30 މާޗް 2024 - 15:27

ދިރާގުގެ “ތަށިބަރިމޫވްމަންޓު”ގެ ހޭޝްޓެގުގައި މި ފަހަރު ފެނުނީ ހިތްގައިމު މަންޒަރެކެވެ. ދިރާގު ޓީމުގެ އެކި މެމްބަރުންނާ އެކު ދިރާގުގެ ތަށިބަރީގައި ހިފަހައްޓާލައިގެން އާއްމުން ނަގާފައިވާ ފޮޓޯތަކެވެ. ކޮންމެ ފޮޓޯއަކުން ވެސް ފެންނަނީ ހެޔޮހިތުން ދިރާގުން ކުރި ހަދިޔާއިން ގެނެސްދީފައިވާ ހިނިތުންވުމެވެ.

މި އަހަރުގެ ދިރާގު ތަށިބަރި މޫވްމަންޓުގެ ފެށީ މަގުމަތިން އެ ކުންފުނީގެ ޓީމާ ބައްދަލުވި އާންމުންގެ އެކި މީހުންނަށް ހަދިޔާ ކުރި ތަށިބަރިތަކުންނެވެ. އެހެން އަހަރުތަކާ ހިލާފަށް މަގުތަކަށް ނުކުމެ މި މޫވްމަންޓް ފެށީ، މި ރޯދަ މަހަށް ކަނޑައަޅާފައިވާ “ހެޔޮހިތުން” ތީމުގެ ދަށުން މި ހަރަކާތުގެ ތެރެއިން ނުދަންނަ މީހުންނަށް ހެޔޮހިތުން ތަށިބަރި ހަދިޔާކުރަން ހިތްވަރު ދިނުމަށެވެ. އެ ކުންފުނީގެ އުއްމީދަކީ މި ފަދަ ކުޑަކުޑަ ހަރަކާތަކުން ވެސް މުޖުތަމައުގެ ގުޅުންތައް ބަދަހިވެގެން ދިއުމެވެ.

“ތަށިބަރިމޫވްމެންޓް” ހޭޝްޓެގުގައި ދިރާގުން މި ހަރަކާތް ފެށީ 2018 ވަނަ އަހަރު އެވެ. އާންމުންގެ ތަރުހީބާ އެކު ޖެހިޖެހިގެން ދެ އަހަރު މި ހަރަކާތް ސޯޝަލް މީޑިއާގައި ވައިރަލްވުމަށްފަހު، ކޮވިޑުގެ
ސަބަބުން 2020 ވަނަ އަހަރު މި ހަރަކާތް މެދުކެނޑުނެވެ.
ކޮވިޑަށް ފަހު އަނެއްކާވެސް މި ހަރަކާތްފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ދިރާގުން މި ހަރަކާތް ފެށީ މި ދިޔަ އަހަރުގެ ރޯދައަށް ކަނޑައެޅި ތީމާ ގުޅުވާއި، މަންމަގެ ވެދުމާ އެކު މަންމަގެ ރެސިޕީތައް ރައްޓެހިންނާ ބަދަލުކުރުމަށް ހިތްވަރު ދެމުންނެވެ. މި ދިޔަ ރޯދަ މަހު މަންމަގެ ވެދުމާ އެކު ގިނަ ބަޔަކު ދިރާގުގެ މި ހަރަކާތުގައި ބައިވެރިވި އެވެ.
ދިރާގަކީ މި މޫވްމަންޓު ފަށައި، ފުޅާ ދާއިރާއެއްގައި މި ހަރަކާތްކުރިއަށް ގެންދަން ފެށި ފުރަތަމަ ކުންފުންޏެވެ. މި ހަރަކާތަކީ މީގެ އަހަރުތަކެއް ކުރިން ރޯދަމަހު، އެއްގެއިން އަނެއްގެއަށް ފޮނުވި ތަށިބަރިތަކުގެ ހަނދާން އާކޮށް، އެ އާދަކާދަ ދިރުވުމަށް ފެށި ހަރަކާތެކެވެ. މި ހަރަކާތާ އެކު ދިރާގުން މި އަހަރު ދޫކޮށްލާ މެސެޖަކީ އެކަކު އަނެކަކަށް ހެޔޮހިތުން ކަންތައްތައް ކުރުމުގެ ރޫހު ދިރުވުމެވެ.