01 އެޕްރީލް 2024 - 08:51

"މިއީ ކޮން...ކުއްޖެއް؟" ހައްވަ ސުވާލު ކުރީ އޭނާގެ ދަރިފުޅު އިމްނާއާއެވެ.
އޭރު އިމްނާ ހުރީ އޭނާގެ އެކުވެރިޔާ ގޮވައިގެން ގެއަށް އައިހެވެ. އިމްނާ ފެނުމުން ހައްވަ އާއި ނަސީމުގެ މޫނުމަތިން އުފާވެރިކަން ބަބުޅަމުން ދާ ކަހަލައެވެ. އިމްނާއަކީ އެ ދެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ މީހުން މިހާރު ދިރިއުޅެނީ މާލޭގައެވެ.
"ރުބައިލާ،" އިމްނާއަށް ވުރެ ކުރިން ޖަވާބު ދިނީ އެ އަންހެން ކުއްޖާއެވެ.
ރުބައިލާއަކީ ކޮލެޖް ކެންޓީނުން އިމްނާއާ ދިމާވާ ކުއްޖެކެވެ. ޓެސްޓް ކައިރި ވާތީ ދެ މީހުން އެކުގައި ގުރޫޕް ސްޓަޑީޒް ހަދަން އޭނާ ރުބައިލާ އެ ގެއަށް ގެނައީއެވެ.
ރުބައިލާ އާއި އިމްނާ ކޮޓަރިއަށް ވަން ގޮތަށް ބޭރަކަށް ނުނިކުތެވެ. އޭރު ރޭގަނޑު އަށެއް ޖަހައިފިއެވެ. ރޭގަނޑު ވުމުން ހައްވަ ހުރީ އިންތިހާއަށް ކަންބޮޑު ވެފައެވެ. ރުބައިލާ އެކަނިމާއެކަނި ގެއަށް ފޮނުވަން އޭނާ ޖެހިލުންވެއެވެ. އެއީ ވެސް މީހެއްގެ ބޮޑުވެފައި ހުރި އަންހެން ދަރިއެކޭ ހިތާ އޭނާ ގޮސް އިމްނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ.
"ކޮބައިތަ އެ މަންޖެ؟ މިހާރު އަށެއް ވެސް ޖަހައިފިއޭ،" ހައްވަ ބުންޏެވެ.
"ކޮން؟ ރުބައިލާ؟ އޭނަ ހިނގައްޖެ ހަވީރު،" އިމްނާ ބުންޏެވެ.
"ގައިމު މަންމަ މި އިނީ އިރު އޮއްސުނު އިރު ވެސް ބޭރުގައި. ރުބައިލާ ދިޔަ ކަމެއް ނުދެނަހުރިން،" ހައިރާންވެފައި ހައްވަ ބުންޏެވެ.
"މަންމަ އިނދެ ދާނެ ނިދި ޖެހިފައި ވެސް. އޭނަ ހިނގައްޖެ ހައެއް ނުޖަހަނީސް،" އިމްނާ ބުނެލިއެވެ.
އެކަމަކު ރުބައިލާ އިމްނާގެ ކޮޓަރިން ނުނިކުންނަ ކަން ހައްވައަށް ޔަގީން ކުރެވެއެވެ. ނަމަވެސް އިމްނާ އެހެން ބުނާތީ އޭނާ އެކަން ގަބޫލު ކުރީއެވެ.
ބަދިގޭގެ ކުޑަ ދޮރު ހައްވަ ހުޅުވާލީ ތާޒާ ވައިގެ ފިނިކަން ހޯދުމަށެވެ. އުނދުންމަތީގައި ހުރި ގަރުދިޔަ ތެލި ހޫނު ކޮށްލަން ޖައްސާލުމާއެކު އޭނާ ކުޑަކޮށް ސިހުނެވެ. ކުޑަދޮރުން އެތެރެ ވީ ބާރު ވައިރޯޅިއެކެވެ. އުނދުން ވެސް ހުރީ ނިވިފައެވެ. ހައްވައަށް މޭގައި އަތް ޖައްސާލެވުނެވެ. އެއީ އާދައިގެ ވައިރޯޅިއެއް ނޫން ކަން ހައްވައަށް އެނގުނެވެ. އެހެންވެ ބިރުން އަނެއްކާ ވެސް އޭނާ ކުޑަ ދޮރު ލައްޕާލިއެވެ.
އޭރު ބޭރުން އައިސް ނަސީމު ބަދިގެ ބަޔަށް ވަންނަނީއެވެ. ހައްވަގެ މޫނު މަތީގައިވާ ކަންބޮޑުވުން ފެނި ނަސީމުގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.
"ދެންމެ ވަރަށް ވައި ޖެހުނުތަ؟" ހައްވަ އެހިއެވެ.
ގޮނޑިއެއްގައި އިށީންނަމުން ނަސީމު ދެ ފަރާތަށް ބޯ ހޫރާލިއެވެ. އަދި ކިހިނެއްވީތޯ ސުވާލު ކުރިއެވެ. ކަންތައް ވީ ގޮތް ހައްވަ ކިޔައިދިނުމުން ނަސީމު ޖަހާލީ ބާރު ހިނިގަނޑެކެވެ.
"ވަޔެއް ނުޖެހޭނެ ދޯ އަބަދު އެއް ވާމަކަށް،" ނަސީމު ބުނެލިއެވެ.
"އާދަޔާ ހިލާފު ގޮތަކަށް ޖެހުނީ. ބޮޑު ވައިރޯޅިއެއް ހަމަ،" ހައްވަ ބުންޏެވެ.
ހައްވަ ދައްކާ ވާހަކައަށް ނަސީމު އެއްވެސް އިރެއްގައި ސަމާލުކަމެއް ނުދޭނެއެވެ. އެކަމާ ހައްވަ ނަސީމު ދެކެ ބައެއް ފަހަރު ފޫހި ވެސް ވެއެވެ. ގިނަ ފަހަރަށް އެއް ވާހަކައެއް ތަކުރާރު ކުރާކަށް ހައްވަ ބޭނުމެއް ވެސް ނުވެއެވެ.
ކުއްލިއަކަށް ހައްވައަށް ހޭލެވުނީ މުށިތައް މައްޗަށް ސްޓީލް ތައްޓެއް ވެއްޓުނު އަޑަށެވެ. ކައިރީގައި އޮތް ނަސީމު އޭރު ވެސް އޮތީ ނިދައިފައެވެ. ނަސީމަކީ ނިދި މަޑު މީހެކެވެ. ނަމަވެސް އިވުނު ބާރު އަޑަށް ނަސީމަށް ހޭނުލެވެންވީ ކީއްވެ ބާވައޭ ހައްވަގެ ހިތަށް އެރިއެވެ.
ތެދުވެ، އެނދު ކައިރީގައި ހުރި އެލާމް ގަޑިއަށް އޭނާ ބަލައިލިއެވެ. އޭރު ގަޑިން މެންދަމުން އަލިވެ 3:05 ވެއްޖެއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ހައްވަ ބަދިގެއަށް ވަނެވެ. އެއާއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެއްވެސް އެއްޗެއް ވެއްޓިފައެއް ނެތެވެ. އެނބުރި އައިސް ކޮޓަރިއަށް ވަތް އިރު ވެސް އެ އަޑާމެދު އޭނާއަށް ވިސްނެނީއެވެ.
ނިދިފައި އޮތް ނަމަވެސް އަޑު އިވުނީ އޭނާއާ ވަރަށް ގާތުންނެވެ. އެއީ ހީވި ހީވުމެއް ނޫނެވެ. އެ ވިސްނުމުގައި އިންދާ އަނެއްކާ ވެސް ސިހިގެން ދިޔައީ އޭނާގެ ކަނާތް ފަރާތުން ކަޅު ހިޔަންޏެއް ފެނުނު ހެން ހީވުމުންނެވެ. ހައްވައަށް ތެޅި ގަނެވުނެވެ. ކޮޓަރީގެ އެކި ދިމަދިމާލަށް އޭނާއަށް ނަޒަރު ހިންގާލެވުނީ އިންތިހާއަށް ބިރުގެންފައި އިނދެއެވެ.
ނިދާފައި އޮތް ނަސީމުގެ ގައިގައި ބާރުބާރަށް އޭނާ ކޮއްޓަން ފެށިއެވެ. ލޯ ހުޅުވައިލެވުމާއެކު ނަސީމު ވެސް ކޮޅަށް ޖެހުނެވެ.
"ހައްވަ ކީއްވެ ނުނިދާ ތި އިންނަނީ؟" އާފުރެމުން ނަސީމު އަހާލިއެވެ.
ކަންތައް ވީ ގޮތް ހައްވަ ކިޔައިދިނެވެ. ނަމަވެސް މި ފަހަރު ވެސް ނަސީމަށް ވީ މަޖާ ކަމަކަށެވެ.
"އަދިވެސް ތި އުޅެނީ އެ ވައިރޯޅީގެ ބިރުވެރި އަސަރުތައް ކަންނޭނގެ. ދެން އޮށޯވޭ. މާ ބޮޑަށް ބިރުން ހުންނަންޏާ ހީވާނެ ބޮޑު ފުރޭތައެއް ދަނިއްޔޭ،" ނަސީމު މަލާމާތް ކޮށްލިއެވެ.
ނަސީމު އޮށޯތުމުން ހައްވަ ވެސް އޭނާގެ ގައިގައި އަތް ޖައްސާލަމުން އޮށޯތެވެ. އެކަމަކު އޭރު ވެސް ހައްވަގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
ހޭލައިގެން އައިސް އިމްނާ އޭނާގެ މަންމައަށް އެހީތެރިވެ ދިނުމުގައި އުޅުނެވެ. ދެ މައިން އެކުގައި ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށް ފަހު ސައިބޯން ވެސް އިށީނީ އެކުގައެވެ. އޭރު ނަސީމު ވީ މާރުކޭޓަށް ގޮހެވެ. އޭނާގެ އިންނަނީ މާރުކޭޓުގެ ގޮޅިއެއްގައި އެއްޗެހި ވިއްކާށެވެ.
"އެ ދުވަހު އައި ގޮތަށް ފަހުން ރުބައިލާ ނުވެސް ގެންނަމެއްނު،" ހައްވަ ބުންޏެވެ.
އެއާއެކު އިމްނާ ނިތް ހިއްލައިލީ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ.
"އަދި ހަނދާން ނެތިފައޭ މިހުރީ. އަހަންނަށް ހީވަނީ ޓެސްޓް ނިންމާފައި އޭނާ ރަށަށް ދިޔައީހެން. އަހަންނާ ރުބައިލާ އަބަދު ވެސް ދިމާވަނީ ކެންޓީނު ބޭރުން. ދެ މީހުން ދެ ކުލާސް. އަހަންނަށް ހިސާބު އުނދަގޫ ވާހަކަ ބުނީމަ އޭނަ އެ އައީ ކިޔައިދޭން. އެ ދުވަހަށްފަހު އޭނަ ނުވެސް ދެކެން،" އިމްނާ ބުންޏެވެ.
"ރުބައިލާއަކީ ކޮން ރަށެއްގެ ކުއްޖެއް؟" ހައްވަ އަނެއްކާ ވެސް އެހިއެވެ.
"ނޭނގެ. ހަނދާނެއް ނެތް މިހާރު." ދެ ކޮނޑު ހިއްލާލަމުން އިމްނާ ބުންޏެވެ. ސައިބޮއި އަވަދި ވެގެން އިމްނާ ދިޔަ އިރު ވެސް ހައްވަ އިނެވެ.
ޖެހިގެން އައި ރެއެވެ. ސިހިފައި ހައްވައަށް ހޭލެވުނީ މީހަކު އޭނާގެ ފަޔަށް ދަމައިގަތް ހެން ހީވުމުންނެވެ. އެ ވަގުތު ކައިރީގައި ހުރި ގަޑިން 3:05 ވެފައި ހުރި ތަން ފެނުނެވެ. ރޭ ވެސް އޭނާއަށް ހޭލެވުނީ ހަމަ އެ ވަގުތެވެ. ދެ ފައި ކުރުކޮށްލުމަށް ފަހު ހައްވަ އިނީ ފަރާތް ފަރާތަށް ބަލާށެވެ. މީހަކު އޭނާގެ ފައިގައި ހިފިކަން އޭނާއަށް ޔަގީނެވެ.
"ނަސީމޫ،" ހައްވަ ގޮވާލިއެވެ.
ހޭލެވުމާއެކު ނަސީމު ގާތަށް އައީ ރުޅިއެވެ. ގަދަކަމުން ދެ ލޯ ހުޅުވައިގެން އިނދެ ނަސީމު ހައްވައަށް ބަލައިލިއެވެ.
"ދެން މިރޭ ވެސް ތަ؟" ރުންކުރު ގޮތަކަށް ނަސީމު ބުންޏެވެ.
ހޭލެވުނު ސަބަބު ހައްވަ ކިޔައިދިނެވެ. ނަމަވެސް ނަސީމު އަޅައެއް ނުލިއެވެ. ކަންނެތް ގޮތަކަށް އެނދުމައްޗަށް ވެއްޓި ގަތީއެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން ހައްވަގެ ވާހަކަ އޭނާ ގަބޫލު ނުކުރާކަން ހައްވައަށް އެނގުނެވެ. އެހެންވެ، އިތުރަށް ނަސީމު ގާތު އެއްވެސް ވާހަކައެއް ނުދައްކަން އޭނާ ނިންމިއެވެ.
އެ ރެޔަށްފަހު ކޮންމެ ރެޔަކު ވެސް އެ ގަޑީގައި ހައްވަ އުޅެނީ ހޭލައެވެ. އެކި ރޭ އޭނާއަށް ކުރިމަތި ވަނީ އެކި އުނދަގުލާއެވެ. ބައެއް ފަހަރު ވަހުމެކޭ ވެސް ހީ ކުރެވެއެވެ. އެކަމާ ވިސްނާވިސްނާ މިހާރު ހައްވަގެ މިޒާޖަށް ވެސް ބޮޑެތި ބަދަލު ތަކެއް އައިސްފިއެވެ. އަބަދު ވެސް ގޭތެރޭގެ މަސައްކަތުގައި އަވަދި ނެތި އުޅޭ ހައްވައަކީ މިހާރު ހަރަކާތްތެރި މީހެއް ނޫނެވެ. ނެގިމަޑުވެފައި އަބަދު ވެސް އޭނާ އިންނަނީ ފުން ވިސްނުމެއްގައެވެ. މީހަކު އަނގައިން ބުންޏަސް އޭނާ ދަނީ ސިހިގެންނެވެ.
"މަންމާ، އަހަރެން ބާރަކަށް ނުގޮވަމޭ. ކީއްވެތަ އަބަދު ސިއްސަ ސިއްސައިގެން ދަނީ؟" އިމްނާ އެހިއެވެ.
"ބާރަށް ނުގޮވާ ކަމެއް ނޭނގެ. ކަންފަތް ހީވީ ފަޅައިގެން ދިޔަހެން،" ހައްވަ ބުންޏެވެ. ރުޅި އައިސް ހުރެއެވެ. އަދި އޭނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ތަޅު ލީ ވެސް އިމްނާ ބޭރުގައި އެކަނި އިންދައެވެ.
މީގެ ކުރިން ދުވަހަކު ވެސް ހައްވަ އެހާ ބާރަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެކަމާ އިމްނާ ދެރަވިއެވެ. މަންމައަށް އަންނަމުން ދާ ބަދަލުތައް ފާހަގަ ކުރެވި، އިމްނާއަށް ވިސްނަން މަޖުބޫރު ވެއްޖެއެވެ.
"ބައްޕައަކަށް ވެސް ނޭނގެ. ކޮންމެ ރެޔަކު ދަންވަރު ހޭލާ އުޅެނީ. ކޮންމެ ވެސް މީހަކު މަންމަ ހޭލައްވަނީޔޯ ކިޔަނީ،" ނަސީމް ވާހަކަ ދެއްކީ އިމްނާއާއެވެ.
ނަސީމްގެ ވާހަކަތަކުން އިމްނާ ހިތްހަމަ ނުޖެހުނެވެ. މަންމަގެ އެ ކަންބޮޑުވުންތަކަށް ބައްޕަ އަޅައިނުލީތީ އޭނާ ހިތާމަ ކުރިއެވެ. މަންމަ ބިރުން އުޅޭ އިރު ބައްޕަ ރަހުމު ނުކުރީތީ އޭނާ ހިތްހަމަ ނުޖެހުނެވެ. އަދި މަންމަގެ ވާހަކަ ގަބޫލު ނުކޮށް، އެކަނި ކޮށްލީތީ ރުޅި ވެސް އައެވެ.
"މަންމަ މާ ބޮޑަށް ބިރު ގަންނަނީ އަސްލު. ވައިޖެހޭ އަޑު އިވުނަސް ބިރުން އެބަ ގޮވާ، އަބަދު ވެސް މީހަކު ކައިރީ ހުންނަ ހެން ހީވަނީޔޯ،" ހެވިފައި ހުރެ ނަސީމު ބުންޏެވެ.
"ބައްޕާ. މަންމައަށް ކޮންމެވެސް ކަމެއް ވާތީ އެއްނު އެހެން އެ ބުނަނީ. އަހަރެން ގާތު މަންމަ ތިކަހަލަ އެއްވެސް ވާހަކައެއް ނުދައްކައޭ. މިހާރު މަންމަގެ އުޅުން މުޅިން ބަދަލު ވެއްޖެ. ވަރަށް ރުޅި އައިސް ހުންނަނީ،" އިމްނާ ބުނެލިއެވެ.
"އަބަދު އެކަމާ ވިސްނަނީދެން. ކަންކަމާ ވިސްނާ މީހުންނޭ ނަފްސާނީ ވަނީ ވެސް. ބޭކާރު ގޮތުގައި ކީއްކުރަން ވިސްނަންވީ؟" ނަސީމު ބުންޏެވެ.
ބައްޕަގެ ވާހަކަ ހުރި ގޮތުން އިމްނާ އިންތިހާއަށް ދެރަވިއެވެ. ބައްޕައަށް އެއީ ކަމަކަށް ނުވިޔަސް، މަންމައާ މެދު އޭނާ ވަރަށް ވިސްނައެވެ.
ނަސީމު މާރުކޭޓުން ނައިސްގެން ހައްވަ އިނީ ނުނިދިފައެވެ. އޭރު ގަޑިން 12 ވެސް ޖަހައިފިއެވެ. ނަސީމަކީ އަބަދު ވެސް އެންމެ ލަސްވެގެން 11 ޖަހާއިރަށް ގެއަށް އަންނަ މީހެކެވެ. އޭނާގެ ފޯނު އޮތީ ނިއްވާފައެވެ. އެހެންވެ، ހައްވަގެ އިތުރުން އިމްނާއަށް ވެސް މިހާރު ވިސްނެނީ ރަނގަޅަކަށް ނޫނެވެ. ނަސީމްއަށް ކަމެއް ވެއްޖެކަން އެ މީހުންނަށް ޔަގީން ކުރެވުނެވެ.
މަންމަގެ އެދުމަށް ބައްޕަ ގެއްލުނު ކަމަށް ފުލުހުންނަށް އޭނާ ރިޕޯޓު ކުރިއެވެ. ބައްޕަގެ ހަބަރެއް ވޭތޯ އިރު އަރަން ދެން އިމްނާ ވެސް އިނީ މަންމަ ގާތު ނުނިދިފައެވެ.
ހިތްދަތި ކަމުގައި ދެމައިން ތިއްބާ، ލިބުނު ފޯން ކޯލަކުން އެ މީހުންނަށް ލިބުނީ ކުއްލި ސިހުމެވެ. ހައްވަމެންގެ ރަށް ކަމުގައިވާ ކ. ކާށިދޫ ފަޅުތެރޭ ނަސީމު މަރުވެފައި އޮތް ކަމަށް ފުލުހުން އެ މީހުންނަށް ހަބަރު ދިނެވެ. އެއީ ހައިރާންވެ އަންތަރީސް ވާ ފަދަ ހަބަރެކެވެ.
"ކާށިދޫ ފަޅުތެރޭގައޭ؟" ހައްވައަށް ބުނެވުނީ އެ ހިސާބަށެވެ. އޭނާގެ ހަބަރު ހުސްވެއްޖެއެވެ.
ހޭވެރިކަން ވީ އިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. އޭނާގެ ކައިރީ އިނީ އިމްނާއެވެ. އޭރު ވެސް އިމްނާ ރޮނީއެވެ. ނަމަވެސް މަންމަ ލޯ ހުޅުވާލި ތަން ފެނި، އިމްނާ މަސައްކަތް ކުރީ މަންމައަށް ހިތްވަރު ދޭށެވެ. އެހެންވެ، އޭނާގެ އުދާސްތައް ދިޔައީ ހިތުގައި ފޮރުވަމުންނެވެ.
ހައްވަގެ ބަލި ހާލު ހުރި ގޮތުން ނަސީމުގެ މޫނު ދެކެން އެ ދެ މައިންނަކަށް ނުދެވުނެވެ.
"މިރޭ އަހަރެން ނިދާނީ މަންމަ ގާތު." އިމްނާ ބުންޏެވެ.
ނަމަވެސް ހައްވަ އެކަމާ އިންކާރު ކުރިއެވެ. އިމްނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ދެންމެ ރޮއިރޮއި އިން ހައްވަގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލު ވެއްޖެއެވެ. އޭނާ ބޭނުންވަނީ އެކަނި ވެލަން ކަމުގައި ބުނެ ކޮޓަރިއަށް ވަނީ އިމްނާ ދޭނެ ޖަވާބަކަށް ބެލުމެއް ނެތިއެވެ. ބައްޕަގެ ކުއްލި ވަކިވުމާއެކު އިމްނާއަށް ލިބޭނެ ހިތްދަތިކަމާ މެދު މަންމަ ނުވިސްނަނީ ބާވައޭ އެ ވަގުތު އޭނާ ހިތަށް އެރިއެވެ.
ނަސީމުގެ މަރާ ގުޅިގެން ހައްވަ ވިސްނަމުން ދިޔައެވެ. ކާށިދޫއަށް އޭނާ ގެންދާނީ ކާކުބާވައެވެ؟ ބޭނުން ނަމަ ފައިސާ ފޭރިގެންފައި އޭނާ ދޫކޮށްލި ނަމައެވެ. ފިކުރުތަކުގައި އޮތް އިރު ވެސް ހައްވަގެ ދެލޮލުން ކަރުނަ ނުހިކެއެވެ.
އެއްލި ކަޅިޔަކުން ދޮރު ކައިރީގައި ފުރަގަސް ދީގެން ހުރި އަންހެން ކުއްޖަކު އޭނާއަށް ފެނުނެވެ.
"އިމްނާ؟ ކިހިނެއް މި ތަނަށް ވަނީ؟ ބުނީމެއްނު ނުވަންނާށޭ،" ބިރުން އިނދެ ހައްވަ ސުވާލު ކުރިއެވެ.
ދެ ތިން ފަހަރަކު އޭނާ އިމްނާގެ ނަމުން ގޮވާލިއެވެ. އެ އަންހެން ކުއްޖާ އެނބުރިލީ ކުއްލިއަކަށެވެ. އެ އާއެކު ހައްވައަށް އަނެއްކާ ވެސް ލިބުނީ ކުއްލި ސިހުމެކެވެ.
"ރުބައިލާ؟ ކޮބައި އިމްނާ؟ ރުބައިލާ ކިހިނެއް މި ވަގުތު މި ތަނަށް ތި... ވަނީ؟" ހައްވަގެ ދޫ ހަރަކާތް ކޮށްލިއެވެ.
ހައްވައަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އާގަމަ ވެފައި އިނދެވުނީއެވެ. ލިބިފައިވާ ހިތްދަތި ކަމަށް ވުރެ އޭނާ މިހާރު އިނީ މާ ބޮޑަށް ވެސް ބިރުގެންފައެވެ.
"މަންމާ،" ރުބައިލާ ގޮވާލިއެވެ.
"މަންމާއޭ؟ މަންމާއޭ؟" ހައްވައަށް އިތުރު އެއްވެސް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ.
"އަހަންނަކީ މަންމަގެ ހަގު އަންހެން ދަރި." އަނެއްކާ ވެސް ރުބައިލާ ބުންޏެވެ.
ގަބޫލު ކުރަން ދަތިވެފައި އިންދާ ރުބައިލާ ކިޔައިދޭން ފެށިއެވެ.
"އެ ރޭ އިމްނާ ވިހޭ އިރު މަންމަ އޮތީ ހަބަރު ހުސްވާ ވަރު ވެފައި. މަންމަގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން މާމައަށް އެނގުނީ އިމްނާ ވިހޭ ފަހުން. އެއީ އަހަރެން. މާމަ އެދުނީ ބައްޕަ ގާތު އަހަރެން މަރާލަން. އެއީ އެހާ ތަދު ޒަމާނެއްގައި ދެ ކުދިން ގޮވައިގެން އުޅެން އުނދަގޫ ވާނެތީ. ނުބެލޭނެތީ. މާމަގެ އަމުރަށް އެ ވިއްސާރައިގައި ބައްޕަ އަހަރެން ގޮވައިގެން ގޮސް ކާށިދޫ ކަނޑަށް ފެއްތީ،" ރުބައިލާ ކިޔައިދިނެވެ.
ނަސީމްގެ މަންމައަކީ ބޭކެންބެކެވެ. އިމްނާ ވިހޭ ރޭގެ ހަނދާންތައް އެ ވަގުތު އޭނާގެ ހިޔާލުގައި ވެސް އެނބުރެން ފެށިއެވެ. ނަމަވެސް އިތުރު ކުއްޖަކު އޭނާ ދުނިޔެއަށް އުފަން ކުރި ކަން ހައްވައަށް އެނގުނީ އަދި ކިރިޔާއެވެ.
"އަހަރެން ރޮއިރޮއި އޮއްވާ ބައްޕަ އެ ވިއްސާރައިގައި އަހަރެން ކަނޑަށް އެއްލައިލީ. އެހެންވެ، މިރޭ ބައްޕަ މަރައިލީ ހަމަ އަހަރެން، މަންމައަށް އުނދަގޫ ކުރީ ވެސް ހަމަ އަހަރެން، އިމްނާއާ އެކުވެރިވެ މި ގެއަށް އަހަރެން އައީ އެ މަގުސަދުގައި،" ރުބައިލާ ބުންޏެވެ.
ނަސީމުގެ މަރުގެ ސިއްރު ހޯދަން ފުލުހުން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެ ސިއްރު އެނގެނީ ހަމައެކަނި ހައްވައަށެވެ. އެ ވާހަކަ އިތުރަށް ދައްކަން ހައްވަ ބޭނުމެއް ނުވެއެވެ. އެ މައުސޫމް ދަރިފުޅާ މެދު ނަސީމު ރަހުމު ނުކުރީތީ ހައްވަގެ ހިތުގައި ނަސީމުއަށް ޓަކައި ނަފްރަތު ފިޔަވައި އެއްވެސް އެއްޗެއް ނުވެއެވެ.
ރުބައިލާ އެ ގޭތެރޭގައި އުޅޭކަން އިމްނާއަށް ނޭނގުނަސް ހައްވައަށް އެނގެއެވެ. އޭގެ ފަހުން ރުބައިލާގެ ސޫރަ ނުފެނުނު ކަމުގައި ވިޔަސް އަބަދު ވެސް ރުބައިލާ ހައްވާ ގާތު އުޅޭކަމުގެ އިހްސާސް އޭނާއަށް ކުރެވެއެވެ.
ނިމުނީ