19 ފެބުރުއަރީ 2017 - 06:04

ގެލަކްސީ ނޯޓް7 އަށް ދިމާވި ހާދިސާ އަކީ ނުވާ ކަމަކަށް ހެދޭކަށް ނެތެވެ. ނޯޓް7ގެ ބެޓެރީ ގޮވައި، އަނިޔާވި މީހުން އެ ހަނދާން ނައްތާލަކަށް ވެސް ބޭނުމެއް ނުވެ އެވެ.
ހީވަނީ ދެންމެ ދެންމެއަކު ސެމްސަންގް ގެލަކްސީ އެސް8 ދައްކާލަފާނެހެންނެވެ. މި ދަނޑިވަޅުގައި ވެސް، ސެމްސަންގުން ބުނަނީ، ނޯޓް7 އަށް ދިމާވި ކަހަލަ އެއްވެސް ކަމެއް، އެސް8 އަށް ދިމާނުވާނެ ކަމަށެވެ. "ގަބޫލުކޮށް ބަލާށެވެ." ސެމްސަންގުން ބުނާ ކަހަލަ އެވެ. "އަތަކަށް ނުގޮވާނެ އެވެ."
މި އޮތީ އެއް މިނެޓުގެ ވީޑިއޯ ކްލިޕެކެވެ. ސުރުޚީ އަކީ "ކޮލިޓީ އެޝޫރެންސް: އެކްސްޓެންސިވެ ޓެސްޓްސް" އެވެ. ވީޑީއޯއިން ފެންނަނީ ގެލްކްސީ އެސް7 އެޖް އެކި މަރުހަލާތަކުގައި ޓެސްޓްކުރެވޭ ތަނެވެ.
ސެމްސަންގުން އެ ބުނަނީ އެ މީހުންގެ ފޯނުތައް މާކެޓަށް ނެރުމުގެ ކުރިން ވަރުގަދަ އަށް ޓެސްޓްކުރެވޭ ކަމަށެވެ. އިންތިހާ އަށް ހޫނުކޮށްގެންނެވެ. އޮބައި، ފިއްތައި އަދި ފެންޖަހައިގެންނެވެ. އިންސާނަކަށް ކެތްތެރިކަން ނެތް ކިތަންމެ މާހައުލަށް ފޯނު ކެތްކުރާނެކަން، ފަޚުރުވެރިކަމާ އެކު ބުނަން ސެމްސަންގުން ބޭނުންވެ އެވެ.
ސެމްސަންގަށް ކުރިމަތިވަމުން އެ އަންނަނީ ބޮޑު އިމްތިހާނެކެވެ. ވާދަވެރިންގެ މެދުގައި ފިތި، ލަދުގަންނާކަށް ދެން ބޭނުމެއް ނުވާނެ އެވެ. އެ ވަރުގެ ޔަގީންކަމާ އެކު އެސް8 މާކެޓަށް ނެރޭނެ ކަމަށް ބެލެވެނީ ވީޑިއޯއިން އެ ފެންނަ ވަރަށް ޓެސްޓްކުރެވިގެންނެވެ. އެ ގޮތަށް ގަބޫލުކުރަންވީ އެވެ.