އިއްބެގެ ގޯލުން ޓީީސީ އަށް ބައިނަލްއަގްވާމީ ފުރަތަމަ މޮޅު
އިއްބެގެ ގޯލުން ޓީީސީ އަށް ބައިނަލްއަގްވާމީ ފުރަތަމަ މޮޅު

އިބްރާހިމް މަހުދީ (އިއްބެ) ގެ ލަނޑާއެކު ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާ އަތުން 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް، ޝެއިހް ކަމާލް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

އިއްބެގެ ގޯލުން ޓީީސީ އަށް ބައިނަލްއަގްވާމީ ފުރަތަމަ މޮޅު
އިއްބެގެ ގޯލުން ޓީީސީ އަށް ބައިނަލްއަގްވާމީ ފުރަތަމަ މޮޅު

މިއީ 2015 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީ ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި ހޯދި ފުރަތަމަ މޮޅެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން އިރުޝާދު ދިން ކްރޮއޭޝިއާގެ ޑްރަގޯ މަމިޗްގެ ކޯޗު ކަމުގައި ކުޅޭ އަބަހާނީ ޑާކާ އަކީ މި ފަހަރުގެ އޭއެފްސީ ކަޕްގައި ވެސް ވާދަކުރާ ޓީމެކެވެ. އަބަހާނީ ޑާކާ އަކީ މިދިޔަ އަހަރު ބަންގްލަދޭޝްގެ ލީގު ޗެމްޕިއަނުންނެވެ. އެ ޓީމަށް މި މެޗުގައި ޓީސީ ކައިރިން މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 15 ވަަނަ މިނިޓްގައި އިއްބެ އެވެ. ނާއިޒު ހަސަން (ދާދު) ދެ ކުޅުންތެރިއަކު ކައިިރިން ނައްޓާލުމަށް ފަހު ދިން ބޯޅަ އަބަހާނީގެ އޭރިއާ ތެރެއިން އިއްބެ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މިއީ މިނިވަން ޗެމްޕިއަންޝިޕުގައި ސ. ފޭދޫ ޓީމުން ވިދާލީ އިއްބެ ޓީސީ އަށް ބަދަލުވުމަށް ފަހު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މި މެޗުގައި ޓީސީގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ނޭޕާލް ކީޕަރު ކިރަން ޝެމްޝޮން އާއި މިސްރުގެ ޑިފެންޑަރު އީސާ އެލް މަގްރަބީ އަދި ފޯވާޑް ވިންސެންޓްގެ ކޮނޭލިއަސް ސްޓެވާޓް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ޓީސީ އަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ނުލިބުނު ނަަމަވެސް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ހާފްގައި ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) އަށް އަބަހާނީ ޑާކާގެ ކުޅުންތެރިން ވަނީ ގިނަ ފައުލުތަކެއް ކޮށްފަ އެވެ.

މި ހާފްގައި އަބަހާނީ ޓީމުގެ މިޑްފީލްޑަރު ޝާހިދުލް އާލަމަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޓީސީ އޭރިއާ ތެރެއިން ޝާހިދުލް ފޮނުބާލި ބޯޅަ ޓީސީ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ވަނަ ހާފްގައި އަބަހާނީން ފުރަތަމަ ހާފަށް ވުރެން ކުޅުނު ރަނގަޅު ކުރި ނަމަވެސް އެ ޓީމަށް ގޯލު ޖަހަން މާ ހުސް ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ.

މި ހާފްގައި ޓީސީން ވަނީ ބަދަލުތަކެއް ގެނެސް އެ ޓީމުގެ ލީޑު ހިފަހައްޓައިފަ އެވެ. މެޗުގެ ލީޑުފުޅާކުރަން ޓީސީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އެ ޓީމުގެ ކަޅޭ ހުސްކޮށްލާފައި ދިން ބޯޅަ ބޮންޑާ ފޮނުވާލި ނަމަވެސް ގޯލާ ސޯދާ ވާގޮތެއް ނުވި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އިއްބެ އަށެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ސީޒަން ފެށުމުގެ ކުރިން ވަނީ އިއްބެގެ ފަރާތުން މި އަހަރު މޮޅު ކުޅުމެއް ފެންނާނެ ކަމަށުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ.

މި ގްރޫޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ދެކުނު ކޮރެއާގެ ޕޮޗެއޯން އެފްސީ ވަނީ 2-0 އިން ކިރްގިސްތާންގެ އަލްގާ ބިޝްކެކް ބަލިކޮށްފަ އެވެ. މި ގްރޫޕްގެ ކޮންމެ ޓީމެއް މެޗެއް ކުޅެފައިވާއިރު އެއް ވަނައިގައި އޮތް ޕޮޗެއޯން އާއި ދެ ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޕޮޗެއޯން ކުރީގައި އޮތީ ލަނޑުގެ ގޮތުންނެވެ. ތިން ވަނައިގައި އޮތް އަލްގާ އާއި ހަތަރު ވަނައިގައި އޮތް އަބަހާނީ ޑާކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މި މުބާރާތުގައި ޓީސީ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ކިރްގިސްތާންގެ އަލްގާއާ ދެކޮޅަށެވެ.