ރާއްޖެ އަންނާކަށް ރަޝިޔާ ޓޫރިސްޓުންނަށް ބިރެއް ނެތް: ސަރުކާރު
ރާއްޖެ އަންނާކަށް ރަޝިޔާ ޓޫރިސްޓުންނަށް ބިރެއް ނެތް: ސަރުކާރު

ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މަރުހަބާ ކިޔައި އަމާން މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، ރާއްޖެއަށް އަންނަ ރަޝިޔާ ޓޫރިސްޓުންނަށް ބިރެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ، އެހެން ގައުމަކުން ވެސް އެމެރިކާއަށް އެކްސްޓްރަޑައިޓް ކުރުމުގެ ބިރު އެބައޮތް ކަމަށް ބުނެ، ބޭރުގެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން އެ ގައުމުގެ ރައްޔިތުންނަށް ގޮވާލާފައިވަނިކޮށެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ބޭރުގެ ގައުމުތަކަށް ދަތުރުކުރުމުގައި ނުރައްކާތައް ވަރަށް ބޮޑަށް ވަޒަން ކުރުމަށާއި، ދުނިޔޭގެ 100 އަށް ވުރެ ގައުމުން އެމެރިކާ އާ އެކު އެކްސްޓްރެޑިޝަން އަދި ޕްރިޒަނާ ޓްރާންސްފާ އެއްބަސްވުންތައް ހަދާފައިވާ ކަމަށެވެ.

އެހެންކަމުން، އޭގެން ގައުމެއްގައި ހުއްޓައި، އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އެދިއްޖެނަމަ، އެމެރިކާއަށް ފޮނުވާލާނެ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މަރުހަބާ ކިޔައި އަމާން މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، އޭގެ ތެރޭގައި ރަޝިޔާ ޓޫރިސްޓުން ވެސް ހިމެނޭ ކަމަށެވެ.

"ރާއްޖެ އާއި އެމެރިކާ އާއި ދެމެދު އެކްސްޓްރެޑިޝަން އެގްރީމަންޓެއް އަދި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވެމެއްގައި ވެސް ސޮއިކުރެވިފައެއް ނުވޭ،" ރަޝިޔާ ޓޫރިސްޓުންނަށް ރާއްޖެއަށް އައުމަށް ބިރެއް ނެތް ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ރަޝިޔާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު ރަޝިޔާއިން 209،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. މި އަހަރު ވެސް މިހާތަނަށް ބައި ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަ އެވެ.