31 މާޗް 2024 - 11:59

ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ މީހުންނަށް ލިބޭ ގޮތަށް، ހުޅުމާލޭގެ ސްމާޓް ޕާކިންގެ 41 ޖާގަ ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ، ޕާކިން ޖާގަ ބޭނުންވާ މީހުންނަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 24 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ ވެސް ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްމާޓް ޕާކިން ޒޯން ހުންނަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ފިތުރޯނު ޕާކިން ޒޯނުގަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެވެ. މިދިޔަ އަހަރު ވެސް ބީލަން އުސޫލުން އެތަނުން 23 ޖާގަ ކުއްޔަށް ދީފައިވެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، ބީލަން ފެށޭ އަގަކީ 1،500ރ. އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ވެސް އެ ވަރު ދައްކަން ޖެހެ އެވެ. ތިން އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޭ އެ ޖާގަތައް ލިބޭނީ ޕޮއިންޓް ދޭ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެންމެ މަތިން ޕޮއިންޓް ހޯދާ މީހުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕާކިން ޖާގަތައް ދެނީ ހަމައެކަނި ދިވެހިންނަށެވެ. އަދި ޕާކު ކުރާ ވެހިކަލް ވާން ޖެހޭނީ ބީލަން ހަށަހަޅާ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ބޭނުންކުރާ އުޅަނދަކަށެވެ. އަދި އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކަ ހުރި މީހަކަށް ވެސް ވެގެން ނުވާނެ އެވެ.
ޕާކިން ޖާގަތައް ކުއްޔަށް ނަގާ މީހުން އެތަން ސަބްލީސް ކުރުމާއި ރަޖިސްޓަރީ ކުރާ އުޅަނދު ނޫން އެހެން އުޅަނދުތައް އެ ތަނުގައި ޕާކުކުރުން މަނާ ވާނެ އެވެ. އެ މީހެއްގެ ނަމުގައިވާ އެހެން އުޅަނދެއް ޕާކުކުރަން ބޭނުންވާ ނަމަ، އެކަމުގެ ހުއްދައަށް އެދެން ޖެހޭނެ އެވެ. އެ ޖާގަތަކުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހުއްދަ ނުވަތަ ގަރާޖު ސިޓީ ދޫނުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހަމައެކަނި ކާރު ޕާކް ކުރެވޭ ގޮތަށް ހަދާފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށާއި ދިގު މުއްދަތަށް ޕާކުކުރަން ބޭނުންވާ ޖާގަތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޖާގަތައް ވެސް ހުރެ އެވެ. ކުރު މުއްދަތަށް ޕާކް ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ކޮށްގެން ޕާކިން އެޕްލިކޭޝަނެއް ވެސް ތައްޔާރުކޮށްފައިވެ އެވެ.