28 މާޗް 2024 - 12:46

މިޔުނިކް (މާޗް 28) - ބެޔާން ލެވަކޫސަންގެ ކޯޗު ޒަބީ އޮލޮންސޯ އަށް ލިވަޕޫލްގެ ވަޒީފާ ކަމު ނުދާނެކަމަށް، ބެލޮންޑިއޯ އެވޯޑް ހޮދި ކުރީގެ ކުޅުންތެރިޔާ ލޯތާ މެތިއުސް ބުނެފި އެވެ.
މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެ ޓީމު ދޫކޮށްލާނެ އެވެ. ލިވަޕޫލުން ބޭނުންވާ ކޯޗުންގެ ލިސްޓްގައި އޮތީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރެވެ.
ލެވަކޫސަންގައި އޭނާ ހޭދަ ކުރާ ދެވަނަ ސީޒަނުގައި އަދި ލީގުގައި މެޗަކުން ބައްޔެއް ނުވެ އެވެ. ލީގުގެ އެއްވަނައިގައި އެ ޓީމު އޮތީ 10 ޕޮއިންޓްގެ ލީޑަކާ އެކު ބާކީ އޮތީ އަށް މެޗެވެ.
ލެވަކޫސަން އާ އެކު އޭނާ ހޯދަމުންދާ ނަތީޖާތައް ރަނގަޅުވުމުން، ބެޔާން މިޔުނިކްގެ ޝައުގުވެރިކަން ވެސް އޭނާ އަށް އެބަޮތެވެ. މި ސީޒަނަށް ފަހު ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ވެސް އެ ޓީމު ދޫކޮށްލާނެ އެވެ.
ބެޔާން އަށް ކުރިން ކުޅުނު ފޯވާޑް މެތިއުސް ބުނީ ބެޔާންގެ މަގާމަށް އޮލޮންސޯ ފިޓް ވާނެ ކަމަށެވެ.
"ލިވަޕޫލަށް ބަދަލުވާންވީ ކީއްވެ؟ މީގެ 12 އަހަރު ކުރިން ބާސެލޯނާ ކުޅުނު ފަދަ ރީތި ފުޓްބޯޅައެއް ލެވަކޫސަންގައި ކުޅޭއިރު އަހަރެމެން އުފާކުރަން މި ރީތި ޓީމު ދޫކޮށްލަންވީ ކީއްވެ،" އޭއެފްޕީ އަށް ދިން އިންޓަވިއުގައި ޖަރުމަށް 1990 ގެ ވޯލްޑް ކަޕް ހޯދައި ދިން ކެޕްޓަން މެތިއުސް ބުންޏެވެ.
"ޔާގަން ކްލޮޕް އަށް ފަހު ލިވަޕޫލްގައި ކޯޗުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫން. ސަބަބަކީ ޔާގަން އަކީ ބަތަލެއް، އޭނާ އަކީ މޮޅު ކޯވެއް. އޭނާ ކުރަމުން ދިޔަ ކަންތައްތަކަކީ މޮޅު ކަމެއް. އަދި އެއަށްވުރެ މާ ރަނގަޅަށް ދެން ކޮން ކަމެއްތޯ (އެ ޓީމާ ހަވާލުވެ އެހެން ޓީމަކަށް) ކުރެވޭނީ."