށް ތައްޔާރު ވަމުންނެވެ. އެކަމަކު މިއަދު ނުވެސް ދަންނަ އަންހެނަކު ދައްކާފައި އެއީ އަނބިމީހާއޭ ބުނުމުން އަހަންނަށް އެކަން ގަބޫލު ކުރެވިދާނެ ހެއްޔެވެ؟
"ދަރިފުޅު ކިހިނެއްތަ ތި އުޅެނީ؟" އަހަރެންގެ ކަންފަތުގައި ޖެހުނީ ނުރުހުމުގެ ރާގުގައި ބައްޕަ ބުނެލި އަޑެވެ.
"އަދިވެސް އަހަރެންތަ މިއުޅެނީ ގޮތަކަށް؟ އަހަރެން މީހަކާ ނީނދެގެން މަންމަމެން ދެރަވާކަން އަހަންނަށް އެނގެޔޭ. އެކަމަކު ވެސް ދެން މި ހުރިހާ ޑްރާމާއެއް ކުޅެންވީ ކީއްކުރަންތަ މަންމާ؟ އަހަރެން ނުވެސް ދަންނަ ބައެއް ގާތަށް ގެނެސް... ޕިސްޕިސް،" އަހަންނަށް ބުނެވުނެވެ.
އަނެއްކާ ވެސް އަހަންނަށް ބަލައިލެވުނީ އެ އަންހެން މީހާއަށެވެ. އޭރު އޭނާގެ ދަރިފުޅު ވެސް ހުރީ އޭނާގެ އަތުގައި ހިފައިގެންނެވެ. އޭނާ ރޮމުން ދާއިރު އެ ކުއްޖާ އަހަންނާ ދިމާލަށް ބަލަނީ އިންތިހާއަށް ބިރުގެންފައި ހުރެއެވެ.
"މީނަ މިހުރީ މޮޔަވެފައިތަ އާދަނާ، ހަމަ ތެދެއް މި ބުނީ. ފިރާޝާއަކީ މީނާގެ އަނބިމީހާކަން ނުދެނަހުރި ކަމަށް ހަދަނީ ކީއްވެގެންތަ؟" މަންމަ ބުންޏެވެ. އިންތިހާއަށް ރުޅި އައިސް ހުރެއެވެ.
"ކޮން ފިރާޝާއެއްތަ؟ ކިތައް ފަހަރުތަ ބުނާނީ މަ އަނތްބެއް ނުހުރެޔޭ، ނުހުރެޔޭ. މަ އަނތްބެއް ހުއްޓަސް މިހާރު އެ މީހަކު ހުންނާނީ ވަރިކޮށްފައި. ނޫނީ މަރުވެފައި. މަގޭ އަނތްބަކު ނުހުންނާނެ. ނުހުންނާނެ. އެނގިއްޖޭ،" އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ.
އެ ވަގުތު މުޅި ގެ ގުގުމައިގަތީ އޭނާގެ ރުއިމުގެ އަޑުންނެވެ. އަހަރެން ގާތަށް އިތުރަށް ރުޅި އަތުވެއްޖެއެވެ.
"ދެން މިއީ ކިހާ ދެރަކަމެއްތަ؟ އަޅެ ކިތައް ފަހަރުތަ ބުނާނީ ތިއީ މަ ދަންނަ މީހެއް ނޫނޭ. ރޮއި ހޭރުނަސް އަހަންނަކަށް އެއްބަހެއް ނުވެވޭނެ ތިއީ މަގޭ އަނތްބެއް ކަމަކަށް. އެހެން ނޫނަސް މަންމަމެން މީހަކާ އިންނާށޭ ކިޔާވަރުން އަހަރެން މި އުޅެނީ ކޮލެޖުގައި އުޅޭ އާލާ އާ އިންނަން ވެގެން،" އެންމެ ފަހު ޖުމްލަ އަހަރެން ދޫކޮށްލީ މަންމަގެ މޫނަށް ވަގުވަގަށް ބަލައިލަމުންނެވެ.
އޭރު ވެސް ކުޑަ ކުއްޖާ ގޮވައިގެން އޭނާ ހުރެ ރޮނީއެވެ.
"ދެން މި ވަރު ކުރީމަ ގަބޫލު ކުރަންވީ އެއްނު. ތިއީ މަގޭ އަނތްބެއް ނޫނޭ. ތިއީ މަގޭ އަނތްބެކޭ ކަލެޔަށް ހީވިޔަސް މަ މި ބުނަނީ ތިހުރީ ވަރިކޮށްފައޭ ވެސް. އެނގިއްޖެތަ މިހާރު މި ބުނާ އެއްޗެއް؟" އަހަރެން ބުނީމެވެ.
ރުޅިވެރި ގޮތަކަށް މަންމަމެންގެ މޫނަށް ބަލައިލަމުން އަހަރެން ނިކުންނަން ހިނގައިގަތީމެވެ. ތަނެއް ދޮރެއް ނުބަލައި އަހަރެން ގޯޅި އަޅައިލި ވަގުތަކީ ބޮޑު މަގަށް ޕިކަޕެއް ނިކުތް ވަގުތެވެ. އޭގައި ޖެހި ވެއްޓުނުކަން އެނގުނެވެ. އެ ވަގުތު މޫނުމައްޗަށް އަނދިރި ވެގެން ދިޔައެވެ.
ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލުގައި އައިވީ ގުޅައިފައެވެ. ކައިރީގައި އިނީ މަންމަ އެކަންޏެވެ. ހައިރާންކަމާ އެކު މަންމަގެ މޫނަށް ބަލައިލެވުނެވެ. މަންމަ އިނީ އޭރު ވެސް ރޯށެވެ. އަހަރެން ބޯ ހިއްލާލި ތަން ފެނުމުން މަންމަ ތެޅިގަތެވެ. މަންމައާ ސުވާލެއް ވެސް ކުރާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. ބޭނުންވީ އަވަހަށް ފިރާޝާ ކައިރިއަށް ދާށެވެ. އަހަރެންގެ އަތަށް ގުޅާފައި ހުރި ހޮޅިތައް ދަމައިގަނެ، އެނދުން ފުންމާލީމެވެ. މަންމަ ގޮވަގޮވައި ހުއްޓައި ދޮރާ ދިމާލަށް މިސްރާބު ޖެހީމެވެ. އޭރު އަހަރެންގެ އަތުން ލޭތައް އޮހޮރެމުން ދެއެވެ.
ފަޔަށް ބާރު ލައިފައި އަހަރެން ދުވަން ފެށީމެވެ. މީހުންގެ ގައިގައި ޖެހެމުން، ނެއްޓެމުން އަހަރެން މަސައްކަތް ކުރީ އަވަހަށް ދެވޭތޯއެވެ. އޭރު އަހަރެންގެ ކުރިމަތީގައި އެނބުރެމުން ދަނީ އަހަރެންގެ އަނބިމީހާ ފިރާ އާއި ކުޑަ ދަރިފުޅު ރޯ މަންޒަރެވެ. ފަނަރަ ވަރަކަށް މިނިޓުން އަހަންނަށް ގެއާ ހަމައަށް ފޯރައިފިއެވެ.
ގެ ހުރި ގޯޅި ތެރޭގައި މީހުންތައް އޮތީ ތޮއްޖެހި، މަސްހުނި ވެފައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް އަހަންނަށް ފެންނަނީ މާޔޫސްކަމެވެ. ފުލުހުންގެ ދެ ޖިޕު ވެސް އެ ގޯޅި ތެރޭގައި އޮތެވެ. އެތާ، އަހަރެން ދަންނަ އެކަކު ވެސް ނެތެވެ. މީހުންތަކުގެ ތެރެއިން އަހަންނަށް ގުރައުންޑު ފުލޯ ގައި ހުރި އަހަރެންގެ އެޕާޓްމަންޓާ ހަމައަށް ދެވުނީ ވަރަށް އުނދަގުލުންނެވެ. ދޮރު ހުރީ ހުޅުވާފައެވެ. އެތެރެއަށް ވަންނަން ދިޔުމާ އެކު އަހަންނަށް ފެނުނީ ދޮރު މަތީގައި އަހަރެންގެ ބައްޕަ ހުއްޓައެވެ.
އަހަރެން ފެނުމާ އެކު ބައްޕަ އައިސް އަހަރެންގެ ގައިގައި ހިފައިގަނެއްޖެއެވެ. ވެގެން އުޅޭ ގޮތް ހިތަށް ތަސައްވުރު ވެސް ނުކުރެވުނެވެ. ބައްޕަގެ ގައިން ދޫކޮށްލުމަށްފަހު އަހަރެން ގެއަށް ވަނީ ދުވެފައެވެ. އެ އާއެކު ކުޑަކަކޫ މައްޗަށް ތިރި ވެވިއްޖެއެވެ. އަހަރެންގެ ލޯބިވާ އަންހެނުން އޮތީ މަރުވެގެން ވެއްޓިފައެވެ. އޭރު އޭނާ ކައިރީ ބްލީޗް ފުޅިއެއް ވެސް އޮތެވެ. އަނގައިންނާއި ނޭފަތުން އައިސްފައިވާ ލޭތައް ހުރީ ހިކިފަ އެވެ.
އޭނާއާ ކައިރިވިޔަ ނުދިނުމަށްޓަކައި ފުލުހުން އަހަރެން ހިފެހެއްޓިއެވެ. ރޮމުން އަހަރެން ހަޅޭއްލަވަމުން ދިޔައީމެވެ. އަހަންނަށް އެނގުނެވެ. ފުރަތަމަ އެކްސިޑެންޓާ އެކު އަހަރެންގެ ހަނދާނުގައި ހުރީ ފަސް އަހަރު ކުރީގެ ކަންތައްތަކެވެ. ނަމަވެސް ދެ ވަނަ އެކްސިޑެންޓުން އަހަރެންގެ ހަނދާންތައް އަނބުރާ ރުޖޫއަ ވީއެވެ. ހޭވެރިކަން ވުމާއެކު ފުރަތަމަ ވެސް ހަނދާންވީ ފިރާޝާ ވަރި ކުރެވުނު ކަމެވެ. އަހަރެން އަވަހަށް ގެއަށް އައީ ވެސް އެހެންވެއެވެ. މިއަދު އަހަރެންގެ ސަބަބުން ފިރާޝާ އަށް ލިބުނު ކުއްލި ސިހުމާއި ހިތާމައިން އޭނާއަށް ކެތް ނުކުރެވުނީކަން އަހަންނަށް އެނގުނެވެ. ނަމަވެސް އޭނާ ދުނިޔެ ދޫކޮށްފައި އެ ދިޔައީ މުޅި އުމުރަށް އަހަންނަށް ހިތްދަތިކަން ދީފައެވެ.
ނިމުނީ