19 ފެބުރުއަރީ 2017 - 09:06

މެޑްރިޑް (ފެބްރުއަރީ 19) - ސްޕެނިޝް ލީގުގައި ރޭ ސްޕޯޓިން ގިޔޯން އަތުން 4-1 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ފްރާންސް ފޯވާޑް ކެވިން ގަމޭރޯ ފަސް މިނިޓް ތެރޭގައި ހެޓްރިކެއް ހަދައިފި އެވެ.

މިއީ ފާއިތުވި 11 އަހަރުތެރޭ ސްޕެއިން ލީީގުގައި ފެނިގެންދިޔަ ދެ ވަނަ އަށް އެންމެ އަވަސް ހެޓްރިކެވެ. އެންމެ އަވަސް ހެޓްރިކެއް ހެދީ ޑޭވިޑް ވިލާ އެވެ. އޭނާ ހެޓްރިކް ހެދީ ހަތަރު މިނިޓް ތެރޭގަ އެވެ.
ސްޕެއިން ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ ކުޅުނު 21 މެޗުން 52 ޕޮއިންޓާ އެކު އެވެ. ރެއާލް ރޭ ކުޅުނު މެޗުން ވަނީ 2-0 އިން އެސްޕަންޔޯލް ބަލިކޮށްފަ އެވެ.
ރޭ 2-0 އިން އެއިބާ އަތުން މޮޅުވި ސެވިއްޔާ ލީގުގެ ދެ ވަނައިގައި އޮތީ ކުޅުނު 23 މެޗުން 49 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ބާސެލޯނާ 22 މެޗުން 48 ޕޮއިންޓާ އެކު އޮތްއިރު، އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ސްޕޯޓިން ކޮޅަށް ފުރަތަމަ ލަނޑު ޖެހީ އެތުލެޓިކޯ އިންނެވެ. ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިނިޓް ތެރޭ ޔަނިކް ފެރޭރާ ކަރަސްކޯ އެ ޓީމަށް ލީޑުނަގައިދިން ނަމަވެސް އޭގެ ތިން މިނިޓް ފަހުން ސްޕޯޓިން އަށް އެއްވަރުކޮށްދިނީ ސާޖިއޯ އަލްވަރޭޒް އެވެ.
އެތުލެޓިކޯ އިން ގަމޭރޯ ކުޅެން އެރުވީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ 80 ވަނަ މިނިޓްގަ އެވެ. އޭގެ މިނިޓެއް ފަހުން ދެ ވަނަ ލަނޑު ޖެހިއިރު، ހެޓްރިކް ހެދީ 85 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ.
ރޭގެ މެޗަށް ފަހު ގަމޭރޯ ބުނީ މި ހެޓްރިކް ހާއްސަ ކުރަނީ މިދިޔަ ހަފްތާގައި މަރުވި އޭނާގެ މާމަ އަށް ކަމަށެވެ.
ރޭ ރެއާލް ކުޅުނު މެޗުގައި އެސްޕަންޔޯލް ކޮޅަށް އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ އަލްވާރޯ މޮރާޓާ އާއި ގަރެތު ބޭލް އެވެ. ރޭގެ މެޗަކީ އަނިޔާއިން ރަނގަޅުވުމަށް ފަހު ބޭލް ކުޅުނު ފުރަތަމަ މެޗެވެ. ބޭލް ކުޅެން އެރީ ވެސް މެޗުގެ ދެ ވަަނަ ހާފްގަ އެވެ.
މެޗަށް ފަހު ބޭލް ބުނީ ކުޅުމަށް އެނބުރި އާދެވުމުން އުފާކުރާކަމަށާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށެވެ.