ފިކުރުގެ ފުން ކޯރެއްގައި
ފިކުރުގެ ފުން ކޯރެއްގައި

ގަޑިން ދަންވަރު އެކެއްޖައިފިއެވެ. ގޭގެ އެންމެން ނިދިތާ ކިތަންމެ އިރެކެވެ. ހޭލާއޮތީ އެކަކެވެ. އުމުރުން ފަންސަވީސް އަހަރުގެ ސޯފިޔާއެވެ. ދިގު އިސްތަށިގަނޑަކާއި، އިސްކޮޅާ ގުޅޭ ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނަގެ ލޮލަކު ނިދީގެ އަސަރެއް ނެތެވެ. ފެންއަޅައި ފުރައިފައިވާ ބިލިގާތެރެއަށް މާ އަޅައިގެން އޭގެތެރެއަށް ސޯފިޔާ އެރިއޮންނަތާ ގަޑިއެއްހާއިރު ވެއްޖެއެވެ. ހަވީރު ލައިގެންހުރި ހެދުމާ ވެސް އެއްކޮށެވެ. ބުނަން ނޭނގޭ ކަހަލަ އިހުސާސްތަކެއް އޭނައަށް ކުރެވެމުންދިޔައެވެ. ސޯފިޔާއާ ރައްޓެހިވާ ފިރިހެންކުދިން މާ އަވަހަށް ރުޅިވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ފިރިހެންކުއްޖަކު ދެކެ ވެސް ސޯފިޔާ ލޯބިވެއެވެ. ސޯފިޔާގެ ބައްޕައަކީ މުއްސަންޖެކެވެ. ލޯބިވެރިޔާއަށް ޚަރަދުކުރަނީ ސޯފިޔާއެވެ. އެއީ ސޯފިޔާގެ މިޒާޖެވެ. ކޮންމެ ކަމެއްގެ ވެސް އިންތިހާއެވެ. ރައްޓެހިވިޔަސް އެ ވަރެވެ. ރުޅިވިޔަސް އެ ވަރެވެ. އުފާވިޔަސް އެ ވަރެވެ. ދެރަވިޔަސް ހަމަ އެ ވަރެވެ.

ސޯފިޔާ ބަނޑުހައިވާހެން ހީވެއެވެ. ނިދިއަންނަހެން ވެސް ހީވެއެވެ. ކުއްލިއަކަށް ފޯނު ނެގިއެވެ. އެފްބީއަށް ލި ސޯފިޔާގެ ފޮޓޯއަށް ލިބުނު ލައިކުތައް ގުނައިލިއެވެ. އެންމެ ފަހުން ލިބުނު ލައިކުގެ އަދަދާ ކައިރި ވެސް ނުކުރެއެވެ. އެ ހިސާބުން އިތުރު ކަމަކާ ވިސްނަން ޖެހުނެވެ. ހިތަށްއެރިއެވެ. ކުރިއަށް ވުރެ ސޯފިޔާ ހުތުރީބާއެވެ؟ ސޯފިޔާދެކެ ރައްޓެހިން ރުޅިއަންނަނީ ހެއްޔެވެ؟ ވަގުތުން ފޮޓޯ ފުހެލިއެވެ. ހަލީމަށް ގުޅައިލިއެވެ. އެއީ ސޯފިޔާ ރައްޓެހިވި ހަވަނަ ކުއްޖާއެވެ. ހަލީމު ފޯނެއް ނުނެގިއެވެ. ފިކުރުގެ ޗޭނުފައްޗަށް އަނެއްކާ ބޮޅެއް އިތުރުވީއެވެ. ހަލީމު ވީ ކޮންތާކު ހެއްޔެވެ؟ ނިދާށޭ ކިޔައިފައި އޭނަ ކޮންމެވެސް އެހެން ތާކަށް ދިޔައީބާއެވެ؟ ފުންމައިގެން ތެދުވިއެވެ. ކޮޓަރިއަށް ވަނެވެ. ގައިން ފެންތައް ފައިބައެވެ. ލޯގަނޑުން މޫނު ބަލައިލިއެވެ. ބުމަ ތަންކޮޅެއް ފަލަވެއްޖެހެން ހީވިއެވެ. އެ ހިސާބުން ބުމަ ރީތިކުރަން ޖެހިއްޖެއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ކުލަދަޅެވެ. ކޮޓަރީގައި ކުލަ ލުމަށްޓަކައި ބޮޑު ކުލަދަޅެއް ގެނެސްފައި ހުންނަތާ ދެތިން ދުވަހެއް ވެއްޖެއެވެ. ރޯލުފިހި ކައިރީގައި އޮތެވެ. ނޫސްކަރުދާސްތައް ވެސް ހުއްޓެވެ. ވަގުތުން ޚިޔާލު ބަދަލުވިއެވެ. ބުމަހެދުން ހުއްޓައިލައިފައި ކޮޓަރީގެ ތަޅުންގަނޑުގައި ކަރުދާސް ފަތުރަން ފެށިއެވެ. ކުލަލާން ފެށިއެވެ. ޙަޤީޤަތުގައި ސޯފިޔާ އަމިއްލައަށް އެ ކަން ކުރާކަށް ނުޖެހޭނެއެވެ. ބައްޕަ ގާތުގައި ބުނާއިރަށް އެ ކަން ހަމަޖެހޭނެއެވެ. ކޮޓަރީގައި އެންމެ ފަހުން ކުލަލީތާ މަހެއް ނުވެއެވެ. އެކަމަކު، ކަމެއް ކުރާހިތް ވުމުން ސޯފިޔާއަކަށް ލަހެއް ނުކުރެވެއެވެ.

ހެނދުނު އޮފީހަށް ދިޔައީ ސައި ނުބޮއެވެ. އޮފީހުގެ އެއާކޯން ހުރީ މައްސަލަޖެހިފައެވެ. ނިދި ނުލިބޭތީ ސޯފިޔާގެ ބޮލުގައި ކުޑަކޮށް ރިއްސިއެވެ. ބުމައިގެ އެއްތަންކޮޅު ނުހަދައި ހުރި ވާހަކަ އެކުވެރިއަކު ބުންޏެވެ. ހުރިހާ ވެސް މައްސަލައަކީ ހަލީމެވެ. އޭނަ ފޯނު ނެގި ނަމަ ސޯފިޔާ ބުމައެއް ނުހެދީހެވެ. ކުލައެއް ނުލީހެވެ. ހޭލައެއް ވެސް ނުހުރީހެވެ. ހަލީމު ހިތަށްއަރަނީ ކީކޭ ހެއްޔެވެ؟ ސޯފިޔާއަށް ބޭނުން ގޮތެއް ހެދޭނެކަމަށް ހެއްޔެވެ؟ ނޫނީ ސޯފިޔާ ތަންކޮޅެއް ފަލަވީމައި ހަލީމު ފޫހިވީ ހެއްޔެވެ؟ ކުއްލިއަކަށް ލޮލުން ކަރުނަ ހިލުނެވެ. ހިތާހިތުން ޝަކުވާކުރަން ފެށުނެވެ. ސޯފިޔާދެކެ އެކަކު ވެސް ލޯތްބެއް ނުވާނެއެވެ. ދެވަނަ ސިކުންތުގައި ހަލީމުދެކެ ފޫހިވިއެވެ. ފޯނު ނަގައިފައި ހަލީމަށް ގުޅައިލިއެވެ.

"ގުޑް މޯނިންގް ލޯބީ!" ހަލީމު ވަގުތުން ފޯނު ނެގިއެވެ. "ހިނގާ ކޮފީއަކަށް ދަމާ!"

"ރޭގަ ކޮންތާކު އުޅުނީ؟" ސޯފިޔާ ވަރަށް ރުޅިއައިސްފައި ބުންޏެވެ. "މަ ގުޅީމަ ފޯނު ނުނަގާފަ ދުވާލު ވެސް ގުޅާނުލާ! ދެން މަށަކީ ނުލާހިކު ހަޑި މީހެއް. ފޫހި މީހެއް. ކީއްކުރަން ގުޅަންވީ؟ މަށެއްނު މި އުޅެނީ މޮޔަ.."

"މަޑުކޮށްބަލަ މަޑުކޮށްބަލަ!" އޯގާތެރި ރާގެއްގައި ހަލީމު ބުންޏެވެ. "މާ މޫޑީ ދުވަހަކީތަ؟ މަ އޮތީ ނިދާފައޭ. ހެނދުނު އެތައް ފަހަރަކު ގުޅިން. ނުގުޅުނު. ނެޓްވާކް އެރާ އަރަނީ. ހެނދުނު މަ ގުޅަން އުޅެނިކޮށް.."

"ދެން ދުވަހަކު ވެސް މަށަށް ގުޅައިގެން ނުވާނެ،" ސޯފިޔާގެ ރާގުގައި ވަނީ ހަރުކަށިކަމެވެ. "ގެޓް ލޮސްޓް!"

ސޯފިޔާ ފޯނު ކަނޑައިލިއެވެ. ހަލީމެއް ނުގުޅައެވެ. އެއީ އެ ފަދަ މައްސަލައެއްޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. ސޯފިޔާ ގާތަށް ރުޅިއައިސްގެން ފޯނުގެ ސިމް ދަމައިގެންފައި ބިންދައިލިއެވެ. އެފްބީގައި ހުރި ހަލީމުގެ ހުރިހާ ފޮޓޯއެއް ފުހެލިއެވެ. އެފްބީ އެކައުންޓު ބަންދުކުރިއެވެ. އެކަމަކު އިރުކޮޅެއްވާންދެން ވެސް ނުހުރެވުނެވެ. އޮފީސް ފޯނުން ހަލީމަށް ގުޅިއެވެ.

"އޭ ހިނގާބަލަ ކޮފީއަށް،" ވަރަށް މަޖާވެލައިފައި ސޯފިޔާ ބުންޏެވެ. "މަގޭ ފޯނުގެ ސިމް ހަލާކުވީއޭ. އާދެ މަ ބަލާ އިނގޭ!"

ހަލީމު ފޯނު ކަނޑައިލިއެވެ. ދެން ނުވެސް ނެގިއެވެ. އެއް ކުޅިވަރެއް އެތައް ފަހަރަކު ކުޅެކުޅެ ހަލީމު ވަރުބަލިވީއެވެ. ހަލީމަށް އެނގެއެވެ. ކޮފީބޯން ތިބެފައި، އެންމެންނަށް އިވޭ ވަރަށް ހަލީމަށް އެއްޗެހި ކިޔާނެވެ. ކިތައް ފަހަރު އެހެން ވެސް ވެއްޖެ ހެއްޔެވެ؟ ނަސޭހަތް ދެވިއްޖެއެވެ. ހަލީމްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ސޯފިޔާ އަލުން ސިމްކާޑެއް ގަތެވެ. އޮފީހުން ގެއަށް އަންނަންދެން ހަލީމަށް އެއްޗެހިކިޔައިފައި ދިގު މެސެޖުތައް ފޮނުވިއެވެ. އެފްބީ އެކައުންޓު އަލުން ހުޅުވިއެވެ. އެންމެންނަށް ފެންނަ ގޮތަށް ހަލީމަށް މަލާމާތްކުރިއެވެ. އެ ކަން ހުއްޓުވުމުގެ ބަދަލުގައި އެކުވެރީން ދިނީ ހިތްވަރެވެ.

ސިމްކާޑު ހިފައިގެން ސޯފިޔާ ގެއަށް އައިއިރު، ގެންގުޅޭ މީހުން ލައްވާ މަންމަ ކޮޓަރި ސާފުކުރުވަނީއެވެ. ތަޅުންގަނޑުގައި ހުރި ކުލަތައް ފިލުވައި، ފެންފޮތިލަނީއެވެ. ސޯފިޔާ ގާތަށް އައިސްފައިހުރި ރުޅި ދެގުނައަށް އިތުރުވިއެވެ.

"މަ ބުނީމެއްނު މަގޭ ކޮޓަރީގަ ހުންނަ އެއްޗެއްސާ ނުކުޅޭށޭ." ސޯފިޔާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

މަންމަ ދެއްކި ވާހަކައެއް ސޯފިޔާ އަޑެއްނާހައެވެ. އެންމެން ނެރިފައި ދޮރު ތަންޑުއެޅުވިއެވެ. އެއްވެސް އެއްޗެއް ނުކައި އެތައް އިރަކު ކޮޓަރީގައި އޮތެވެ. ހަލީމު ރުޅިވީތީ ރުޔެވެ. މާފަށް އެދިފައި މެސެޖު ފޮނުވިއެވެ. ހަލީމު ޖަވާބެއް ނުދިނެވެ.

ޖެހިގެން އައި ދުވަހު ސޯފިޔާ އޮފީހަކަށް ނުދެއެވެ. ހަވީރު ވީއިރު ވެސް އެއްޗެއް ނުކައެވެ. އެންމެ ފަހުން ވާތާވިއެވެ. ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރު ލަފާދިން ގޮތުގައި ސޯފިޔާއަށް ޖެހިފައިވަނީ ނަފުސާނީ ބައްޔެކެވެ. ވަސޭހަތްތެރިޔަކާ ބައްދަލުކޮށްގެން ފަރުވާ ހޯދިދާނެއެވެ. ދަރިފުޅުގެ ވިސްނުމަށް އަންނަ ކުއްލި ބަދަލާއި، ވިސްނާ ގޮތާއި، އެއް ފިކުރުން އަނެއް ފިކުރަށް ބަދަލުވާ އަވަސްމިން އެއީ ސީރިޔަސް މައްސަލައެކެވެ. ސޯފިޔާގެ މައިންބަފައިންނަށް ވެސް ވިސްނުނީ ޙައްލަކީ އެއީ ކަމުގައެވެ.

ވަސޭހަތްދިނުމަށް ޓަކައި ހަފުތާއަކު ދެ ދުވަހު ސޯފިޔާ ހޮސްޕިޓަލަށް ގެންނަންޖެހެއެވެ. ފުރަތަމަ ދުވަހު ސޯފިޔާ ގެނެވުނީ ވަރަށް ގިނަ ވާހަކަދައްކައިގެންނެވެ. ސޯފިޔާ އައިއިރު ފިރިހެންކުއްޖަކު އެ ތަނުން ނުކުމެގެން ދާތަން ފެނުނެވެ. ހަމްދާނާ ބައްދަލުވި ގޮތަކީ އެއީއެވެ. ފުރަތަމަ ދުވަހު ވެސް ސޯފިޔާގެ ލޮލުގައި އޭނަ އަޅައިގަތެވެ. ބޭނުންވާ ހުރިހާ ސިފައެއް ހުރީމައެވެ. އިސްކޮޅެވެ. ހެދުންއަޅާ ގޮތެވެ. ފުނާއަޅައިފައި ހުންނަގޮތާއި، ބަލައިލާ ގޮތް ވެސް ސޯފިޔާއަށް ވަރަށް ކަމުދިޔައެވެ. އޭގެ ފަހުން ސޯފިޔާ ހޮސްޕިޓަލަށް އަންނަނީ އަންނަހިތުންނެވެ. އެއީ މަންމަގެ ހިތުގައި ސުވާލު އުފެއްދި ކަމެކެވެ. ސޯފިޔާއަށް އެ ބަދަލު އައީ ކީއްވެގެން ހެއްޔެވެ؟ އޭގެ ސިއްރަކީ ކޮބައިހެއްޔެވެ؟

ހަމްދާނާ ވާހަކަދައްކާހިތުން ހުއްޓައި އޭނަގެ ކޯލެއް ސޯފިޔާއަށް ލިބުނެވެ. ނަންބަރު ހޯދި ގޮތެއް ހަމްދާން ނުބުނެއެވެ. ސޯފިޔާގެ މަންމައަށް ދެން ފެނުނީ ހަމްދާން ގެއަށް އައިތަނެވެ. މަންމައަކަށް ހަމްދާން ކަމަކުނުދިޔައެވެ. އެހެންނަމަވެސް، އެންމެ ކުޑައިރުއްސުރެ ވެސް ސޯފިޔާއަކީ ބޭނުން ކޮންމެ ކަމެއް ކުރާ ކުއްޖެކެވެ. މައިންބަފައިންގެ ރުހުން ނުލިބުނަސް ވެހެވެ.

"ކޮބައިހޭ ހަމްދާންގެ މައްސަލައަކީ؟" ސޯފިޔާ އެ ސުވާލުގެ ޖަވާބު ބޭނުމެވެ.

"އޭނަ ހުންނަ ގޮތުން ހީވަނީ ވަރަށް މަކަރުގަދަހެން." މަންމަގެ ހުރިހާ ވެސް ކަންބޮޑުވުމަކީ އެއީއެވެ.

ސޯފިޔާ ގަބޫލެއް ނުކުރިއެވެ. އެއީ ސަބަބެއްކަމަށް ބަލައެއްނުގަތެވެ. ސޯފިޔާގެ ނަޒަރުގައި ހަމްދާނަކީ މަދުން ނޫނީ ނުފެންނަ ކަހަލަ ފުރިހަމަ ފިރިހެނެކެވެ. ކޮންމެ މީހަކު ވެސް ސޯފިޔާއަށް ފުރަތަމަ ފެންނަނީ އެ ގޮތަށެވެ. ސޯފިޔާގެ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް ހަމްދާނަށް އިތުބާރު ކުރިއެވެ. އޭނަޔާ ނުލައި ސޯފިޔާއަށް ނޭވާލެވޭ ކަމަކަށް ވެސް ނުވެއެވެ. ދެ މީހުން ދިމާވިތާ އޭރު ދިހަ ދުވަސް ނުވެއެވެ. އެކައުންޓުން ލާރި ނަގަންވީމައި ކޭޝްކަޑާ އެއްކޮށް ޕިން ނަންބަރު ވެސް ދީފައި ސޯފިޔާ އޮންނަނީ ގޭގައެވެ. ކޫސަނި މައްސަލަ ވެސް ޖެހެއެވެ. މަސްދުވަސް ތެރޭގައި ތިން ފަހަރު ހަމްދާނާ ދިމާއަށް ހަޅޭއްލެވިއެވެ. މައިންބަފައިންނަށް ފެންނަ ހިސާބުގައެވެ. ސޯފިޔާގެ ނަޒަރުގައި ލޯބިވާ މީހާއާ ދިމާއަށް ހަޅޭއް ވެސް ލެވޭނެއެވެ. އެއީ އެ ވަރުގެ ކަމެއް ނޫނެވެ.

ސޯފިޔާގެ ސައްބީސްވަނަ އުފަންދުވަހަށް އިރުއެރީ، ހިތުންފިލުވައި ނުލެވޭ ވަރުގެ ހަދިޔާއަކާ އެކުގައެވެ. އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހިފައިގެން ހަމްދާން ފިލީއެވެ. ސޯފިޔާ ލަފާކުރި ގޮތުގައި ފަންސާހަކަށް ހާސް ރުފިޔާ ހުންނާނެއެވެ. އެ ވަރުން ނިމުނީކީ ނޫނެވެ. ސޯފިޔާގެ ފޯނާއި، ކާޑުތައް ލާފައި އޮންނަ ދަބަސް ވެސް ގެއްލުނީއެވެ. ފައިސާތައް ގެއްލިގެން ސޯފިޔާ ހާހެއް ނުވެއެވެ. އެންމެ ފަސޭހައިން ލިބޭނެ އެއްޗަކީ އެއީކަމުގައި ވީތީއެވެ.

ސޯފިޔާ ހައިރާންވަނީ ސޯފިޔާދެކެ ފިރިހެނުން ލޯބިނުވާތީއެވެ. ދުވަސްކޮޅަކު އެކުގައި އުޅެލައިފައި ރުޅިވާތީއެވެ. ސޯފިޔާ ރީތިކަމުގައި އެންމެން ބުނެއެވެ. ލޯބިވެރިންނަށް ސޯފިޔާ ޚަރަދުކުރެއެވެ. މީހަކު ފެންނައިރަށް އެ މީހަކަށް ސޯފިޔާ އިތުބާރުކުރެއެވެ. އެއް ސިކުންތުގައި ރުޅިއަޔަސް އަނެއް ސިކުންތުގައި ލޯބި ވެސް ވެއެވެ. އެއް ސިކުންތުގައި ފޫހިވިޔަސް އަނެއް ސިކުންތުގައި ދެރަ ވެސް ވެއެވެ. ހަމަ އެފަދައިން، އެއް ސިކުންތުގައި ހަޅޭއްލެވިޔަސް އަނެއް ސިކުންތުގައި ފިރުމަން ވެސް ފިރުމައެވެ. މައްސަލައަކީ އެއީކަމެއް ސޯފިޔާއަކަށް ނޭނގެއެވެ. ފިކުރުގެ ފުން ކޯރެއްގެ ތެރެއަށް ގެނބިފައި އޮވެގެން ސޯފިޔާ ވިސްނިއެވެ. ސޯފިޔާ އޮށޯވެލައިގެން އޮތީ، ފެން ފުރައިފައިވާ ބިލިގާގެ އެންމެ އަޑީގައެވެ. ނޭވާ ހިފަހައްޓައިލައިގެންނެވެ. ހިތާހިތުން ސޯފިޔާ ބުނެލިއެވެ. އެކަކަށް ވެސް ސޯފިޔާ ދަނެގަންނަން ނޭނގެނީ ކީއްވެގެން ހެއްޔެވެ؟ މައްސަލައަކީ ކޮބައިހެއްޔެވެ؟

ނިމުނީ